36 އަހަރުވީ ނަރުދަމާ އަށް އަޅާނުލެވި ނަޖިސް މަގުތަކަށް!

ޖަންކްޝަންއިން ނަޖިސް ފެން ބޭރުވުމުން އެމްޑަބްލިއުއެސްސީއިން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަނީ-- ސަން ފޮޓޯ

ވެރިރަށް މާލޭގެ މަގުމެދުގައި އަޅާފައިވާ ހަތަރު ފޫޓެއްހާ ދަގަނޑުގަނޑެއް ވަށައިގެން ބޮކިޖަހާ މަންޒަރު އާންމު ކޮށް ފެނެ އެވެ. ވިއްސާރަ ވެއްޖެ ނަމަ ހާއްސަކޮށް އެކަން ދިމާވެ އެވެ. އެއާ އެކު ނުބައިވަސް ދުވަން ފަށަ އެވެ. މިހާރަކަށް އައިސް މާލޭގެ ގިނަ ހިސާބުތަކުން އެދިމާވާ މައްސަލައަކީ ނަރުދަމާ ނިޒާމުގެ ޖަންޝަންތަކުން ނަޖިސް ބޭރުވުމެވެ. މަގުތަކަށް ނަޖިސް ބޭރުވެ މަގުތައް އެދަނީ ތަގައްޔަރުވަމުންނެވެ. މިހެން ވުމުގެ ސަބަބުތައްކެއްއޮވެ އެވެ. ބޮޑީ އިހުމާލެވެ.

މިހާރު މާލޭގައި ބޭނުންކުރާ ނަރުދަމާގެ ނިޒާމަކީ 1980 ވަނަ އަހަރު 80 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން އަޅާފައިވާ ނިޒާމެކެވެ. ބޯހިމެނުން ދައްކާ ގޮތުން މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 153،904 އެވެ. އެ ނަރުދަމާގެ ނިޒާމަށް ގާތްގަނޑަކަށް 35 ވަރަކަށް އަހަރުވީ ފަހުން މިދިޔަ އަހަރުން ފެށިގެން ނޫނީ އެނިޒާމް ތަރައްގީ ކުރުމަށް އެކަށޭނަ ފިޔަވަޅެއް ނާޅަ އެވެ.

މައްސަލަ ދިމާވަނީ ދުވަސްވުމުން!

މިފަހަކަށް ބަލާ އިރު އޯޑިއޯން ސަރަހައްދާއި މާފަންނު ސަހަރާ ސަރަހައްދާއި ޖަމާލުއްދީން ސަރަހައްދުގެ އިތުރުން މާލޭގެ އެކި ހިސާބުތަކަށް ޖަންގްޝަަންތަކުން ދަނީ ނަޖިސް ފެން ބޭރުވަމުންނެވެ. ވާރޭ ވެހޭ ދުވަސް ދުވަހު ގިނައިން އެ މައްސަލަ ދިމާވާތީ ފެންކޯރުތަކާ އެކު ބޮޑު ސަރަހައްދަކަށް ނަޖިސް ބޭރުވެ އެވެ. މިއީ އެތައް ބަޔަކަށް އޮތް ބޮޑު ފަކުރެއް އަދި ބިރެކެވެ.

"އެދުވާވަސް ބުނެދޭވެސް ނޭނގެ، ދަރިފުޅު ވެސް ބޭރަށް ނުނެރި ގެންގުޅެން ޖެހެނީ، ވަރަށް ވަސް ނުބައި، އަނެއްކާ މަގުގައި އެހުންނަނީ ނަޖިސް ކުލަ ހިފާފައި،" ގޭ ކައިރި އިންނަ ޖަންޝަންއިން ނަޖިސް ލީކްވުމުން ދަތިތައް ހިއްސާކުރަމުން އަންނަ ހަސަން މުހައްމަދު ބުންޏެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޓެކްނިކަލް އެންޑް ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވީ ފަހަކަށް އައިސް ޖަންގްޝަންތަކުގެ ނެޓްވޯކް މައްސަލަތައް ދަނީ ދިމާވަމުން ކަމަށާއި އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެންމެ ބޮޑު މައްސަލަ ދިމާވަނީ ވިއްސާރަވުމުން ކަމަށާއި ނަމަވެސް ދިމާވާ މައްސަލަތައް ހައްލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުންގެ އެހީތެރިކަން ވެސް ބޭނުންވޭ!

