''ރެޑްބުލް ކެޗް ދަ ފެރީ''ގައި މި ފަހަރު ބޮޑެތި އުނދަގޫތަކެއް!

އެންމެ ފުރަތަމަ ބޭއްވި ރެޑްބުލް ކެޗް ދަ ފެރީގެ ތެރެއިން: މި ފަހަރުގެ ދުވުމަށް ވަނީ ބަދަލުތަކެއް ގެނެފައި --- ފޮޓޯ: ރެޑްބުލް

ރާއްޖޭގައި 2014 ވަނަ އަހަރު "ރެޑްބުލް ކެޗް ދަ ފެރީ" ދުވުން ވެގެންދިޔައީ ގިނަ ދުވުންތެރިންނަށް މަގްބޫލުވެގެންދިޔަ ރޭހަކަށެވެ. އެ ރޭހުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވަމުންދާ އިރު، މި އަހަރު އެ ދުވުން ބާއްވަނީ ދުވުންތެރިންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ގޮތަށެވެ.

ރެޑްބުލް ކެޗް ދަ ފެރީ ދުވުމުގައި ބައިވެރިވާން އެދޭ ދުވުންތެރިންނަށް އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެ ދުވުމުގައި ރަޖިސްޓަރީ ކުރާ ފަރާތްތަކުގެ ތެރެއިން ދުވުމުގައި ބައިވެރިވޭނީ އެންމެ ފުރަތަމަ ރަޖިސްޓަރީ ކުރާ 150 ދުވުންތެރިޔަކަށެވެ.

ރެޑްބުލް ކެޗް ދަ ފެރީ އަކީ ދުވުންތަކަށް ފަހު، ފެރީއަށް އަރައި ދަތުރުކޮށް ހުޅުމާލެ، މާލެ އަދި ވިލިނގިލީގައި ފުރިހަމަކުރަން ޖެހޭ ދުވުމެކެވެ. މި ފަހަރު އެންމެ ބޮޑު ތަފާތަކީ ދުވުން ފެށޭ ތަން ބަދަލުވުމެވެ. އެހެން އަހަރުތަކުގައި މާލޭގެ ރާޅުގަނޑު ސަރަހައްދުން ފަށައި، ހަމަ އެތަނަށް ދުވުން ނިންމަން ވެސް ޖެހެނީ ހަމަ އެތަނަށެވެ. ނަމަވެސް މި ފަހަރު ދުވުން ފެށެނީ އަދި ދުވުން ނިންމަން ޖެހެނީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ.

މި މަހު 23 ވަނަ ދުވަހު ބާއްވާ އެ ދުވުމުގެ ފެރީ ޕާޓްނަރަކީ 'ސިރިއަސް ސްޕީޑްބޯޓް' އެވެ. ދުވުން ތެރޭގައި ދުވުންތެރިން އުފުލުމަށް ސިރިއަސް ސްޕީޑްބޯޓުގެ ފަސް ފެރީއެއް ހަރަކާތްތެރިވާނެ އެވެ. އެއީ 18 ދުވުންތެރިންގެ ޖާގައިގެ ފެރީތަކެކެވެ.

ހުޅުމާލެ އިން ފުރަތަމަ ފުރާ ފެރީ މާލެ އަށް ފުރާނީ ހެނދުނު 8:55 ގައެވެ. އެހެންކަމުން ހުޅުމާލޭގެ 6.29 ކިލޯމީޓަރުގެ ދުވުމެއް ފުރިހަމަކުރުމަށްފަހު ފުރަތަމަ ފެރީ އަށް އެރުމަށް ދުވުންތެރިންނަށް ލިބޭނީ 25 މިނެޓެވެ. ހުޅުމާލޭގައި ދުވަންޖެހޭ 6.29 ކިލޯމީޓަރުގެ ތެރެއިން 1.6 ކިލޯމީޓަރު ބީޗުގައި ދުވަންޖެހެ އެވެ. ހުޅުމާލެ އިން މާލެ އަށް އެ ފެރީ ފުރުމުގެ ކުރިން ނޭރިއްޖެނަމަ ބާކީ ހަތަރު ފެރީން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ފުރަތަމަ ފެރީ ފުރާތާ ދިހަ މިނެޓްތެރޭ ބާކީ ހަތަރު ފެރީ ވެސް މާލެ ދިއުމަށް ފުރާނެ އެވެ.

