ހަރަދު ކުޑަ، އަރާމް ޗުއްޓީއަކަށް އަތޮޅުތެރެ!

ތޮއްޑޫގައި އީދު ފާހަގަ ކުރުން

އުފަލެއް މިނިވަން ކަމެއް ނެތް މި މާލޭގައި ދިރިއުޅޭ އެ ޒުވާނާ ބަންދެއް އަތުވެއްޖެ ނަމަ އަބަދުވެސް ދަނީ ރާއްޖެ އިން ބޭރަށެވެ. މަގުސަދަކީ އަންހެނުންނާއި ދަރިން އުފާކޮށްދިނުމެވެ. ހިތްހަމަޖެހޭ މާހައުލެއް ހޯދައިދިނުމަށެވެ. މާލީ ކަންކަން ހުރިގޮތުން މިފަހަރު އޭނާ ހިޔާރު ކުރީ އަތޮޅުތެރެ އެވެ. ކ. ދިއްފުއްޓެވެ. ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން މާބޮޑެވެ. އެ ދަތުރަށް ފަހު މިއޮތް ހުރިހާ ދުވަހު ބަންދުތަކުގައި އޭނާއަށް ހެދުނީ ގޯހެއްކަން މިވަނީ އިހުސާސްކުރެވިފަ އެވެ.

"މާ ހިތްހަމަޖެހޭ، މާ އަރާމު، ދަރިފުޅަށް ވެސް މާ މަޖާ، މާ މިނިވަން އަސްލު ވެސް، އަދި ސަޅިތަންކޮޅަކީ މާ އަގުވެސް ހެޔޮ،" އޭނާ ބުންޏެވެ.

މީގެ ކުރިން އަވައްޓެރި ގައުމަކަށް ދެ ތިން ދުވަހުގެ ޗުއްޓީއަކަށްދާ އިރު 40000 ރުފިޔާ އޭނާ އަތުން ހަރަދުވެ އެވެ. އަތޮޅު ތެރެއަށް މަންމައާއި ބައްޕައާ އެކު އާއިލާ ގޮވައިގެން ދިޔަމުންވެސް އެއަށް ވުރެ ދެ ގުނަ ހަރަދު ކުޑަ އެވެ. ދިރިއުޅެން ލިބުނު ކޮޓަރިއާއި ކެއުމަށް ބަލާއިރު ވެސް މާ ރަނގަޅެވެ.

ދިއްފުށި ގެސްޓް ހައުސް-- ސަން ފައިލް ފޮޓޯ

ޅަދަރިން ގޮވައިގެން ނުވަތަ ޒުވާނުން އަތޮޅުތެރެއަށް ގޮސް އަތޮޅުތެރޭ ދިރިއުޅުން ބަލާލުމުން ގައުމަށް އޮތް ލޯބި އިތުރުވާނެ އެވެ. އީދުފަދަ ހާއްސަ ދުވަސްދުވަހު އަތޮޅު ތެރޭ ރަށްރަށުގައި އޮންނަ އީދު ފޯރިއާއި ދިވެހި ސަގާފަތް ޅަދަރިންނަށް، އަދި އެކި އުމުރުގެ ދިވެހިންނަށް ފެނުމަކީ ގައުމީ ވަންތަކަން އާލަވާނެ ކަމެކެވެ. އަދި ރަށްރަށުގެ ރައްޔިތުން ގުޅިގެން އެކުގައި އުޅޭ މަންޒަރު ފެނުމަކީ ގުޅުން ބަދަހިވާނެ ކަމެކެވެ. އެހެން ގައުމުތަކުގެ ސަގާފަތް ދެއްކުމާއި އެކަންކަމަށް ކުދިންގެ ހިތްތަކުން ޖާގަ ނުދީ ދިވެހިންގެ އުޅުމާއި އަހުލާގީ މަންޒަރު ޅަދަރިންނަށާއި ޒުވާނުންނަށް ދެއްކުމަށް އަވަސްވެގަންނަންޖެހެ އެވެ.

