ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ކަމަށް ބުނެ ގިނަ ފަރާތްތަކަކަށް އެކި ކަހަލަ ތުހުމަތުތައް ކޮށް އަލްޖަޒީރާ އިން ނެރުނު "ސްޓީލިން ޕެރަޑައިސް" ގައި ޣައްސާން މައުމޫނާ ގުޅޭ ހިމަނާފައިވާ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.
އަލްޖަޒީރާއިން ރާއްޖެއާ ގުޅޭ ގޮތުން ނެރުނު އެ ރިޕޯޓުގައި ވަނީ ޣައްސާން މައުމޫނުގެ ބޮޑު ފޮޓޯއެއް ހިމަނައިފަ އެވެ. ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ރާއްޖެއަށް ގިނަ އަދަދެއްގެ ފައިސާ އެތެރެކުރާން ރޭވި ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ އިރު ދިވެހީންގެ ތެރެއިން އެ ކަމުގައި ޝާމިލުވާ މީހުންގެ ތެރޭގައި ޣައްސާން ވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ހެއްކެއް ދައްކާފައެއް ނުވެ އެވެ.
ޣައްސާން ސަން އަށް ވިދާޅުވީ ގާނޫނާ ގަވައިދާ ޚިލާފު އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވަޑައިގެންފައި ނުވާނެ ކަމަށާއި ރިޕޯޓުގައި އޭނާގެ ނަން އެގޮތަށް ބޭނުންކޮށްފައި އޮތުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ޣައްސާން ވިދާޅުވި އެވެ.
"އަލްޖަޒީރާގެ ރިޕޯޓުގައި އަޅުގަނޑުގެ ބޮޑު ފޮޓޯއެއް ދައްކައި އަޅުގަނޑާ ގުޅޭ ގޮތުން ހިމަނާފައި އެ ވަނީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް. ގާނޫނާ ގަވައިދާ ޚިލާފު އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ،" ޣައްސާން ވިދާޅުވި އެވެ.
އަލްޖަޒީރާގައި އޭނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ގެނެސްފައިވާ ކަމަށް ޣައްސާން ވިދާޅުވި އިރު އެ ރިޕޯޓުގައި ވާ ބައެއް ވާހަކަތައް އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ދޮގުކުރައްވައިފަ އެވެ.
އެ ގޮތުން ސްޓީލިން ޕެރަޑައިސް ރިޕޯޓާ ގުޅުވައިގެން އަލްޖަޒީރާއިން ގެނެސްދިން އެހެން ރިޕޯޓެއްގައި އިދިކޮޅު ފަރާތްތަކާ ގުޅުމަށް ރައީސް ނަޝީދު ރައީސް މައުމޫނަށް 50،000 ޑޮލަރު ދިން ކަމަށް ބުނާ ވާހަކަ ރައީސް ނަޝީދު އަދި ރައީސް މައުމޫނު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ. މީގެ އިތުރުން ސްޓީލިން ޕެރަޑައިސް ރިޕޯޓުގައި ރައީސް ޔާމީން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފޮނުއްވި ކަމަށް ބުނާ މެސެޖެއްގެ ވާހަކަ އުމަރު ނަސީރު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ. އުމަރު ވިދާޅުވެފައި ވަނީ އެފަދަ އެއްވެސް މެސެޖެއް ރައީސް ޔާމީން ނުފޮނުއްވާ ކަމަށާއި އަލްޖަޒީރާއިން އެހެން ކިޔާފައި ފޮނުވާފައި ވަނީ ދޮގު މައުލޫމާތެއް ކަމަށެވެ. އެފަދަ އެއްވެސް މެސެޖެއް އަލްޖަޒީރާގައި ނޯންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން އޮޑިޓް އޮފީހުގައި ރޯކޮށްލަން ޖެހޭ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ އޮފިޝަލަކަށް ފޮނުއްވި މެސެޖަކާއި އެ މެސެޖަށް ފުލުސް މީހާ ދިން ޖަވާބު ކަމަށް ބުނެ އެ ރިޕޯޓުގައި ދެ މެސެޖެއް ދައްކާފައިވެ އެވެ. އެހެން ނަމަވެސް ރިޕޯޓު ދިރާސާކޮށް ބެލުމުން އެ ދެ މެސެޖު ފޮނުވާފައިވާ ވަގުތު ދިމާ ނުވާ ކަން ވަނީ ފާހަގަވެފަ އެވެ. އެ ގޮތުން އަދީބު ފޮނުއްވި މެސެޖަށް ފުލުސް މީހާ ދިން ޖަވާބު ކަމަށް ބުނެ ދައްކާފައިވާ މެސެޖުގައި އޮންނަނީ އަދީބު ފޮނުއްވި މެސެޖަށް ވުރެ ކުރީގެ ވަގުތެއްކަން ވެސް ވަނީ އެނގިފަ އެވެ.