ތިން ދުވަހު ތެރޭ 1 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކައިފި

ބީއެމްއެލް ހެޑް އޮފީސް: އެ ބޭންކުން ރޯދަމަހު ގެ ދުވަސްތަކުގެ ހެނދުނު 10:30 އިން މެންދުރު ފަހު 3:30 އަށް ހިދުމަތް ދޭނެ ---- ފޮޓޯ/ ބީއެމްއެލް

މިހަފްތާގެ އާދިއްތައިން ފެށިގެން އިއްޔެ އާ ހަމައަށް 1.1 މިލިއަން ޑޮލަރު (16.9 މިލިއަން ރުފިޔާ) ދަތުރުވެރިންނަށް ވިއްކާފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ބީއެމްއެލްއިން ސަން އަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުލައިޓް ޓިކެޓަށް ޑޮލަރުވިއްކުމަށް ޓަކައި އެމްއެމްއޭ އިން ދޫކުރާ ޑޮލަރާއި ބީއެމްއެލްގެ ޑޮލަރު ހިމަނައިގެން މިހަފްތާގެ އާދިއްތަ އިން ފެށިގެން އިއްޔެ އާ ހަމަޔަށް ވަނީ 1.1 މިލިއަން ޑޮލަރު ވިއްކައިފަ އެވެ.

އެ ބެންކުން ބުނީ ޑޮލަރަށް އޮންނަ ޑިމާންޑަށް ކޭޓާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިން ދުވާލަކު 500 ޓިކެޓަށް ޑޮލަރު ވިއްކި އިރު އީދާ ދިމާކޮށް ރާއްޖެ އިން ބޭރަށް ދާ ދިވެހިން އިތުރުވުމާ ގުޅިގެން މި ހަފްތާގައި ކޮންމެ ދުވަހަކު 700 ޓިކެޓު ވިއްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އީދު ބަންދާ ގުޅިގެން އެތައް ބަޔަކު ރާއްޖެ އިން ބޭރަށް ދަތުރުކޮށް އެތައް މިލިއަން ޑޮލަރެއް ރާއްޖެ އިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރާއިރު ރާއްޖޭގެ އިގްތިސާދަށް ޓަކައި މަރުކަޒީ ބެންކުން ވަނީ އެވަރަށް ހޭދަ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. މަރުކަޒީ ބެންކުގެ އިލްތިމާސްއަކީ އަތޮޅުތެރެއަށް ދިއުމެވެ.

comment ކޮމެންޓް