އިއްޔެގެ ހުކުރު ނަމާދަށް 1.5 މިލިއަން މީހުން އަރައިފި

އިއްޔެގެ ހުކުރު ނަމާދަށް ޖަމާވި މީހުން --

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އެރެބިޔާ އަށް ގޮސް ތިބި މީހުންގެ ތެރެއިން އިއްޔެ ކައުބަތުﷲގެ ގެފުޅު ދޮށަށް ހުކުރު ނަމާދަށް ޖަމާވި މީހުންގެ އަދަދު 1.5 މިލިއަނަށް އަރާ ކަމަށް ސައުދީ ގެޒެޓުން ބުނެފި އެވެ.

ކައުބާގައި އިއްޔެގެ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޝައިހު ފައިސަލް ގައްސާވީ އެވެ.

އިމާމު ވިދާޅުވީ ސިޔާސީ ގޮތުން ކުރިއެރުން ހޯދުމަށް ހައްޖު މޫސުމުގެ ފައިދާ ނަހަމަ ގޮތުގައި ނެގުމަށް އަދި އެއް މުސްލިމަކު އަނެއް މުސްލިމެއްގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމަކީ ކުރަން ހެޔޮވަރުވާ ކަމެއް ނޫން ކަމަށެވެ. އަދި ޝައިހު އިންޒާރު ދެެއްވީ އެއް ހައްޖުވެރިއަކު އަނެއް ހައްޖު ވެރިއަކަށް ގޯނާވާނެ ފަދަ ކަމެއް ނުކުރުމަށާއި ކޮންމެ ބޭފުޅެއްގެ ވެސް އިހްސާސްތަކަށް ކަމޭ ހިތަން ޖެހޭނެ ކަމަށެވެ.

މިދުވަސް ވަރު މައްކާގެ ހޫނުމިން ހުރީ 43 ސެލްސިއަސްގަ އެވެ. އަދި ހައްޖުވެރިން ގިނައިން ފެން ބުއިމަށާއި އަތުގައި ފެންފުޅިއެއް ގެންގުޅުމަށް ވެސް ސައުދީގެ ރަސްމީ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

މިއަހަރު ބޭރުގެ ގައުމުތަކުން 1.4 މިލިއަން މީހުން ހައްޖަށް ޖަމާވެފައިވާ ކަމަށް ސައުދީގެ ރަސްމީ ފަރާތްތަކުން ލަފާކުރެ އެވެ. އަދި ސައުދީ އިން ވެސް 300،000 ވަރަކަށް މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް ލަފާކުރެ އެވެ.

comment ކޮމެންޓް