ކުރިޔަށް ވުރެ ބޮޑުކޮށް، އަންނަ އަހަރު ވެކޭޝަންސް އެކްސްޕޯ ބާއްވަނީ

މިއަހަރު ބޭއްވި ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް ފެއާ ކަމުގައިވާ، މި އަހަރު ހައިރައިޒް އިން ބޭއްވި ވެކޭޝަންސް އެކްސްޕޯގެ ދެވަނަ އެޑިޝަން، އަންނަ އަހަރު ބާއްވާނެކަން ހައިރައިޒް އިން އިއުލާން ކޮށްފި އެވެ.

ހައިރައިޒް އިން ފުރަތަމަ ފަހަރަށް ވެކޭޝަންސް އެކްސްޕޯ ބާއްވާފައި ވަނީ ނިމިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ހައިރައިޒް އިން މިއަދު ބުނީ، އަންނަ އަހަރުގެ ޖުލައި މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު ބާއްވާ، ވެކޭޝަންސް އެކްސްޕޯގެ ދެވަނަ އެކްސްޕޯ ބާއްވަން ނިންމާފައިވާ ކަމަށާއި އަންނަ އަހަރު މި އެކްސްޕޯ ބާއްވާނީ މި އަހަރަށް ވުރެ މާ ބޮޑުކޮށް، ފުރިހަމަކޮށް ކަމަށެވެ.

ހައިރައިޒް އިން ބުނި ގޮތުގައި، އަންނަ އަހަރު ވެކޭޝަންސް އެކްސްޕޯ ވަރަށް ބޮޑުކޮށް ބޭއްވުމަށް އެއްބާރުލުން ދޭން ސަރުކާރުން ވެސް ވަނީ ނިންމާފަ އެވެ.

އަންނަ އަހަރުގެ ވެކޭޝަންސް އެކްސްޕޯގައި މިހާރު ވެސް ބޮޑެތި ބައެއް ކުންފުނިތަކާއި ގެސްޓްހައުސްތަކުން ބައިވެރިވެފައިވާ ކަމަށް ހައިރައިޒުން ބުނެ އެވެ.

މި އަހަރު ބޭއްވި ފުރަތަމަ ވެކޭޝަންސް އެކްސްޕޯ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާ އެކުގަ އެވެ. އެ ޓްރެވަލް އެގްޒިބިޝަނުގައި ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި ބޮޑެތި އެއާލައިނުތަކާއި ހޮޓެލްތަކުގެ އިތުރުން ޓްރެވަލް ކުންފުނިތަކުން ބައިވެރިވެފަ އެވެ.

އަދި އެގްޒިބިޝަނަށް ޒިޔާރަތް ކުރި ފަރާތްތަކަށް ކޮންމެ ރެޔަކުވެސް އަގުހުރި އިނާމުތަކެއް ދީފައިވެ އެވެ.

comment ކޮމެންޓް