ރަފާ: ރާއްޖޭގެ ޓީޓީގެ ކުރިމަގަށް އުޖާލާކަން ގެނެސްދެވިދާނެ ކުޅުންތެރިއެއް

ގައުމީ ޓީޓީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަން ޓްރޮފީއާ ރަފާ ހަވާލުވަނީ: އޭނާ އަކީ މިހާރު ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ --- ފޮޓޯ: ޓީޓީއޭއެމް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 56 ވަނަ ގައުމީ ޓީޓީ މުބާރާތުގައި މިހާތަނަށް ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން އެންމެ ބޮޑު ތަފާތަކީ އެ މުބާރާތުގައި ފެނިގެންދާ ނަތީޖާތަކެވެ. ހާއްސަކޮށް އެންމެ 13 އަހަރުގެ އަންހެން ޓީޓީ ކުޅުންތެރިޔާ ރަފާ ނާޒިމް ހޯދަމުންދާ ކާމިޔާބީތަކެވެ. އެ ކާމިޔާބީތަކާއެކު މިހާރު އޭނާ އަކީ ރާއްޖޭގެ އެއް ވަނަ އަންހެން ޓީޓީ ކުޅުންތެރިޔާ އެވެ.

ރަފާ އަކީ ވަރަށް ވެސް ހުނަރުވެރި ކުޅުންތެރިއެއްކަން އޭނާ ދައްކުވައިދީފިއެވެ. މި އަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ އެއް ކުޅުންތެރިޔަކީ ވެސް ރަފާ އެވެ. އޭނާ ދަނީ ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންތަކެއް ބަލިކޮށް، މުޅި ޓީޓީ އާއިލާއަށް ހައިރާންކަމާއި އުފާވެރިކަން ގެނެސްދެމުންނެވެ. އެއީ ރާއްޖޭގެ ޓީޓީގެ ކުރިމަގަށް ވެސް އުފާވެރި ހަބަރެކެވެ. ރަފާ އަކީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ދަރިއެކެވެ.

މި އަހަރުގެ މުބާރާތުގައި ފުރާވަރުގެ ކުޅުންތެރިޔާ ރަފާ އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދުމާ އެކު އެވެ. އޭނާ ވަނީ ޒުވާން ކުޅުންތެރިޔާ ލައިޝާ ފަތުހުﷲއާ އެކު ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާގެ މަގާމުގައި ކުރިން ހުރި މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފްގެ ޕެއާގެ މައްޗަށް ކުރި ހޯދައި، ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައެވެ.

ރަފާގެ ވިދާލުމާއެކު ފަހުގެ ތާރީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޓީޓީގައި ރަނިކަން ކުރަމުންދާ މުއީނާ އަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިހާރު މުއީނާ ދެ ވަނައަށް ވެއްޓިފައިވާ އިރު، އޭނާއަށް ވަނީ އަލުން އެއް ވަނަ ހޯދުމަށް އަލުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓްގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗުގައި ޝިއުރާ (ކ) އާއެކު މުއީނާ (ވ) ވާދަކުރަނީ: މުއީނާ އަކީ ކުރިން ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ --- އެމްއޯސީ ފައިލް ފޮޓޯ/ ޙުސައިން ސިނާން

ރަފާ ވަނީ ގައުމީ މުބާރާތުގައި އިއްޔެ ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. ރަފާ ވަނީ އިއްޔެ މިކްސް ޑަބަލްސް ޗެމްޕިއަންކަމާއި 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. މިކްސް ޑަބަލްސްގެ ފައިނަލުގައި މުއީނާ އާއި މޫސާ މުންސިފްގެ ޕެއާގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައި ރަފާ އާއި ޒީސްތު ނަސީމްގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ.

އަންހެނުންގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ރަފާ ހޯދީ ފައިނަލުގައި ލައިސާ އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. ލައިސާ އަކީ ވެސް ސީނިއާ ލެވެލްގައި ވިދަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. ލައިސާ ވަނީ ރަފާއާއެކު މިއަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެއަށް ރިހި މެޑެއްޔެއް ހޯދައިދީފައެވެ.

ރަފާ ވަނީ އަންހެނުންގެ ސިންގަލްސްގެ ވެސް ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލުން ރަފާ ޖާގަ ހޯދާފައިވަނީ ސެމީގައި ޝިއުރާ އަތުން 4-3 ސެޓުން މޮޅުވެގެންނެވެ. ފައިނަލުގައި ރަފާ ނުކުންނަން ޖެހޭނީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އޭނާ ނުކުންނަން ޖެހުނު މުއީނާއާ ދެކޮޅަށެވެ. މިދިޔަ އަހަރު ރަފާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މުއީނާ އެވެ. ފައިނަލުން މުއީނާ ޖާގަ ހޯދީ ސެމީގައި ފަސޭހަކަމާއެކު ސީދާ ހަތަރު ސެޓުން ފާތިމަތު ޖުމާނާ އަތުން މޮޅުވެގެންނެވެ.

އަންހެނުންގެ ސިންގަލްސް ފައިނަލުގައި މުއީނާއާ ދެކޮޅަށް ރަފާ ނުކުތުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. އެ މެޗުން ބަލިވިޔަސް މުބާރާތުގައި ރަފާއަށް އޭނާގެ ކާމިޔާބާއެކު ހުނަރުވެރިކަން ދައްކާލުމުގެ ޓާގެޓް ހާސިލްކުރެވޭނެ އެވެ. އޭނާ އަކީ ހަގީގަތުގައި ރާއްޖެއަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަން ވަނަތަކާ ހަމައަށް ގެނެސްދެވޭނެ ފަދަ ކުޅުންތެރިއެއްކަން ސާބިތުކޮށްދެވިއްޖެ އެވެ. ފާއިތުވެދިޔަ 13 އަހަރު ސިންގަލްސް ޗެމްޕިއަންކަން ހޯދި މުއީނާ ބަލިކޮށްލުމަކީ ވެސް ރަފާއަށް ނުވާނެކަމެކޭ މިހާރު ނުބުނެވޭނެ އެވެ.

comment ކޮމެންޓް