މިއީ ކޮމަންވެލްތުން ވަކިވާންވީ ވަގުތު، މަޖިލިސް ހުޅުވުމުން ގޮތެއް ނިންމާނަން: ރިޔާޒު

މާލިއްޔަތު ކޮމެޓީގައި ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމަންވެލްތުގެ މެމްބަރު ކަމުން ރާއްޖެ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި މަޖިލިސް ހުޅުވުމާއެކު އެ ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕް(ސީމެގް) އިން އިއްޔެ ވަނީ ބައެއް ކަންކަން އިސްލާހު ކުރަން ރާއްޖެއަށް އިތުރު ފުރުސަތެއްދީ އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އެ ގްރޫޕުގެ އެޖެންޑާގައި ރާއްޖެ ހިމަނާފައެވެ.

ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގުރޫޕުން ބާއްވާ ބައްދަލުވުންތަކުގައި ރާއްޖެއަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ސީމެގުން އިސްލާހުކުރަން ހުށަހެޅި ހަ ކަމެއް އިސްލާހު ކުރަން އިތުރު ފުރުސަތު ދީފައިވަނީ އަންނަ މާރިޗު މަހާ ހަމައަށެވެ.

ކޮމަންވެލްތަށް އަބަދު ވެސް ފާޑުވިދާޅުވަމުން އަންނަ ރިޔާޒު މިރޭ "ސަން" އަށް ވިދާޅުވީ، ކޮމަންވެލްތު މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް އަބްދުﷲ ޔާމީން ކުރިން އެދިވަޑައިގެންފައިވާތީ، މަޖިލިސް އަލުން ހުޅުވުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވެސް ތިއްބެވީ ކޮމަންވެލްތުން ވަކިވާ ގޮތަށް ކަމަށް އިޝާރާތްކުރައްވައި ރިޔާޒު ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް އެންމެ ބާރު އަޅާނެ އެއް ބޭފުޅަކަށް އޭނާ ވާނެ ކަމަށެވެ. އަދި މިއީ އެ ގްރޫޕުން ރާއްޖެ ވަކިވާން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮމަންވެލްތުން ރާއްޖެ ވަކިވާންވިތާ އެތައް ދުވަހެއް ވެއްޖެ. ނަމަވެސް ވަގުތު ނުޖެހިގެން ކަމަށްވެސް ވެދާނެ. ރާއްޖެއަކީ އަބަދުވެސް ސުލްހައަށް މަސައްކަތްކުރާ ގައުމެއް. އެހެން ގައުމުތަކާ ގުޅިގެން މަސައްކުރާ ގައުމެއް،" ރިޔާޒު ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ނިންމުންތަކަކީ އަމިއްލައަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ތިއްބެވި ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ތުހުމަތުކުރައްވައި ރިޔާޒް ވިދާޅުވީ، ބޮޑެތި ގައުމުތަކުން ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރަން އުޅޭއިރު ރާއްޖެއާ އެކު ބޮޑެތި ބާރުތަކެއް ތިބި ކަން ހަނދާންކުރަންޖެހޭ ކަމަށެވެ.

"ބޮޑެތި ގައުމުތަކުން ރާއްޖެ ފިއްތަން އުޅޭއިރު ބޮޑެތި ގައުމުތައް ރާއްޖެއާ އެއްކޮޅަށް އެބަހުރި. އެކަން ހަނދާނަށް ވެސް ނާންނަނީތޯއޭ. މެދުއިރުމަތި ވެސް ޗައިނާ ވެސް އޮތީ ރާއްޖެއާ އެއްކޮޅަށް. އިނގިރޭސިން ގައުމުތައް އަޅުވެތިކޮށްގެން އުޅުމަކީ ބޯދާ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމަންވެލްތުން ދައްކާހާ ބިރަކަށް ސަރުކާރުން ޖެހިލުން ނުވާނެ ކަމަށާއި ރާއްޖެއާ މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.

ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވަނީ ކޮމަންވެލްތަކީ ދިވެހިރާއްޖެއަށް މާބޮޑު އެހީތެރިކަމެއް ވެދޭ ޖަމާއަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރިޔާޒު ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވާން 2012 ގައި މަޖިލީހަށް ބިލެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެ ބިލް މަޖިލީހުން ފާހެއް ނުވި އެވެ.

comment ކޮމެންޓް