ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނިފައި އޮތަސް ތަރައްގީއަށް ހުރަހެއް ނެތް: މިނިސްޓަރު ޠާރިގު

އެމްޑަބްލިއުއެސްސީގެ ޝޯރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ހިމެނިފައި އޮތަސް ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ހުރަހެއް ނެތް ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެ އެެވެ.

މިނިސްޓަރު ޠާރިގު އެހެން ވިދާޅުވީ، މިރޭ އެމްޑަބްލިއުއެސްސީގެ ޝޯރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރުވަން މަސައްކަތް ކުރާކަމަށެވެ. އެގޮތުން ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމުން ބޮޑެތި އުނދަގޫ ތަކެއް ވާނެ ކަމަށް ވާހަކަ ދައްކަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސީމެގް އެޖެންޑާގަ ރާއްޖެ ހިމެނުނެއްކަމަކު އަޅުގަނޑުމެންގެ ކުރިއެރުމަކަށް އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ. އަޅުގަނޑުމެން މިތިބީ މެމްބަރުންނާއި، ސަރުކާރުގަ މަސައްކަތްކުރާ ހުރިހާ ބޭފުޅުން ރާއްޖޭގެ ކުރިއެރުމަށް އެއްވެސް ފަހެއް ނުޖެހޭވަރަށް އަޅުގަނޑުމެން މަސައްކަތްކޮށް، ތިބޭފުޅުން ބޭނުންވާ ކުރިއެރުންތައް ރާއްޖޭގެ ހުރިހާ ރަށަކަށް ގެނެސްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްވެސް ޝަރުތަކާ ނުލައި އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކުގައި ބައިވެރިވެ، އަލުން މަޝްވަރާތައް ފެށުމަށް ހުކުރު ދުވަހު ސީމެގުން އެންގި އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން ވަނީ، "ސީމެގުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނޭކަމަށް އިންޒާރުދީފައިވާތީއާއި އަދި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންވާނޭ ކަމަކަށްވާތީ، ފިޔަވަޅުއެޅުމުން ސަލާމަތްވުމަށްޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް" ސަރުކާރަށް ގޮވާލައިފައެވެ.

ސީމެގުގެ ބަޔާނުގައި، ރާއްޖެއަށް ދިމާވާ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭން ކަމަށާއި ރާއްޖެއަށް އިސްލާހުވުމަށް އެހީވުމުގައި ކޮމަންވެލް އޮންނާނެކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް