ކޭތަ ހިފާ އިރު، މިރޭގެ ހަނދު ފެންނާނީ 14 ޕަސަންޓު ބޮޑުކޮށް

މީގެ ކުރިން ހިފި ސުޕަރމޫން ހަނދުކޭތައެއް --

ހަނދުކޭތަ ހިފަނީ ހަނދާއި އިރުގެ ދެމެދަށް ދުނިޔެ، ސީދާ ރޮނގަކަށް ވާ ގޮތަށް އައުމުންނެވެ. އިރުގެ އަލިކަމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅެނީ އެވެ. އެއީ ކޭތަ ހިފާ ގޮތެވެ.

މިރޭ ހިފަނީ ވަރަށް ޚާއްސަ ހަނދުކޭތަ އެކެވެ.

ދުނިޔޭގެ އުތުރު ފަޅި ނުވަތަ ނޮދަން ހެމިސްފިއާއަށް ޚަރީފް މޫސުން (އޯޓަމް ސީޒަން) އައުމުގެ ކުރިން ފެންނަ ފުރިހަމަ ހަނދު (ފުލް މޫން) އަށް ކިޔަނީ ހާވެސްޓް މޫން އެވެ. މިރެއަކީ ހަނދު މަހުގެ 14 ވަނަ ދުވަހުގެ ރޭ ކަމަށް ވާ އިރު، މިރޭ ފެންނާނީ ފުރިހަމަ ހަނދެކެވެ. ނޮދަން ހެމިސްފިއާއަށް ހާވެސްޓް މޫން އެކެވެ.

ހާވެސްޓް މޫންއެއްގައި ހަނދުކޭތައެއް އެންމެ ފަހުން ހިފާފައި ވަނީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގައި ކަމަށް ތާރީޚުން ދައްކައެވެ. އޭގެ ހަތް އަހަރު ފަހުން މިރޭ ވެސް ހާވެސްޓް މޫން ކޭތައެއް ހިފާ އިރު، ދެން ހާވެސްޓް މޫން ހަނދުކޭތައެއް ހިފާނީ މީގެ އަށް އަހަރު ފަހުން، 2024 ވަނަ އަހަރު ކަމަށް ފަލަކީ އިލްމުވެރިން ބުނެ އެވެ.

އެއީ ދުނިޔޭގެ އެއް ބަޔަކަށް މި ހަނދުކޭތަ ޚާއްސަވާ ސަބަބެވެ.

އެހެން ނަމަވެސް ދުނިޔޭގެ ދެކުނު ހެމިސްފިއާގެ ގައުމުތަކަށް މިދުވަސްވަރަކީ ރަބީޢު މޫސުން ފަށަން އުޅޭ ދުވަސްވަރެވެ. މީގެ އިތުރުން ރާއްޖެ ހިމެނޭ، އޭޝިއާ ސަރަހައްދަށް މި މޫސުންތައް ނުވެސް އާދެއެވެ.

އެކަމަކު ވެސް ރާއްޖޭގެ ސަރަހައްދަށް ވެސް މިރޭގެ ހަނދުކޭތަ ވަރަށް ޚާއްސައެވެ. އެއީ، މިރޭގެ ހަނދަކީ ސުޕަރ މޫންއަކަށް ވާތީ އެވެ. މިރޭ ހަނދު ފެންނާނީ، އާންމުކޮށް ފެންނަ ވަރަށް ވުރެ 14 ޕަސަންޓު ބޮޑު ކޮށެވެ.

ސުޕަރ މޫންއެއް ފެންނާނީ، ހަނދު އޭގެ އޯބިޓުގައި ދުނިޔެ ވަށައިގެން އެނބުރޭ އިރު، ދުނިޔެއާ އެންމެ ކައިރިވާ ފަހަރުތަކުގައެވެ.

އެހެންކަމުން، މިރޭގެ ހަނދަކީ ތިން ކަމެއް އެއްފަހަރާ ހިނގާ ހަނދެކެވެ. ސުޕަރ-ހާވެސްޓް މޫން އިކްލިޕްސް އެކެވެ.

މިރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 9:54 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 11:54 ގައެވެ. އެއަށް ފަހު ކޭތަ ވީއްލަން ފަށާ އިރު، މިރޭ ދަންވަރު 1:54 ވާ އިރު ކޭތަ އެއްކޮށް ވީއްލާނެވެ.

comment ކޮމެންޓް