މަދު އާބާދީއަކަށް ހެދި ނަރުދަމާ ނިޒާމެއް އެ އާބާދީއަށް ވުރެ ދެ ގުނަ އިތުރު މީހުން ބޭނުން ކުރަން ފެށުމުން މިފަދަ އެތައް ކަމެއް ކުރިމަތިވާނެ އެވެ. އެމްޑަބްލިޔުއެސްސީގެ ދިރާސާތަކުން ދައްކާ ގޮތުން ޖަނގުޝަންތައް ފުރެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ގޭގޭ ދިޔަދޮވިތަކުން އަންނަ ފެނާއި ޓެރެސްތަކުން އަންނަ ފެންތައް ޖަންގްޝަންތަކަށް ހިންދުމެވެ. އިމާރާތްތައް ހަދާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްޑަބްލިޔުއެސްސީން އެދެ އެވެ.

"އިމާރާތެއް ހަދަމުންދާ އިރު އެދިޔަދޮވިތައް ނޫނީ ޓެރަސް އަށް އެޅޭ ފެންތައް ދައުރުވާނީ، ނުވަތަ ފުލޯ ގެންގުޅޭނީ ކޮން ގޮތްތަކަކަށްތޯ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން މަގުމައްޗަށް ހިންދާލިވެއްޖެ ނަމަ ރަނގަޅުވެގެން ދާނެ،" މެނޭޖާ ފަޒީލް ވިދާޅުވި އެވެ.

ސިއްހީ ބިރުވެރިކަމެއް އަވަސް ހައްލެއް ބޭނުން!

ބޮޑުކަމުދާ ތަކެތީގައި ބަލިތައް ފަތުރާ ޖަރާސީމު ގިނަ އަދަދަކަށް ހުރެ އެވެ. ޖަރާސީމު ގިނަ ވުމުން ބަލިތައް ފެތުރުން އިތުރުވެ އެވެ. ހާމައަށް ހުންނަ ތަނެއްގައި ނަޖިސް ހުރުމުން އޭގައި ހުންނަ ބެކްޓީރިއާ މެހީގެ ޒަރިއްޔާ އިން ކާއެއްޗިއްސަށް ވާސިލުވެ އަދި އޭގެ ސަބަބުން ބޭރަށް ހިންގުމާއި ހޮޑުލެވުމަށް މަގު ފަހިވެ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލެ މިއޮތީ އެބިރުވެރިކަމުގެ ތެރޭގަ އެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖަރު ފަޒީލް ވިދާޅުވީ ނަރުދަމާގެ ނިޒާމް ޒަމާނީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އަޅާފައިވާ ހޮޅިތަކުގެ ބަދަލުގައި އެއަށް ވުރެ ފަލަ ހޮޅިތައް އަޅައި އިންޑަސްޓްރިއަލް ވިލެޖާއި މަސްވެރިންގެ ޕާކް ސަރަހައްދުގައި ބޮޑު ޕަންޕު ސުޓޭޝަންތަކެއް ހެދުމަށް ނިންމާފައިވާ ކަމަށް ފަޒީލް ވިދާޅުވި އެވެ. އަޕްގުރޭޑަށް ބޭނުންވާ ތަކެއްޗަށް އޯޑަރު ކޮށްފައިވާ އިރު މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން ފަޒީލް ދެ އެވެ.

"މާލޭ ޖަންގްޝަންތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ ވަރަށް ކައިރި މުސްތަގުބަލެއްގައި، އަންނަ އަހަރު ޖެނުއަރީ ފެބްރުއަރީ ހިސާބަށް ދާއިރު މައްސަލަ ހައްލުވާނެ،" ފަޒީލް ވިދާޅުވި އެވެ.

ވެރިރަށް މާލެ މިވަނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ނަޖިސް ހިންދާނެ ރަނގަޅު ނިޒާމެއް ނެތި މަގުތަކަށް އެދަނީ ނަޖިސް ބޭރުވަމުންނެވެ. ތިރީސް ހަ އަހަރުވީ އެ ނަރުދަމާ އަށް އެކަށޭނަ ތަރައްގީއެއް އެވަނީ ނުގެނެވި ފައެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ.

comment ކޮމެންޓް