ފައިސާ އިސްކޮށް ގައުމަށް ގައްދާރުވެ ލާއިންސާނީ އެތައްކަމެއް!

އެއް ބަޔަކު ދަންޖެހި މަރުވަނީ އެވެ. އަނެއް ބަޔަކު ހިތްދަތިކަން ބޮޑުވެ ކުއްލި މަރުތަކުގައި އެދަނީ މަރުވަމުންނެވެ. ދެން ތިބި ބަޔަކު ފައިސާއަށް ޓަކައި ބޮޑެތި މުޖުރިމުންނަށް ވަނީ އެވެ. ދެން ތިބީ މާޔޫސް ކަމާ އެކު ފިލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ބައެކެވެ. މިދައްކަނީ މިގައުމަށް މަސައްކަތް ކުރަން އައިސް އުޅޭ އެތައް ހާސް ބިދޭސީންގެ ހާލަތު ހުރިގޮތުގެ ވާހަކަ އެވެ. އެމީހުންގެ ފަރާތުން މިގައުމަށް ގޮންޖެހުންތައް ކުރިމަތިވާ ވާހަކަ ދައްކާއިރު އޭގެ ފަހަތުގައި ވަނީ ފައިސާއަށް ޓަކައި ބަޔަކު ކުރިމަތި ކުރުވި ކަންތައްތަކެކެވެ.

ބަނގުލަދޭޝް ރައްޔިތެއް ކަމުގައިވާ މާލިކް އިސްމާއިލް އަކީ އެފަދަ އެކަކެވެ. އޭނާ ރާއްޖެ އައުމަށް އެތައް ލޯނެއް ނެގި އެވެ. މައިންބަފައިންގެ މަސައްކަތުން ކިރިޔާ ބޯހިޔާވަހިކަން ލިބޭ ހާލަތުގައި ހުރި ގެވެސް ވަނީ ރަހުނު ކޮށްފަ އެވެ. ރާއްޖެ އައުމަށް ކުރި ހޭދަ ކޮންމެހެން ހޯދަންޖެހެ އެވެ. ނޫނީ މިއަދު ކާނެފަދަ ނެތް އެ އާއިލާއަށް އޭރުން ބޯހިޔާވަހިކަން ވެސް ގެއްލުނީ އެވެ. އެޖެންޓް ބުނި ވަރަށް ޑޮލަރު ދީގެން އޭނާ ރާއްޖެ އައީ 500 ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ހޯދުމަށެވެ. ނަމަވެސް އޭނާ ރާއްޖެ އައުމުން ދިނީ 150 ޑޮލަރުގެ މުސާރައެކެވެ. ނަތީޖާއެއްގެ ގޮތުން ދަރާވިކެނީއެވެ.

ރާއްޖެ ގެންނަމުން އެޖެންޓް އެއްބަސްވި މުސާރައަށް ވުރެ ކުޑަ މުސާރަ ލިބޭ ވަޒީފާތަކަށް ލުމާއި ވަޒީފާއެއް ނެތި މަގުތަކަށް ދޫކޮށްލުން ފަދަ ރަހުމު ކުޑަ އަމަލުތަކުގެ ސަބަބުން އެތައް އިޖުތިމާއީ މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. ދިރިއުޅެންޖެހެނީ އެހާމެ ހާލުގަ އެވެ. މިކަމުގެ ބަދުނާމު ނިކަމެތި ބިދޭސީ މީހާގެ ބޮލުގައި އަޅުވާއިރު މިފާހަގަ ކުރާ ކަންކަމަށް ބެލުން ވަރަށް މުހިންމެވެ.

ބިދޭސީން ގެނައުން: ރަހުމު ކުޑަ ހަމައެކަނި ފައިސާ ބޭނުމަށް!

