ދުނިޔޭގެ އެންމެ މަގްބޫލު ކައިވެނި މަންޒިލަކަށް ރާއްޖޭގެ ދުސިތު ތާނީ

ރާއްޖޭގެ ދުސިތު ތާނީ --- ފޮޓޯ/ ފޭސްބުކް

ދުނިޔޭގައި ދޭ ހަމައެކަނި ލަގްޒަރީ ވެނިއު އިންޑަސްޓްރީ އެވޯޑް، "ޕްރިސްޓިޖަސް ސްޓާ އެވޯޑް"ގައި ކައިވެންޏެއް ބާއްވަން ދުނިޔޭގެ އެންމެ މަގްބޫލު ތަނަކަށް ބ. އަތޮޅުގައި އޮންނަ ރާއްޖޭގެ ދުސިތު ތާނީ (ބ. މުއްދޫ) ހޮވިއްޖެ އެވެ.

ލަންޑަނުގައި މި މަހުގެ 16 ވަނަ ދުވަހު ބޭއްވި މިއަހަރުގެ "ޕްރިސްޓިޖަސް ސްޓާ އެވޯޑް" ރަސްމިއްޔާތުގައި ދުސިތު ތާނީ އަށް އަށް ދުނިޔޭގެ އެންމެ މަގްބޫލް ކައިވެނި މަންޒިލް އެވޯޑް ލިބުނީ، އެ ކެޓަގަރީއަށް ނޮމިނޭޓްވި ނުވަ ފަރާތުގެ ތެރެއިން ފައިނަލިސްޓުންނަށް ނޮމިނޭޓުވި މޮރޮކޯގެ ޕަލައި ރޯލް އެންޑް ސްޕާ އަދި އިޓަލީގެ ޕުލިނިއޭން ވިލާ އާ ވާދަކޮށްގެންނެވެ.

ތައިލެންޑުގެ މަލްޓިނޭޝަނަލް ހޮސްޕިޓޭލިޓީ ކުންފުންޏެއް ކަމަށްވާ ދުސިތު އިންޓަނޭޝަނަލް އިން ތައިލެންޑް، ޔޫއޭއީ، ޗައިނާ، އެމެރިކާ، ފިލިޕީންސްގެ އިތުރުން އިންޑިއާ، މިސްރު އަދި ކެންޔާގައި 29 ތަނެއް ހިންގަމުންދާއިރު، ދުސިތު ތާނީ މޯލްޑިވްސް އަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހިންގާ ހަމައެކަނި ރިސޯޓެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހު ލަންޑަނުގައި ބާއްވާ "ޕްރިސްޓިޖަސް ސްޓާ އެވޯޑް" ރަސްމިއްޔާތުގައި 20 ދާއިރާ އަކުން އެންމެ ފާހަގަކޮށްލެވޭ ވެނިއުތައް ހޮވުމަށްފަހު އެވޯޑްދެ އެވެ.

އެގޮތުން މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި އެންމެ ގިނަ އެވޯޑެއް ގެންގޮސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުގެ ތަންތަނަށް 20 ކެޓަގަރީން ހަތް އެވޯޑެއް ލިބިފައިވާއިރު، އެމެރިކާ އާއި ތުރުކީ އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ވަނީ ކޮންމެ ގައުމަކުން ދެ އެވޯޑް ގެންގޮސްފަ އެވެ.

މިއަހަރުގެ އެވޯޑަށް އަހަރުގެ ތެރޭގައި ދުނިޔޭގެ 2000 ވެނިއު އެއް ޝޯޓްލިސްޓުކޮށް، 200 ފަރާތެއް ނޮމިނޭޓްވެ ވޯޓްލުމަށް ހުޅުވާލާފައިވެ އެވެ.

comment ކޮމެންޓް