އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އެންގެވި!؟

އަދީބު ކަރެކްޝަންގެ ބެލުމުގެ ދަށުގައި -- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މަނިކުފާނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަކޮށް، އޭރުގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި އޮޑިޓު ރިޕޯޓާ ގުޅިގެން، އޮޑިޓު އޮފީހުގައި އަލިފާން ރޯކޮށްލަން އަދީބު އެންގެވި ކަމަށް އަލްޖަޒީރާ އިން ބުނެފި އެވެ.

އަލްޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރުކުރި ޑޮކުއިމެންޓްރީ "ސްޓީލިންގް ޕެރަޑައިޒް" މިއަދު ރާއްޖެ ގަޑިން 5:00 ޖަހާ އިރު އަލްޖަޒީރާ ޗެނަލުން ޕްރިމިއާ ކުރަން ހަމަޖެހިފައި އޮތް އިރު އެ ޑޮކިއުމެންޓަރީ މިއަދު ހެނދުނު އަލްޖަޒީރާގެ ޔޫޓިއުބް ޗެނަލްގައި ވަނީ އާންމުކޮށްފަ އެވެ.

އެ ޑޮކިއުމެންޓަރީގައި ހުރި މައުލޫމާތު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި އޮތީ، ނައިބު ރައީސް އަހްމަދު އަދީބުގެ ތިން އައިފޯނުގައި ހުރި މައުލޫމާތުތަކަކަށެވެ. ޑޮކިއުމެންޓަރީގައި ބުނެފައި ވަނީ، އަދީބު ހައްޔަރުކުރުމުގެ ކުރިން އެ ފޯނުތައް އަދީބުގެ ގާތް ފަރާތަކަށް ދެއްވި ކަމަށާއި، އޭނާ އެ ފޯނުތައް ރާއްޖެ އިން ބޭރަށް ފޮނުވާލި ކަމަށެވެ. އަދި އެ ފޯނުތަކުގައި ހުރި މައުލޫމާތުތައް އަލްޖަޒީރާއަށް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ޑޮކިއުމެންްޓްރީގައި ބުނެފައި ވަނީ އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު ހިންގެވި ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް ބައްލަވައި އޮޑިޓު ރިޕޯޓް ނެރުއްވަން އުޅުއްވުމުން އަދީބު، ނިޔާޒްގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ޑޮކިއުމެންޓްރީގައި ދައްކާ ގޮތުން އަދީބު ވަނީ، ފުލުސް އޮފިސަރަކަށް މެސެޖުކޮށް، އޮޑިޓަރު ޖެނެރަލްގެ އަޑު ކަނޑުވާލަން ޖެހޭ ވާހަކަ ބުނެފަ އެވެ. "މައްސަލައެއް ނެތް" ކަމަށް ބުނެ އެ ފުލުސް މީހާ ފޮނުވި މެސެޖުގެ ރައްދުގައި އަދީބު ވިދާޅުވެފައި ވަނީ، ނިޔާޒް އަދީބުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވާތީ އޮޑިޓު އޮފީހުގައި ރޯކޮށްލަން ފެންނަ ކަމަށެވެ.

އެ ތިން މެސެޖު ފޮނުވާފައި ވަނީ 2014 ގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު 7:25 އާއި 7:27 އާ ދެމެދު ކަމަށް ޑޮކިއުމެންޓްރީގައި ދައްކަ އެވެ.

އޭގެ ފަހުން، 2014 ސެޕްޓެމްބަރު 22 ވަނަ ދުވަހު އެ އޮފިސަރު އަދީބަށް ކުރި މެސެޖެއްގައި ބުނަނީ، އޮޑިޓު އޮފީސް ބަލާފައިވާ ކަމަށާއި އެތަނުގައި ގިނަ އަދަދަކަށް ކެމެރާ ހުންނަ ކަމަށެވެ.

އޭގެ ރައްދުގައި އަދީބު މެސެޖުގައި ވިދާޅުވަނީ "ކޮންމެ ގޮތެއް ހަދާފައި ވެސް އެތަން ގޮއްވާލަން ޖެހޭ" ކަމަށެވެ.

ފުލުހުންނާ ބެހޭ ގޮތުން ޑޮކިއުމެންޓްރީގައި ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މި މެސެޖުތައް ފެނިވަޑައިގެން، ކުރީގެ އޮޑިޓަރު ޖެނެރަލް ވިދާޅުވަނީ، އެއީ ސަރުކާރުން އިންތިޒާމުކޮށްގެން ހިންގަން ރޭވި ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

"މި މީހުން އުޅުނީ 200 މުވައްޒަފުން އުޅޭ އޮފީހެއް ގޮއްވާލަން. މިއީ ދައުލަތުގެ މުއައްސަސާތަކާއި ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ރޭވި ޓެރަރިޒަމްގެ އަމަލެއް. އެބޭފުޅުންނަށް ކިހިނެއްތޯ މިކަން ކުރެވޭނީ؟" ނިޔާޒް ޑޮކިއުމެންޓްރީގައި ވިދާޅުވި އެވެ.

އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް، އަދީބާ ގުޅޭ އޮޑިޓް ރިޕޯޓު ނެރުނީ 2014 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރެ އެވެ.

އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރާއްޖޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ވާހަކަ ވެސް ވަނީ ދައްކައިފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންނާއި ރިޝްވަތާއި ނަމަހަ ގޮތުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

comment ކޮމެންޓް