ހުއްދަ ނުހޯދާ ހުޅުމާލެއަށް ދަތުރުކުރި ޔޮޓެއް 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އެމްޕީއެލް ސަރަހައްދު: ހުއްދަ ނުހޯދާ ހުޅުމާލެއަށް ދަތުރުކުރި ޓޫރިސްޓު ޔޮޓެއް 30،000 ރުފިޔާއިން ކަސްޓަމްސްއިން ވަނީ ޖޫރިމަނާކޮށްފައި -- ސަން ފައިލް ފޮޓޯ

ސީޝެލްސްގެ ވިކްޓޯރިޔާ ބަނދަރުން ފުރައިގެން ރާއްޖެއައި ޓޫރިސްޓް ޔޮޓެއް ކަސްޓަމްސްގެ ހުއްދަ ނުހޯދާ ރަސްމީ ބަނދަރުފިޔަވާ އެހެން ބަނދަރަކަށް (ހުޅުމާލެ) ދަތުރުކޮށްފައިވާތީވެ، އެ ޔޮޓު 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކޮށްފި ނަމަ 30،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެ ޔޮޓަކީ މިމަހުގެ 19 ވަނަ ދުވަހު ޝީޝެލްސް އިން ރާއްޖެއަށް ދަތުރުކުރި ޔޮޓެކެވެ. ކަސްޓަމްސް އިން ވަނީ އެ ޔޮޓަށް ތިން ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގައިފަ އެވެ.

ރަސްމީ ބަނދަރުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ މާލޭ ކޮމާޝަލް ހާބަރާއި އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހިތަދޫ ސަރަހައްދީ ބަނދަރެވެ.

comment ކޮމެންޓް