ލޯންޗުގައި ރާއްޖެއިން މަލިކަށް ދެވޭނެ މަގު ތަނަވަސްވަނީ!

ގައުމީ ޔުނިވަސިޓީގެ ދަރިވަރުން މަލިކަށް ކުރި ދަތުރުގެ ތެރެއިން --- ފޮޓޯ//ޓްރެވަލް އެންޑް ޓުއާސް

ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި ކުރިން އޮތް މަލިކަށް ރާއްޖެއިން ސީދާ ލޯންޗުގައި ދަތުރު ކުރުމަށް ހުއްދަ ހޯދުމުގެ މަސައްކަތް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފަށައިފި އެވެ.

ދިވެހިން މަލިކުގައި ހޭދަކުރާ ދުވަސްތަކުގައި މިހާރު ވެސް ދަތުރުކުރުމުގައްޔާއި ތިބުމުގައި އެހީތެރިކަން ފޯރުކޮށް ދޭ އަންޑަވޯޓަ ޓްރެވަލް އެންޑް ޓުއާސްއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ލޯންޗުގައި ރާއްޖެއިން މަލިކަށް ދިއުމުގެ ހުއްދަ ހޯދުމަށެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އިމްތިޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރުން އެކަމަށް ފެހި ސިގުނަލެއް ދީފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާ ވެސް އެކަމާ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

މަލިކު ގޮނޑުދިށުގެ މަންޒަރެއް --- ފޮޓޯ//ޓްރެވަލް އެންޑް ޓުއާސް

ރާއްޖެއިން ސީދާ މަލިކަށް ދެވޭ ގޮތް ވެއްޖެނަމަ ދަތުރުކުރުމުގައި ލުއިފަސޭހަ ވެގެންދާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އެއީ މަލިކަށްދާން ޖެހެނީ އިންޑިއާގެ ކޮޗިންއަށް ދިއުމަށްފަހު ކަނޑުމަގުން 12 ގަޑިއިރުވަރު ދަތުރުކޮށްފަ އެވެ. ނަމަވެސް ސީދާ ދަތުރު ހަމަޖެހިއްޖެ ނަމަ ދެ ގަޑިއިރާ 30 މިނެޓުން ރާއްޖޭގެ އުތުރުގެ ރަށަކުން މަލިކަށް ދެވޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

އަންޑަވޯޓަ ޓްރެވަލް އެންޑް ޓުއާސްގެ އެހީގައި ދާދިފަހުން ދިވެހިންގެ ދެ ގުރޫޕެއް ވަނީ މަލިކަށް ގޮސްފަ އެވެ. އެއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންތަކަކާއި ދިވެހި ބަހުގެ އެކަޑަމީގެ ގުރޫޕަކުންނެވެ. އެފަރާތްތަކަށް ހުރުމާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދީފައި ވަނީ އަންޑަވޯޓަ ޓްރެވަލް އެންޑް ޓުއާސް އިންނެވެ.

މަލިކު މީހުންނަކީ ދިވެހިބަހުން ވާހަކަދައްކާ ދިވެހިންނާ އެއްގޮތް ސަގާފަތެއް ގެންގުޅޭ ބައެކެވެ. ވޭތުވެދިޔަ އަޟްހާ އީދުގައި މަލިކުގެ ގުރޫޕަކުން ވަނީ ހއ. އިހަވަންދޫއަށް އައިސް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް