ކުޑަކުދިންނަށް ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ޓީބީ ބޭސް ބޭނުންކުރަން ފަށައިފި

ޓިއުބަކިއުލޮސިސް ނުވަތަ ޓީބީ ޖެހިފައިވާ ކުޑަކުދިންނަށް ހާއްސަކޮށްގެން ދުނިޔޭގައި އުފެއްދި ފުރަތަމަ ޓީބީ ބޭސް ކެންޔާގައި ބޭނުންކުރަން ފަށައިފި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން އުފެއްދި އެ ބޭހުގައި ޓީބީ އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ތިން ބޭހަކާއި ކުޑަކުދިންނަށް އެންމެ އެކަށީގެންވާ ޑޯސޭޖު ހިމަނާފައިވާ އިރު ކުޑަ ކުދިންނަށް ކަމުދާނެ ގޮތަށް މޭވާގެ ރަހައެއް ލާނެ އެވެ.

މީގެ އިތުރުން ފަސޭހައިން ފެނަށް ގިރުވާލެވޭ އާ ބޭހުގެ ސަބަބުން، ފަރުވާއަށް ހަ މަސް ވަންދެން ކޮންމެ ދުވަހަކު ވެސް ބޭނުންކުރަން ޖެހޭ ޓީބީ ބޭސް ބޭނުންކުރުމުގައި ފަސޭހަތަކެއްވާނެ ކަމަށް މާހިރުން ބުނެ އެވެ.

ދުނިޔޭގެ ޓީބީ އެލިއެންސް އިން ބުނީ، މިއަދާ ހަމައަށް ކުޑަކުދިންނަށް އެކަށީގެންވާ ޑޯސޭޖަށް ހާއްސަ ބޭހެއް އުފެއްދިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކުދިންނަށް ބޭނުންވާ ޑޯސޭޖް ހަމަކުރުމަށް ދެމުން އައީ ބޮޑެތި މީހުންނަށްދޭ ޓީބީ ބޭހުގެ އެއްފަޅި ކަމަށެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި އިންފެކްޝަން ބަލި، ޓީބީ ޖެހިގެން އަހަރަކު ގާތްގަނޑަކަށް އެއް ބިލިއަން ކުދިން ބަލިވެ އެވެ. ކެންޔާ ހިމެނޭ އެފްރިކާ ބައްރަކީ އެ ބަލި އެންމެ ގިނައިން ފެންނަ ބައްރެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން 2014 ވަނަ އަހަރު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ އަހަރު ގާތްގަނޑަކަށް 140،000 ކުދިން ވަނީ ޓީބީ ބަލީގައި މަރުވެފަ އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކެންޔާގައި ބޭނުންކުރަން ފަށާ ކުޑަކުދިންނަށް ހާއްސަ ޓީބީ ބޭސް އެގައުމުގެ އެކި ކަންކޮޅުތަކަށް ހިލޭ ބަހަން ވަނީ ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭ އެހެން ގައުމުތަކަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް