ސައުންޑްސް އޮފް މޯލްޑިވްސްއިން މިފަހަރު ގުގުމާލާނީ ބެންކޮކް، އެކަމަކު ތަފާތު ގޮތަކަށް!

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލައި، ދިވެހި ރީތި ރާގުތަކުން ބޭރުގެ މާހައުލު ޖަރީކޮށްލުމަކީ ސައުންޑްސް އޮފް މޯލްޑިވްސް (އެސްއޯއެމް)ގެ އަމާޒެވެ. އެއީ ރާއްޖޭގެ ތަޖުރިބާކާރު އިވެންޓް މެނޭޖްމަންޓް ކުންފުނި ހައިރައިޒުން އިންތިޒާމްކުރާ ޝޯވގެ ލަނޑުދަނޑިވެސްމެއެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެސްއޯއެމްގެ ޝޯތައް ރާއްޖޭގެ ކުޑަ ބަނޑޮސް އަދި ވެރިރަށް މާލޭގެ އިތުރުން ސްރީލަންކާގެ ކޮޅުބުގައާއި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަންޕޫރް އަދި އިންޑިއާގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގައި ވެސް ބާއްވާފައި ވާއިރު، އެ ޝޯވްގެ އެހީގައި ދިވެހި ފަންނާނުންނަށް ވަނީ ބޭރު ގައުމުތަކުން ހީނުކުރާ ވަރުގެ ތަރުހީބެއް ލިބިފައެވެ.

އަދި ސައުންޑްސް އޮފް މޯލްޑިވްސްއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ސިޓީ، ދުބާއީގައި ބޭއްވި ޝޯ އާއެކު އެސްއޯއެމް ވެފައިވަނީ މެދު އިރުމަތީގެ ގައުމެއްގައި ރާއްޖޭގެ ފަރާތުން ބޭއްވި ފުރަތަމަ ޝޯގެ ފަހުރު ހޯދައިފައެވެ.

ކާމިޔާބު ހަ ޝޯއަށްފަހު އެސްއޯއެމް އިންތިޒާމުކުރާ ހައިރައިޒުން މިހާރު ތައްޔާރުވަމުން ދަނީ ދިވެހި ފަންނާނުންގެ ހުނަރުން ދިވެހިންގެ ތެރޭގައި މަގްބޫލު މަންޒިލެއް ކަމަށްވާ، ތައިލެންޑުގެ ވެރިރަށް ބެންކޮކް ގުގުމާލުމަށެވެ.

ނަމަވެސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ތައްޔާރުވަމުން އަންނަ އެސްއޯއެމްގެ އަށް ވަނަ ޝޯ ތަފާތު ވާނެ ކަމަށް ހައިރައިޒުން ބުނެއެވެ. އެގޮތުން މިފަހަރުގެ ޝޯ ދެ ދުވަހުގެ ރޯޑް ޝޯއެއްގެ ގޮތަށް ކުރިއަށްގެންދާއިރު، ދިވެހި ފަންނާނުންގެ ހުނަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކުންފުނިތައް ވެސް ބައިވެރިވާނެއެވެ.

ޝޯއާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ޝޯގައި ހުށަހަޅައިދޭނެ ފަންނާނުން އަންނަ ހަފްތާގައި ނިންމާނެ ކަމަށެވެ. އަދި ރާއްޖޭގައި އުފެދުނު ބޮޑުބެރުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ބޮޑުބެރު ގްރޫޕް، "ހަބޭސް ބޮޑުބެރު ގްރޫޕް" ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެންކޮކުގައި ބާއްވާ ޝޯވ ބާއްވާނެ ތަނެއް އަދި ނިންމާފައިނުވާއިރު، އިއްސެ ވިދާޅުވި ގޮތުގައި މިހާރު ހައިރައިޒުން މަސައްކަތްތައް ކުރިއަށް ގެންދަނީ ބެންކޮކުގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏަކާ ވެސް ގުޅިގެންނެވެ.

comment ކޮމެންޓް