ބަނގުލަދޭޝް އިން އެހެން ގައުމުތަކަށް ވަޒީފާތަކަށް ދާ ފަރާތްތަކަށް ޓްރެއިނިން ދިނުމަށާއި މައުލޫމާތުތައް ދިނުމަށް އެގައުމުގައި ރަނގަޅު އުސޫލެއް ގާއިމްކޮށްފައިވެ އެވެ. "ބިއުރޯ އޮފް މޭން ޕަވާ އެމްޕްލޮއިމަންޓް އެންޑް ޓްރެއިނިން" ނަމުގައި އުފައްދާފައިވާ އިދާރާއަކީ ބަނގުލަދޭޝްއިން އެހެން ގައުމުތަކަށް ވަޒީފާތަކަށް ދާ މީހުން ތަމްރީނު ކުރާ އެއް އިދާރާ އެވެ. އެތަން މެދުވެރިކޮށް އަންނަ ނަމަ އެއަންނަ މީހާއަށާއި ކުންފުންޏަކަށް އެމީހާ އާއި ގުޅޭ ހުރިހާ މައުލޫމާތަކާއި މުސާރަ ފަދަ މައުލޫމާތުތައް ކުރިންލިބެ އެވެ. އަދި މުވައްޒަފުގެ ގޮތުގައި އަންނަ މީހާގެ ފެންވަރު ވެސް ބުނެދެ އެވެ. ރާއްޖޭގެ އިމިގްރޭޝަނުން ވެސް މައުލޫމާތުދޭ ގޮތުގައި އެފަދަ އިދާރާތައް މެދުވެރިކޮށް އަންނަ ބިދޭސީންގެ ފެންވަރު ރަނގަޅެވެ. މައްސަލަ ނުޖެހެ އެވެ.

ރަނގަޅު އުސޫލެއް އޮތްނަމަވެސް ރާއްޖެއަށް ބިދޭސީން ގެނައުމުގައި ގިނައިން ބޭނުންކުރަނީ އެންމެ ހަޑި މަގެވެ. އެއީ ފައިސާގެ ބޭނުމުގަ އެވެ. ބިދޭސީއެއް ހޯދުމަށް ކުންފުންޏަކުން ބޭނުންވެގެން އެޖެންސީ އަކަށް ހުށަހެޅުމުން އެ އެޖެންސީން ކަންކުރާގޮތަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެވެސް ބިދޭސީ އެޖެންޓަކާ އެކަން ހަވާލުކުރަނީ އެވެ. އެއީ މީހުން ގެނެސްގެން މުއްސަނދިވާ ބައެކެވެ. އެޖެންސީތަކުގައި ތިބޭ ދިވެހިން އެކަން ކުރަނީ ފައިސާގެ ބޭނުމުގަ އެވެ.

"އާންމުކޮށް މިގެންނަނީ ބިދޭސީއެއް، 2000 ޑޮލަރު އެމީހުން ދިނީމަ. ކޮންސްޓްރަކްޝަނަށް ވިއްޔާ 700 ނޫނީ 1000 ވަރު. ދެން ރިސޯޓް ކަހަލަ ވަޒީފާއަށް ވިއްޔާ 7000 ޑޮލަރު ވެސް ނަގަން. އެ އަހަރުން ނަގާވަރު، ދެން އަދި އެޖެންޓުވެސް ކަޓެއް ލާނެތާ،" ބިދޭސީން ގެންނަ އެޖެންސީއެއްގެ ވެރިއަކު ބުންޏެވެ.

ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން ރާއްޖެ ގެނައުމުގެ ފީއަކަށް އެތައް ހާސް ޑޮލަރެއް ނަގާއިރު އެ ބިދޭސީން ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ކުރަނީ އެ ބިދޭސީންނެވެ. ގިނަ ފަހަރަށް އެޖެންސީތަކުން ކުރާ ހަރަދަކަށް އޮންނަނީ އެއާޕޯޓް ފެރީ ޓިކެޓު ހަރަދާއި ބިދޭސީ މީހާގެ ޕާސްޕޯޓް ސައިޒު ފޮޓޯ ނެގުމަށް ކުރާ 30 ރުފިޔާއާއި މެޑިކަލް ހެއްދުމަށް ކުރާ 290 ރުފިޔާ ކަހަލަ ކުދި ކުދި ހަރަދުތަކެވެ.

