ރާއްޖޭގެ މާހައުލަށް ގުޅޭ، އެއާކޮންޑިޝަނިންގް އަދި ރެފްރިޖަރޭޝަންގެ ގިނަ ޕްރޮޑަކްޓްތައް ކުރިއަށް އޮތް ތަނުގައި އުފައްދައި، ތައާރަފު ކުރާނެ ކަމަށް އިންޑިއާގެ ބްލޫސްޓާ ކުންފުނިން ބުނެފި އެވެ.
ބްލޫސްޓާއަކީ އިންޑިއާގައި އެއާ ކޮންޑިޝަނުންގް އާއި ރެފްރިޖަރޭޝަން ޕްރޮޑަކްޓްތަކުގެ މާކެޓުގައި އެންމެ ބޮޑު ކުންފުންޏެވެ. މި ކުންފުނީގެ ރާއްޖޭގެ ލޯކަލް ޕާޓްނަރަކީ ރީފްސައިޑެވެ.

ރާއްޖޭގެ މާހައުލަށް ޚާއްސަ ކޮށްގެން އުފެއްދި ބްލޫސްޓާ ޓީ ސީރީޒްގެ އެއާކޮންޑިޝަން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބްލޫސްޓާއިން ރާއްޖޭގެ މާހައުލާ ގުޅޭ އެއާކޮންޑިޝަނަރެއް މި އަހަރުގެ މެއި މަހު ތައާރަފު ކޮށްފައި ވެ އެވެ. އެއީ ބްލޫސްޓާ ޓީ ސީރީޒްގެ ގްރީންފިން ޓެކްނޮލޮޖީ އެއާކޮންޑިޝަނާ އެވެ. މި އޭސީއަކީ ލޮނާއި ފެނުގެ އަސަރު ކުރިއަށް ދަބަރު ނުޖަހާ ޕްރޮޑަކްޓެކެވެ.
ބްލޫސްޓާގެ މެނޭޖިންގް ޑިރެކްޓަރު ވީރް އަދްވާނީ މިއަދު "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ރީފްސައިޑާ ގުޅިގެން ރާއްޖޭގެ މާހައުލަށް ގުޅޭ ޕްރޮޑަކްޓްތަކެއް ބްލޫސްޓާއިން އުފައްދައި، ތައާރަފު ކުރަމުން ދާނެ ކަމަށެވެ.
ވީރް ވިދާޅުވީ، ބްލޫސްޓާގެ އަމާޒަކީ، ރީފްސައިޑާ ގުޅިގެން ރާއްޖޭގެ މާކެޓުގެ އެއްވަނަ ހޯދުން ކަމަށެވެ.

ބްލޫސްޓާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ވީރް އަދްވާނީ -- ސަން ފޮޓޯ/ މުހައްމަފު އަފްރާހު
"މާކެޓުގެ އެއްވަނަ ހޯދަން ބޭނުންވާ ނަމަ، އެ މާކެޓަށް ޚާއްސަކޮށް އުފައްދާފައިވާ ޕްރޮޑަކްޓުތައް ހުންނަން ޖެހޭނެ. ރާއްޖޭގެ މާކެޓަށް ނުވަދެވޭނެ އެހެން ގައުމަކަށް ނުވަތަ އެހެން ސަރަހައްދަކަށް ޚާއްސަކޮށް ހަދާފައިވާ ޕްރޮޑަކްޓްތަކެއް ގެނެސްގެން،"
އޭނާ ވިދާޅުވީ، ރާއްޖޭގެ މާކެޓާ ގުޅޭ ގޮތަށް ޕްރޮޑަކްޓުތައް ކަސްޓަމައިޒް ކުރުމުގެ މަސައްކަތް، ރީފްސައިޑާ ގުޅިގެން ބްލޫސްޓާއިން ކުރާނެ ކަމަށެވެ.
"ގްރީން ފިން ޓެކްނޮލޮޖީއަކީ މީގެ އެއް މިސާލު. މިފަދަ އެތައް ޕްރޮޑަކްޓެއް ކުރިޔަށް ހުރި އަހަރުތަކުގެ ތެރޭގައި މާކެޓަށް ތައާރަފު ވެގެން އަންނަ މަންޒަރު ފެންނާނެ،" ވީރް "ސަން" އަށް ވިދާޅުވި އެވެ.
ބްލޫސްޓާއިން ރީފްސައިޑާ ގުޅި، ރާއްޖެއަށް އައީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ރީފްސައިޑް އީކޯ ކޫލްއިން ބްލޫސްޓާގެ ގިނަ ޕްރޮޑަކްޓްތަކެއް ދަނީ ޑިސްޓްރިބިއުޓް ކުރަމުންނެވެ. އޭގެ ތެރޭގައި އޮފީސްތަކާއި ރިސޯޓުތަކަށް ޚާއްސަ އިންވާޓަރ އޭސީ އާއި، ޓޫރިޒަމް ދާއިރާއަށް ޚާއްސަ ކޯލްޑް ރޫމާއި ޑީޕް ފްރީޒަރު ފަދަ ތަކެތި ހިމެނެ އެވެ.