ރާއްޖެ އިން ބޭރަށް ގޮސް ހިތް އުފާކޮށްލުމަށް ތަފާތު ޕާކުތައް އިހުތިޔާރުކުރާއިރު އަތޮޅުތެރޭ ރީތި ހިތްގައިމު ގޮނޑުދޮށްތަކުން އެ އުފާ މާފުރިހަމަކޮށްލިބެ އެވެ. ފަޅުރަށްތަކަށް ދަތުރުދިއުމާއި މަސް ދަތުރު ދިއުން ނުވަތަ ފީނަން ދިއުން ފަދަ ހަރަކާތްތަކީ ޖީބަށް ލުއިގޮތަކަށް ޗުއްޓީ އުފާކުރުވާނެ ކަންކަމެވެ.

އޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަކީ ތާރީޚީ ގޮތުން ނުވަތަ ގުދުރަތީ ގޮތުން ހާއްސަ ކަންކަން ލިބިގެންވާ ރަށްރަށެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާ އިރު ރަށްރަށް އުފެދިފައިވާގޮތާއި އެ ރަށްރަށުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފަޅީގެ އިތުރުން ކެއުންފަދަ ކަންކަން ވެސް ތަފާތެވެ. ފެންނަން ހުރި އާސާރީ ތަންތަން ވެސް ގިނައެވެ. އެހެންކަމުން މިއީ ކޮށްލަން ރަނގަޅު ތަޖުރިބާއެކެވެ.

ހަރަދު މާ ކުޑަ އަދި އަރާމް!

ޗުއްޓީއަށް އަތޮޅުތެރެއަށް ދިއުމަށްބަލާއިރު ގެސްޓްހައުސްތަކުން އެކަށީގެންވާ އަގުގައި ކޮޓަރި ލިބެއެވެ. ރިސޯޓެއް ފަދަ ކ. މާފުއްޓަށް ބަލާއިރު ގެސްޓްރޫމްތައް 800 ރުފިޔާއާއި 1500 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައި ލިބޭއިރު ހެނދުނު ސައި ހިލޭލިބެ އެވެ. އެރަށަށް ދިއުމަށް ޓިކެޓަށް ކުރަން ޖެހޭ ހަރަދު ކުޑައެވެ. ވ. އަތޮޅާއި ރާއްޖޭގެ އެހެން ހިސާބުތަކުން އަރާމު ކޮޓަރިތައް 400 އެއްހާ ރުފިޔާއަށްލިބެ އެވެ.

ރާއްޖޭގެ ހިތްގައިމު ހިސާބުތަކަށް ދިއުމަށް ރާއްޖެއިން ބޭރަށްދާން ކުރަން ޖެހޭ ހޭދައަށް ވުރެ ކުޑަ ހޭދައެއް ކުރަންޖެހޭ އިރު، ބޭރުގެ ގައުމު ތަކުގެ އެތެރޭގެ ދަތުރުތަކާއި އެހެނިހެން ކަންކަމުގައި ކުރަން ޖެހޭ ހޭދައަށްވުރެ މިބުނާ ރަށްތަކުގައި އެފަދަ ހޭދަތައް ވެސް ހާސްބައި ކުޑަ އެވެ. އަދި ރައްކާތެރިކަން ވެސް މާ އިތުރެވެ.

އިގްތިސާދަށް ބޮޑު ގެއްލުމެއް!

ބަންދެއް ވާއިރަށް ދާންވީ ރާއްޖެއިން ބޭރަށެވެ. އަތުގައި ހުރިއްޔާ ހުރި ފައިސާއެއް އެކަމަށެވެ. ލިބުނު އަގެއްގައި ޑޮލަރު ގަނެގެން ރާއްޖެއިން ބޭރަށް ދާއިރު އެއީ ދިވެހި އިގްތިސާދަށް ވެސް އަދި މިގައުމަށް ވެސް އޮތް ބިރެކެވެ. މަރުކަޒީ ބެންކުން ކޮންމެ ހަފްތާއަކު ދަތުރުވެރިންނަށް ހަތަރު މިލިއަނެއްހާ ޑޮލަރު ވިއްކަ އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު ވިދާޅުވި ގޮތުގައި ޗުއްޓީއަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރު މަދުކޮށް އަތޮޅުތެރެ އިހުތިޔާރު ކުރަންޖެހެ އެވެ. ޑޮލަރަށް އޮންނަ ޑިމާންޑު ކުޑަވެ އިގްތިސާދަށް ހަމަޖެހުމެއް އަންނާނީ އޭރުން ކަމަށް މަންސޫރު ވިދާޅުވި އެވެ.

