މި މަހުގެ 12 ވަނަ ދުވަހު ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެ ރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު މުޙައްމަދުގެ ފައިގެ ދެ އިނގިލި އޮޕަރޭޝަނަކަށް ފަހު ބުރިކޮށްލައިފި އެވެ.
ސުއާދުގެ އާއިލާގެ މެމްބަރަކު 'ސަން' އަށް މިއަދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި އޮޕަރޭޝަންކޮށް ދެ އިނގިލި ބުޑުން ބުރިކޮށްލާފައިވާ ކަމަށެވެ. އޮޕްރޭޝަން ކުރީ އިންޑިއާގެ ހޮސްޕިޓަލެއްގައެ އެވެ. މިހާރު ސުއާދު އޮތީ އައިސީޔޫގައި ކަމަށާއި ހާލު އެހާ ރަނގަޅު ނޫން ކަމަށް އާއިލާއިން ބުންޏެވެ.
އިންޑިއާގައި ސުއާދު ބެލި ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ އަވަހަށް ފަރުވާ ދެވުނު ނަމަ އިނގިލި ބުރިކޮށްނުލައި ސަލާމަތްވީސް ކަމަށެވެ.
"މިކޮޅުން ޑޮކްޓަރުން ބުނީ އެކްސިޑެންޓްވިތާ ދޭއް ނުވަތަ ތިން ދުވަސްތެރޭ އައި ނަމަ އިނގިލިތައް އެއްކޮށް ބުރިކުރަން ނުޖެހުނީހޭ،" އާއިލާއިން ބުންޏެވެ.
އެ މައްސަލާގައި ވިލިގިލީ ޑޮކްޓަރުގެ އިހުމާލު އޮތްކަމަށް އާއިލާއިން ގަބޫލުކުރެ އެވެ. އަދި އެ މައްސަލަ ހެލްތު މިނިސްޓްރީ އިން ނުބަލާތީ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އެރަށު ފަތަނގުވިލާ އުމުރުން 22 އަހަރުގެ ސުއާދު ފްލައިޓްގައި މާލެ ގެންނަނީ -- ސަން ފޮޓޯ: އާއިލާ
އެކަމާ ބެހޭ ގޮތުން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ ސަން އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން އަމަލުކޮށްފައި ވަނީ ޑޮކްޓަރު އެންގި ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ޑޮކްޓަރު ވަކިގޮތަކަށް އަންގާފައި ވަނިކޮށް އެނޫން ގޮތަކަށް އަމަލުކުރުމުގެ ބާރެއް ހޮސްޕިޓަލްގެ މެނޭޖަރަށް ލިބިގެންނުވާ ކަމަށެވެ.
އެކަމުގައި ޑޮކްޓަރުގެ އިހުމާލެއް އޮތްތޯ ބެލުމަށް، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝާފިޒު ވިދާޅުވި އެވެ.
އިނގިލި ބުރިކޮށްލުމުގެ އިތުރުން ސުއާދަށް އިތުރު ޒަޚަމްތަކެއް ވެސް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ކަނާތު ފައިގެ ކަށިގަނޑުގައި ގިނަ ރެނދުތަކެއް ލާފައި ހުރުމާއި ކަނާތު ފައިގެ ހަންގަނޑާއި މަސްގަނޑު ކަފައިގެން ގޮސްފައި ހުރުން ހިމެނެ އެވެ.
ސުއާދުގެ ލަނގޮނޑިވަޅާއި ކޮނޑާ ދެމެދު އިންނަ ކަށިގަނޑުގައި ރެނދުލާފައިވާއިރު، ކޯ ކަށިގަނޑުގައި ވެސް ރެނދުލައި، އެކަށިގަނޑު ވަނީ ބިނދިގެން އެތެރެއަށް ވަދެފަ އެވެ.