އިންޑިއާގެ ކޮމީޑިއަން ކަޕިލް ޝަރްމާ ޗުއްޓީއަށް ރާއްޖޭގައި

ކަޕިލް ޝަރުމާ ރާއްޖެ އައިސް، އެއާޕޯޓުގެ މުވައްޒަފަކާއެކު ސެލްފީއެއް ނަގަނީ -- ފޮޓޯ/ ވާސިލު

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ކަޕިލް ޝަރުމާ ރާއްޖެ އައިސްފައިވަނީ ސްރީލަންކަން އެއާލައިނުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ ޗުއްޓީ ހޭދަކުރުމަށް ފުރާފައިވަނީ ތާޖް އެގްޒޯޓިކާ ރިސޯޓަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކަޕިލް، 35، އަކީ އިންޑިއާގެ ސްޓޭންޑަޕް ކޮމީޑިއަން އެއްގެ އިތުރުން ޓީވީ ޕްރެޒެންޓަރު އަދި އެކްޓަރެކެވެ. ދެހާސް ހަތްވަނަ އަހަރުގެ "ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް" ޝޯ ކާމިޔާބު ކުރުމަށްފަހު ބެލުންތެރިންގެ މަގްބޫލުކަން ހޯދި، ކަޕިލް ވަނީ "ކޮމެޑީ ނައިޓްސް ވިތް ކަޕިލް" ގެ ނަމުގައި ތިން އަހަރު ވަންދެން ކާމިޔާބު ޝޯއެއް ގެނެސްދީފައެވެ.

މިހާރު އޭނާ ދަނީ ސޮނީ އެންޓަޓައިންމަންޓް ޓެލެވިޒަން އިން ގެނެސްދޭ ކޮމެޑީ ޗެޓް ޝޯއެއް ކަމަށްވާ "ދަ ކަޕިލް ޝަރްމާ ޝޯ" ހޯސްޓް ކުރަމުންނެވެ.

ކަޕިލް ޝަރްމާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވެސް ވަނީ މިމަހުގެ ތެރޭގައި އޭނާގެ އާއިލާއާއެކު ރާއްޖެ އައިސް، އޭނާގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފައެވެ.

comment ކޮމެންޓް