ރާއްޖޭގައި ބައެއް ހިދުމަތް ބޭނުން!

ދިވެހީންގެ ގިނަ ބަޔަކު ހިތް އުފާކުރަންދާ ސްރީލަންކާއަށް ދިއުމަށް ޓިކެޓަށް ކުރަންޖެހޭ ހަރަދާއި ރާއްޖޭގެ އުތުރަށް ނުވަތަ ދެކުނަށް ފްލައިޓުންދިއުމަށް ކުރަން ޖެހޭ ހޭދައާއި އެއްވަރު ވުމަކީ އެތައް ބައެއްގެ ޝަކުވާއެވެ. ދިވެހީން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ މަގު ފަހިކުރުމަށް ޓިކެޓަށް ހެޔޮ ބަދަލެއް އަންނަންޖެހެއެވެ.

ސްރީލަންކާގެ ސެންޓްރަލް ބޭންކު އިމާރާތް --

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވި ގޮތުގައި ޓިކެޓު އަގު ހެޔޮ ނުކުރެވެނީ ފުލައިޓްތަކުގެ މެއިންޓެނަންސް ހަރަދުތައް ވެސް ބޮޑުވުމުން ކަމަށެވެ. ހެޔޮއަގުގައި ޓިކެޓު ބޭނުންވާ ނަމަ ކުރިއާލާ ދަތުރު ޕްލޭންކޮށްގެން އަވަހަށް ޓިކެޓު ނެގުމުން ޓިކެޓުގެ އަގު ހެޔޮވާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި އެންމެ ގިނަ ބައެއްގެ މަގުސަދަކަށް ވާނީ އަގުހެޔޮކޮށް އަންނައުނު ހޯދުމެވެ. އަވައްޓެރި ގައުމުތަކުގައި ވަރަށް ހެޔޮއަގުގައި އެކަންވާން އެބަހުއްޓެވެ. ދިވެހިން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް މަދުކުރަން އެދޭ ނަމަ އެފުރުސަތު ރާއްޖެ އިން ލިބޭނެގޮތް ވެސް ހަމަޖައްސަން ޖެހެ އެވެ.

އަތޮޅުތެރޭ ރަށްރަށަކީ ތާރީހީ ގޮތުން ނުވަތަ ގުދުރަތީ ގޮތުން ހާއްސަ، ރީތި ކަންތައްތަކެއް ލިބިގެންވާ ރަށްރަށް ނަމަވެސް މީހުންނަށް އެކަންކަން އަންގައިދީފައި ވަނީ ވަރަށް ވެސް މަދުންނެވެ. ރަށްރަށު ކައުންސިލްތަކުން އެ ރަށްރަށަށް މީހުން ގެންދިއުމަށް ޓަކައި އެ ރަށްރަރަށް ލިބިފައިވާ ފުރިހަމަކަން އިސްތިހާރުކުރަންޖެހެ އެވެ.

ކޮންމެ އަކަސް އީދު ބަންދުން ގިނަ ބަޔަކަށް ވަނީ ވަރަށް ވެސް އުފާވެރި ތަޖުރިބާއެއް ކުރެވިފަ އެވެ. ރާއްޖެ އިން ބޭރަށް ދާން ކުރަން ޖެހޭ ހޭދައާއި އެތަކުލީފަށް ވުރެ އަތޮޅުތެރެއަށް ދިއުމަށް ކުރާ ދަތުރު މިވަނީ މާ އަރާމު، އަދި ޖީބަށް ވެސް ލުއި ދަތުރަކަށް ވެފަ އެވެ. އަދި އަތޮޅުތެރެއިން ލިބޭ ހިތްހަމަޖެހުން ވެސް މާ ރަނގަޅެވެ.

comment ކޮމެންޓް