މައުމޫން އެކުގައި ހުންނަވާ ނަމަ އެ މަނިކުފާނަށް ފުރަގަހެއް ނުދެވޭނެ: ނަޝީދު

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމް (މ) އަދި މުހަައްމަދު ނަޝީދު (ވ) އާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން، ގައުމީ ފުޓްބޯޅަ ދަނޑުގައި 2014 ވަނަ އަަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު ފުޓްބޯޅަ މެޗެއް ބައްލަައިލައްވަނީ -- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ އެކު އެއް ސްޓޭންޑެއްގައި ހުންނަވާ ނަމަ މައުމޫނަށް ފުރަގަސް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މީގެ ދެ ހަފްތާ ކުރިން ލަންކާއަށް ވަޑައިގަތުމަށް ފަހު އިއްޔެ ލަންކާ އިން ވަނީ ފުރާވަޑައިގެންފައިވެ އެވެ. ލަންކާއިން ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި އެހެން އިދިކޮޅު ޕާޓީތައް އެކުވެ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފައްދާފައިވާ އިރު، އެ އިއްތިހާދާ އެކު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ޓަކައި އިންތިގާލީ އެރޭންޖްމެންޓުތަކެއް ހަދަން ޖެހޭ ކަމަށާއި އެ ކަންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ވަފާތެރި ފަރާތްތައް ހިމެނޭނެ ކަމަށެވެ.

ރައީސް ނަޝީދު އިންޑިއަން އެކްސްޕްރެސްއަށް ވިދާޅުވީ، ތަރައްގީއާއި ރަނގަޅު ދިރިއުޅުމަކަށް އޮތް އެންމެ ރަނގަޅު މަގަކީ ޑިމޮކްރަސީ ކަމަށް ރައީސް މައުމޫނާއި އެމަނިކުފާނާ ދެ ބޭފުޅުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަން، ރައީސް މައުމޫން އަޅުގަނޑުމެންނާ އެއް ފިކުރެއްގައި ހުންނަވައިފި ނަމަ، އެމަނިކުފާނަށް ފުރަގަސް ދިނުމަށް ފަހު އަޅުގަނޑުމެން އެހެން ދިމާލަކަށް ދިއުމަކީ މޮޔަ ކަމެއް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިކުރައްވައި، ރައީސް ކަމަށް ރައީސް ނަޝީދު އިންތިޚާބުވި އިރު، ރައީސް ނަޝީދާއި ރައީސް މައުމޫން މީގެ ކުރިން ވަނީ ދެ ބޭފުޅުންނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. އެހެން ނަމަވެސް ދެ ބޭފުޅުން ބައެއް ހަރަކާތްތަކުގައި އެކުއެކީގައި ތިއްބަވާ މަންޒަރު މީގެ ކުރިން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދާއި ރައީސް މައުމޫން އެކުއެކީގައި އިށީނދެވަޑައިގެން ތިއްބެވި އިރު، 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖު ކަޕްގެ މެޗެއް ބައްލަވަން ރައީސް ނަޝީދު، ރައީސް މައުމޫން އަދި ރައީސް ޔާމީން އެއް މެޗަކަށް ވަޑައިގެންނެވި ރޭ، ރައީސް ނަޝީދާއި ރައީސް މައުމޫން ވަނީ އެކުއެކީގައި ސެލްފީއެއް ނަންގަވައިފަ އެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ މެދު މައުމޫން ހިތްހަމަޖެހިވަޑައި ނުގަންނަވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ބައެއް ބިލުތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ރައީސް ޔާމީން އަންގަވާފައިވާ އިރު، އެ ބިލުތަކަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވުމަށް ވެސް މައުމޫން އަންގަވާފައިވެ އެވެ. އޭގެ ތެރޭގައި ބިޑު ކުރުމެއް ނެތި ރަށްރަށާއި ފަޅުތައް ވިއްކޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ހިމެނެ އެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ތެރެއިން، މައުމޫންގެ ދަރިކަނބަލުން އަދި ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހުންނެވި ދުންޔާ މައުމޫން ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

comment ކޮމެންޓް