ދައުލަތަށް ފައިސާ ދައްކަން ފިނޭންސް މިނިސްޓްރީން އެންގި ސިޓީއަށް މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ޖަވާބު ދެއްވައިފިއެވެ.
މޭޔަރު ޝިހާބު މިއަދު ސަން އަށް ވިދާޅުވީ އޭނާ ދައުލަތަށް ފައިސާ ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ނޫސް ބަޔާނެއް ނެރުނު އިރު، އެފަދަ އެއްވެސް އެންގުމެއް އޭނާ އަށް އަންގާފައިނުވާ ކަމަށެވެ. ފައިސާ ދައްކަން އެންގި ސިޓީ ލިބިވަޑައިގަތީ އެ ސިޓީ އޭނާ އަށް ފޮނުވާފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ނޫސް ބަޔާނެއް ނެރުނު ފަހުން ކަމަށާއި އެ ސިޓީގެ ޖަވާބު މިއަދު ދެއްވާފައިވާނެ ކަމަށް ޝިހާބު ވިދާޅުވިއެވެ.
"އެ ސިޓީ އިއްޔެ ލިބުނީ. އޭގެޖަވާބު އަޅުގަނޑު މިނިސްޓްރީ އޮފް ފިނޭންސް އަށް ފޮނުވާލައިފިން. ފިނޭންސް މިނިސްޓްރީން ވެސް އޮތީ ނޫސް ބަޔާނެއް ނެރުއްވާފަ މިވެނި މިވެނި ބޭފުޅުންގެ މައްސަލަތަކެއް ހުރެގެން އެ އޮންނަ އެއްޗެއް އެންގީ ކަމަށް ބުނަނީ. އޭގެ ތަފްސީލުތަކެއް ނެތް އެބޭފުޅުން ޕްރެސްއާ ހާމަކުރައްވާފައެއް. އެހެންވީމަ އަޅުގަނޑު ވެސް ދޭން ބޭނުންވާ ޖަވާބު އެކޮޅަށް އަރުވައިފިން،" ޝިހާބު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ޖަވާބުގައި ވިދާޅުވީ ކީއްކޭތޯ ދެންނެވުމުން ޝިހާބު ވިދާޅުވީ އެ މިނިސްޓްރީން ވެސް އެކަމުގެ ތަފްސީލު ހާމަކޮށްފައިނުވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ފައިސާ ދައްކަވަން އޭނާ އަށް އެންގީ ކޮން މަގުސަދެއްގައިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެސިޓީއާ ގުޅޭގޮތުން އޭނާ އަށް ފެނިވަޑައިގަންނަވާ ޖަވާބު މިހާރު ދެއްވާފައިވާނެ ކަމަށެވެ.
ޝިހާބު ދައުލަތަށް ދައްކަން ޖެހިވަޑައިގަންނަވާ ފައިސާގެ އަދަދު ފިނޭންސް މިނިސްޓްރީން މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ދައްކަން އެމްޑީޕީ ސަރުކާރުގެ އިސްވެރިންނަށް އެންގީ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން ކަމަށެވެ.
ޝިހާބަކީ އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.