ދާދުގެ ކޮނޑުހުޅަށް އަނިޔާވެ ދެ މަސް ދުވަހަށް ކުޅުމާ ދުރަށް

ރާއްޖެ އާއި ބަންގާޅު މިރޭ ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ދާދު އޭޑީކޭގައި: އަނިޔާއާ ގުޅިގެން މިރޭ މެމްދަމު ދާދުގެ އޮޕަރޭޝަނެއް ކުރާނެ.

ގައުމީ ފުޓްބޯޅަ ޓީމު، ބަންގާޅާ ދެކޮޅަށް މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ކޮނޑު ހުޅަށް އަނިޔާވި ރާއްޖޭގެ ޒުވާން ފޯވާޑު ނާއިޒް ހަސަން (ދާދު) ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މިރޭގެ މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔަ ދާދު އަށް އަނިޔާވީ ފުރަތަމަ ހާފު ނިމެން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ރާއްޖޭގެ ހާފު ބޭރު ރޮނގު ކައިރިން ބޯޅަ ހިފައިގެން ދަނިކޮށް ބަންގާޅު ކުޅުންތެރިއަކު ކުރި ނުރައްކާތެރި ޓެކުލުއަކުންނެވެ.

ދާދު އަށް އަނިޔާވުމާ އެކު އޭނާ ވަނީ ވަގުތުން އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"އޭނާ ކޮނޑުގެ މަތީގައި އިންނަ ޖޮއިންޓެއް ނެއްޓިފައި ވަނީ. މިހާރު އެ ތައްޔާރު ވަނީ ސާޖަރީ ހެދުމަށް،" ގައުމީ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބް ބުންޏެވެ.

ޝަކީބް ބުނީ ދާދު އަށް ލިބިފައި ވަނީ މާ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި ނަމަވެސް ސާޖަރީއެއް ކުރަން ޖެހުމުން މުޅިން ފިޓްވާން ހަ އެއް ނުވަތަ އަށް ހަފްތާ ނަގާނެ ކަމަށެވެ.

ދާދު އަށް ލިބުނު އަނިޔާއާ ގުޅިގެން ގައުމީ ޓީމުން އަންނަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭ އޮފްގައި މާލޭގައި ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ލާއޯސްގައި ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ.

އެ ދެ މެޗުގެ އިތުރުން ލީގުގައި ޓީސީ އަށް ބާކީ ހަ މެޗު އޮތް އިރު އޭގެ ތެރެއިން ތިން މެޗު ވެސް ދާދު އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް