މެސީގެ ހެޓްރިކާއި ނޭމާ އަދި ސުއަރޭޒްގެ މޮޅު ކުޅުމާއެކު ސެލްޓިކް އަތުން ބާސާއަށް ބޮޑު މޮޅެއް

ސެލްޓިކް ކޮޅަށް ޖެހި ލަނޑަކާއެކު ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވެފައިވަނީ 7-0 ލަނޑުން --- ފޮޓޯ: ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ހެޓްރިކާއި ބްރެޒިލް ތަރި ނޭމާ އާއި އުރުގުއާއީ ތަރި ސުއަރޭޒްގެ މޮޅު ކުޅުމާއެކު ސެލްޓިކް އަތުން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި ސްކޮޓްލެންޑް ޗެމްޕިއަން ސެލްޓިކް އަތުން ސްޕެއިން ޗެމްޕިއަން ބާސާ މޮޅުވެފައިވަނީ 7-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނޭމާ ނަގައިދިން ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ބާސާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ސެލްޓިކަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑެމްބެލޭ އަށް ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ކުރި ފައުލަކާ ގުޅިގެން ސެލްޓީކް އަށް ލިބުނު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ސެލްޓިކަށް ލިބުނު ޕެނަލްޓީން ޑެމްބެލޭ ފޮނުވާލި ޕެނަލްޓީ ބާސާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފައެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނޭމާ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެސީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ބާސާއަށް ލިބުނު ހިލޭ ޖެހުމަކުން ބާސާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނޭމާ އެވެ. ބާސާގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 59 ވަނަ މިނެޓުގައެވެ. ނޭމާ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެވެ.

ބާސާއިން ހަތަރު ވަނަ ލަނޑު ކާމިޔާބުކުރިތާ މިނެޓެއް ތެރޭ އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ސުއަރޭޒް ދިން ބޯޅައަކުން މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެސީއަށް ބޯޅަ ދިން ނަމަވެސް، ސުއަރޭޒަށް ވެސް އެ ލަނޑު ޖެހުމުގެ ފުރުސަތު އޮތެވެ.

ބާސާ އިން ކާމިޔާބުކުރި ހަ ވަނަ ލަނޑާއި ހަތް ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ސުއަރޭޒް އެވެ. އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައި ނޭމާ ދިން ބޯޅައަކުންނެވެ. އަދި ސުއަރޭޒް ޖެހި ފަހު ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މެސީ ދިން ބޯޅައަކުންނެވެ.

އެ ގްރޫޕްގައި ރޭ މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ މޮންޗެންގްލެބާކް ބައްދަލުކުރަން ހަމަޖެހުނު މެޗު ވިއްސާރައިގެ ސަބަބުން ވަނީ ފަސްކޮށްފައެވެ.

comment ކޮމެންޓް