ސުޕާ މާރިއޯ އައިފޯނަށް, ޕޮކެމޯން ގޯ އެޕަލް ވޮޗްއަށް!

މާރިއޯގެ ބާނީ ޔަމަމޮޓޯ، އެޕަލް އިވެންޓުގައި --

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ގޭމް ދެ ގޭމް "ސުޕަރ މާރިއޯ" އައިފޯނަށް، އަދި "ޕޮކެމޯން ގޯ" އެޕަލް ވޮޗް 2 އަށް ތައާރަފު ވާނެކަން ހާމަކޮށްފި އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި ކުރިޔަށް ދާ އެޕަލްގެ ޚާއްސަ އިވެންޓުގައި މިކަން ހާމަކޮށްދެއްވީ އެޕަލްގެ ސީއީއޯ ޓިމް ކުކް އެވެ.

ސުޕަރ މާރިއޯގެ ބާނީ ޝިގެރޯ މިޔަމޮޓޯ ވިދާޅުވި ގޮތުގައި، މިހާތަނަށް ސުޕަރ މާރިއޯ ގޭމް އެއްވެސް ސްމާޓްފޯނަކަށް ޑިވެލޮޕްކޮށް، ރިލީޒް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ، އެކަން ނިމުމަކަށް ގެނެސް، މި އަހަރު ނިމުމުގެ ކުރިން އެ ގޭމް އައިއޯއެސްއަށް ދޫކުރާނެ ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ފަހުކޮޅު އެ ގޭމް އެޕަލް އެޕްސްޓޯރުން ލިބޭނެ އެވެ.

"ސުޕަރ މާރިއޯ ރަން" ގެ ނަމުގައި އުފައްދާ މި ގޭމަކީ، އެއް އަތުން ފޯނު ހިފަހައްޓައިގެން ކުޅެވޭނެ ގޭމެކެވެ. މި ގޭމުގައި މާރިއޯ އޮޓޮމެޓިކުން ދުވާ އިރު، ޔޫޒަރު ކުރަން ޖެހޭ ކަމަކީ ފޯނަށް ޓެޕްކޮށް، މާރިއޯ ފުންމަން ޖެހޭ ތަންތަނުގައި އެކަން ކޮށްދިނުމެވެ.

މި ގޭމް ޑިވެލޮޕް ކުރަނީ، ރަހުމަތްތެރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާރިއޯ ކުޅޭ އެހެން މީހުންނާ ވެސް ވާދަ ކުރެވޭ ގޮތަށެވެ.

މީގެ އިތުރުން، މިއަދު ތައާރަފު ކުރެވުނު އެޕަލް ވޮޗް 2 ގައި ޕޮކެމޯން ގޯ ކުޅެވޭނެކަން ވެސް އެޕަލްއިން ވަނީ ހާމަކޮށްފަ އެވެ.

މިހާރު ކުރިއަށް ދާ ރަސްމިއްޔާތުގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، އެޕަލް އެޕްސްޓޯރުގެ އެންމެ ބޮޑު ކެޓަގަރީއަކީ ގޭމިންގް ކެޓަގަރީ ކަމަށާއި، އެހެންކަމުން އެޕަލްގެ އައިފޯނަކީ ގޭމިންއަށް މިހާރު އެންމެ ގިނައިން ބޭނުންކުރާ ޑިވައިސް ކަމަށެވެ.

comment ކޮމެންޓް