މާލޭގައި ކުރިއަށްދާ ދުވުމުގައި ވާދަކުރެވޭނީ ހުޅުމާލޭ ރޭހުގައި ވާދަކުރި ދުވުންތެރިންގެ ތެރެއިން އެންމެ ގިނަވެގެން 90 ދުވުންތެރިޔަކަށެވެ. ކޮންމެ ފެރީއަކީ 18 ދުވުންތެރިންގެ ޖާގައިގެ ފެރީތަކަށް ވުމުން މާލެ އަށް ކުރާ ދަތުރުގައި ބައިވެރިވެވޭނީ އެންމެ ގިނަ ވެގެން ޖުމްލަ 90 ދުވުންތެރިންނަށެވެ. ފެރީ ފުރާ އިރު، 18 ދުވުންތެރިން އެ ފެރީއެއްގައި ނުހިމެނޭނަމަ މާލޭގައި ދުވާ ދުވުންތެރިންގެ އަދަދު 90 ދުވުންތެރިންނަށް ވުރެ ވެސް މަދުވާނެ އެވެ.

"ރެޑްބުލް ކެޗް ދަ ފެރީ" ދުވުމުގެ މެޕް ---

މާލޭގައި ދުވުންތެރިން ފުރިހަމަކުރަން ޖެހޭނީ 5.4 ކިލޯމީޓަރުގެ ދުވުމެކެވެ. މާލެ އިން ވިލިގިއްޔަށް ފުރާ ފުރަތަމަ ފެރީގައި ދަތުރުކުރެވޭނީ 21 މިނެޓަށްވުރެ އަވަހަށް ދުވުން ނިންމާ ދުވުންތެރިންނަށެވެ. ފަސްވަނަ ފެރީ ފުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ދުވުން ފަށާތާ 31 މިނެޓް ތެރޭގައެވެ. އެ ފެރީން ދަތުރުގައި ބައިވެރިނުވެވޭ ދުވުންތެރިންނަށް ދުވުން ނިންމާލައި، އަނބުރާ ހުޅުމާލެ އަށް ދިއުމުގެ އިންޒިތާމު ވެސް ހަމަޖެހޭނެ އެވެ.

ވިލިގިނލީގައި ކިތަންމެ ކުޑަ ދުވުމެއް ދުވަން ޖެހުނު ނަމަވެސް، އެ ދުވުން ފުރިހަމަ ކުރުމަށް ލިބެނީ ވެސް ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ވިލިނގިލިން ހުޅުމާލެ އަށް ދަތުރުކުރާ ފުރަތަމަ ފެރީ އަށް އެރުމަށް 1.69 ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރަން ޖެހޭނީ ހަ މިނެޓުގެ ތެރޭގައެވެ. އެންމެ ފަހު ފެރީ އަށް އެރުމަށް 16 މިނެޓްތެރޭ ދުވުން ފުރިހަމަކުރަން ޖެހޭނެ އެވެ. ވިލިނގިލިން ހުޅުމާލެ އަށް ދިއުމަށް ވެސް ފަސް ފެރީ ދަތުރުކުރާނެ އެވެ. ހުޅުމާލޭގައި ދުވުން ނިންމާލަން ޖެހޭނީ ދުވުން ފެށުނު ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. އެއީ 450 މީޓަރުގެ ދުވުމެކެވެ.

އެ ރޭހުގެ އެއް ވަނަ ހޯދާ ފިރިހެން އަދި އަންހެން ދުވުންތެރިޔަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ދެ ވަނަ ހޯދާ ފިރިހެން އަދި އަންހެން ދުވުންތެރިޔަކަށް ހުށަހަޅާފައިވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ތިން ވަނަ ހޯދާ ފިރިހެން އަދި އަންހެން ދުވުންތެރިޔަކަށް ހުށަހަޅާފައިވަނީ 2،500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެންމެ ފުރަތަމަ 2014 ވަނަ އަހަރު ބޭއްވި ރެޑްބުލް ކެޗް ދަ ފެރީގެ ފިރިހެން ޗެމްޕިއަންކަން ހަސަން ފައިހަތު ހޯދި އިރު، އަންހެން ޗެމްޕިއަންކަން ހޯދި ޕެޓްރީސިއާ ގޮމޭސް އެވެ. މިދިޔަ އަހަރު އަންހެން ޗެމްޕިއަންކަން ޕެޓްރީސިއާ ދިފާއުކުރި އިރު، މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޝިފާޒް މުހައްމަދެވެ.

މި އަހަރުގެ ދުވުމުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދާ ދުވުންތެރިޔަކަށް ދުބާއީގައި އަންނަ އަހަރުގެ މެއި މަހު ބާއްވާ 'ވިންގްސް ފޮރ ލައިފް ވޯލްޑް ރަން'ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް