ތޮއްޑޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ނިންމާލައިފި

އއ. ތޮއްޑޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމުގެ ތެރޭން -- ސަން ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އއ. ތޮއްޑޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބައިނަލްއަގްވާމީ ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ގެ އެހީތެރިކަމާއެކު، ރާއްޖޭގެ ސްކޫލްތަކުގެ ފިޒިކަލް އެޑިއުކޭޝަން (ޕީއީ) ޓީޗަރުންނަށް އަމާޒުކޮށްގެން ހޭންޑްބޯލް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ފަސް އަތޮޅެއްގެ 18 ރަށަކުން 40 ބައިވެރީން ހިމެނެއެވެ. އެ ޕްރޮގްރާމްގައި ކިޔަވައިދެއްވީ، ޖަރުމަނުގެ އިންސްޓަރަކްޓަރެއް ކަމަށްވާ މރ. ކްލައުސް ފެލްޑްމަންގްއެވެ.

އއ. ތޮއްޑޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމުގެ ތެރޭން -- ސަން ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ތޮއްޑޫގައި މި ޕްރޮގްރާމް ބޭއްވުމުގެ ކުރީން މާލޭގައި ވެސް ވަނީ، ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ބާއްވައިފައެވެ. އެގޮތުން މާލޭގައި ބޭއްވި ޕްރޮގްރާމުގައި ވެސް، މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭގޮތަށް 40 ޓީޗަރަކު ބައިވެރިވިއެވެ.

އައިއެޗްއެފްގެ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ، 2015 ވަނަ އަހަރު ދިއްލީގައި އޮތް އައިއެފްއެޗްގެ މެންބަރު ޖަމިއްޔާތަކުގެ ބައްދަލުވުމުގައި، ދެކުނު އޭޝިއާގެ ދެ ގައުމަކަށް ހުޅުވާލި ފުރުސަތުގައި 16 ގައުމަކާ ވާދަކޮށްގެންނެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުޖްތަބާ (މުޖޭ) ވިދާޅުވީ، ތޮއްޑޫގައި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެރަށު ސްކޫލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

"40 ބައިވެރީންގެ ތެރޭން 18 ބައިވެރީންނަކީ އެހެން ރަށްތަކަށް ނިސްބަތްވާ ބައިވެރީން. އެމީހުންގެ ކެއުމާ ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައި ދިނީ ތޮއްޑޫ ސްކޫލުން،" އޭނާ ވިދާޅުވިއެވެ.

އއ. ތޮއްޑޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމުގެ ތެރޭން -- ސަން ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އައިއެޗްއެފްގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ އިދާރާގެ އެހީތެރިކަންވެސް ލިބުނުކަން ހޭންޑްބޯލް މޯލްޑިވްއިން ފާހަގަކުރެއެވެ.

"އައިއެޗްއެފްއިން މި ފޯރުކޮށްދެނީ، އިންސްޓްރަކްޓަރާއި މެޓީރިއަލްސްއަށް ދާ ޚަރަދުތައް. ދެން ހުރިހާ ޚަރަދެއް ކުރާން މި ޖެހެނީ ހޭންޑްބޯލް މޯލްޑިވްސްއިން. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިން. އެކަން އަޅުގަނޑުމެން ފާހަގަކުރަން،" ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވިއެވެ.

ހޭންޑްބޯލް އަކީ، މިހާރު ރާއްޖޭގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކުޅިވަރެކެވެ. އެގޮތުން މި ކުޅިވަރު ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށްޓަކައި ހޭންޑްބޯލް މޯލްޑިވްސްއިން ދަނީ، ސްކޫލްތަކާއި އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ތަފާތު ހަރަކާތްތައް ރާވައި ހިންގަމުންނެވެ.

comment ކޮމެންޓް