އިންޑިއާއަށް ދާ ފަތުރުވެރިން ސްކާޓް ނުލުމަށް އިލްތިމާސްކޮށްފި

އިންޑިއާއަށް ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިން ދަތުރުކުރޭ -- ފޮޓޯ: އޭއެފްޕީ

މުމްބާއީ (އޮގަސްޓް 30): އިންޑިއާއަށް ދާ ފަތުރުވެރިން ސްކާޓް ނުލުމަށް އެ ގައުމުގެ ސަރުކާރުން އިލްތިމާސް ކުރާ ކަމަށް އިންޑިއާގެ ސަގާފަތާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހޭޝް ޝަރުމާ ވިދާޅުވި ގޮތުގައި އިންޑިއާ އެއާޕޯޓުން ފަތުރުވެރިންނަށް ދޭ ލިސްޓެއްގައި ފަތުރުވެރިން ކުރުން އެދެވިގެން ކަންތައްތަކާއި އެދެވިގެން ނުވާ ކަންތައްތައް ހިމެނެ އެވެ. އެގޮތުން ކުރުން އެދެވިގެން ނުވާ ކަންތައްތަކުގެ ތެރޭގައި، އެގައުމުގެ ކުޑަ އަވަށްތަކަށްދާ ފަތުރުވެރިން ރޭގަނޑު ގަޑީގައި އެކަނި ބޭރަށް ދިޔުން ހިމެނެ އެވެ.

މިނިސްޓަރުގެ އެބަސްފުޅާ ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވުމުން މިނިސްޓަރު ޝަރުމާ ވަނީ ސްކާޓް ނުލުމަށް ވިދާޅުވެފައި ވަނީ ދީނީ ތަންތަނުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދައިން ވިދާޅުވެފައި ވަނީ ފަތުރުވެރިންގެ ސަލާމަތާ ބެހޭ ގޮތުން ކަންބޮޑުވާތީ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް މިނިސްޓަރު ޝަރުމާ ވަނީ މީހުންގެ ފާޑު ކިޔުންތައް އަމާޒުވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ އިންޑިއާގައި ކުށް ކުރުން އިތުރު ވަނީ ގައުމު ބަވަނަވުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި ރޭގަނޑު ގަޑީގައި އަންހެން ކުދިން ބޭރަށް ދިޔުމަކީ މީގެ ކުރިން އިންޑިއާގެ ސަގާފަތުގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް