ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މާބޮޑަށް ވެއްޓިފައި ވާތީ، އޯޕެކް (އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް) އިން އެގައުމުތަކުގައި އުފައްދާ ތެލުގެ މިންވަރު މަދު ކުރުމަށް ނިންމައިފި އެވެ.
މި ގޮތަށް ނިންމާފައި ވަނީ ތެލުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ދަށްވެފައިވުމާ ގުޅިގެން ތެޔޮ އެކްސްޕޯޓު ކުރާ ނުވަތަ ތެލުން ލިބޭ އާމްދަނީ އަށް ބަރޯސާވާ ގައުމުތަކަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވަމުންދާތީ އެވެ.
ބުދަ ދުވަހު އަލްޖީރިއާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އޯޕެކްގެ މިހާރުގެ ރައީސް އަދި ގަތަރުގެ އެނާޖީ މިނިސްޓަރު މުހައްމަދު ބިން ސާލިހު އަލް ސަދާ ވިދާޅުވެފައި ވަނީ އެ ނިންމުމާ އެކު އޯޕެކް ގެ މެމްބަރު ގައުމުތަކުން ދުވާލެއްގެ މައްޗަށް ވިއްކާނީ 32.5 މިލިއަނާއި 33 މިލިއަނާ ދެމެދުގެ ފީފާގެ ތެޔޮ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި މިހާރު 33.2 މިލިއަން ފީފާގެ ތެޔޮ ދުވާލެއްގެ މައްޗަށް ވިއްކަ އެވެ.
އެމަޝްވަރާ ބައްދަލުވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިޖީރިއާގެ އޮއިލް މިނިސްޓަރު، އިމާނުއެލް އީބް ކަޝިކްވޫ ވިދާޅުވީ އެ ބައްދަލުވުމުގައި ނިންމި ނިންމުމަކީ ވަރަށް "ޕޮޒިޓިވް" ނިންމުމެއް ކަމަށެވެ.
ތެޔޮ އުފެއްދުން މަދު ކުރުމަށް އޯޕެކްގެ ހުރިހާ ގައުމަކުން އެއްބަސްވެފައިވާ އިރު ރަސްމީކޮށް މި އެއްބަސްވުމުގައި ކުލަ ޖެހިގެންދާނީ އަންނަ ނޮވެމްބަރު މަހުގައި ބާއްވާ އޯޕެކްގެ ބައްދަލުވުމުގައި އެވެ.
ބެލެވޭ ގޮތުގައި މި އެއްބަސްވުން ވުޖޫދަށް އައުމާ އެކު އޯޕެކްގެ ގައުމުތަކުން ދުވާލެއްގެ މައްޗަށް އުފައްދާ ތެޔޮ ފީފާގެ އަދަދުން 700،000 ތެޔޮ ފީފާ އުނި ކުރާނެ އެވެ. (ބީބީސީ)