"އަސްލު މިއީ ވަރަށް ރިސްކް ފްރީ ބިޒުނަސްއެއް. އެކަމަކު އެންމެ ލާރި ލިބޭ އެއްކަންތައް. ގެންނަ މީހާގެ ޑޮކިއުމެންޓް އިމިގްރޭޝަނަށް ހުށަހެޅުން ކަހަލަ ދެތިންކަމެއް މިއޮންނަނީ. އެގެންނަ މީހާ މައްސަލަ ޖެހުނަސް އަހަރުން އެޖެންޓާ {ރާއްޖޭގައި އުޅޭ ބަނގުލަދޭޝް} މީހާ އާއި ހަވާލުކުރަނީ. ދެން އޭނަ ކަމެއް ފޮނުވުން،" އެޖެންސީއެއްގައި ހަތް ވަރަކަށް އަހަރު މަސައްކަތްކޮށްފައިވާ މީހަކު ބުންޏެވެ.

ފިލަނީ މަޖުބޫރުން!

ފަގީރުކަމުގައި ރަށުގައި އުޅޭއުޅުމަށް ބަދަލެއް ގެނައުމަށް ދަރައިވިކިގެން ރާއްޖެ އަންނަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެންވަރު ދަށް ކަމަށް ބުނެ ކުންފުނިތަކުން އޭނާ ދޫކޮށްލަ އެވެ. އެއާ އެކު އަނބުރާ ފޮނުވާލުމަށް އެޖެންސީތަކާ ހަވާލުކުރެ އެވެ. ދެން ވާގޮތަކީ ބިދޭސީ މީހާ ފިލުމެވެ. އަނބުރާ ރަށަށް ދާ ބިދޭސީންނަށް ބަލާއިރު އެމީހުން ރާއްޖެ އައުމަށް ފީއަކަށް އެދައްކާ އެތައް ހާސް ޑޮލަރެއްގެ ތެރެއިން އެއްވެސް ވަރެއް ގިނަ ފަހަރު އަނބުރާ ދާއިރު އެޖެންސީން އެމީހުންނަށް ނުދެއެވެ.

"ހަގީގަތުގައި ވަރަށް ނުލަފާކޮށް ކުރާކަމެއް އެއީ. އެމީހުން އަނބުރާ ފޮނުވާލާއިރު ވަރަށް ރޯނެ. ދެއްކި ފައިސާގެ ބައެއް ދިނުމަށް ބުނެ. އެކަމަކު ނުދޭ. އަހަރުން ކީއްކުރާނީ. ބޮސް ބުނީމަ ބުނާ ގޮތެއްނު އަހަރުން ހަދާނީ. އަހަރުން ހަވާލުކުރާނީ އެޖެންޓާ. އަހަރުން އެޖެންސީން ނުދޭނެ ޓިކެޓެއް ވެސް. ދެން އެޖެންޓު ކަމެއް ފޮނުވުމަކީ،" އެޖެންސީއެއްގެ އިސް މުވައްޒަފަކު ބުންޏެވެ.

ނަތީޖާއަކީ ލޯނު ދެއްކުމަށް ފައިސާ ހޯދުމަށް ބިދޭސީން ފިލުމެވެ. އެއާ އެކު ނުގަވައިދުން އުޅޭ ބިދޭސީން އެތައް ހާހަކަށް އިތުރުވެ ގައުމު މިވަނީ ބިދޭސީ ބަލިމަޑުކަމެއްގެ ތެރޭގަ އެވެ.

ބިދޭސީ އެޖެންޓުން، ބޮޑެތި މުއްސަދިން!

އެމީހުން ދިރިއުޅޭނީ އާންމު ދިވެއްސަކަށްވުރެ އަރާމުގަ އެވެ. މާލޭގެ އެޕާޓްމަންޓްތައް ހިފައިގެން އުޅޭއިރު ގެންގުޅޭނީ އެންމެ ފަހުގެ ސާމާނެވެ. ކައިބޮއިހަދާނީ އެންމެ ފެންވަރު ރަނގަޅުތަންތަނުންނެވެ. އެއީ ބިދޭސީ އެޖެންޓުންނެވެ. އެމީހުންގެ ވަޒީފާއަކީ ދިވެހިން ހިންގާ އެޖެންސީތަކަށް ބިދޭސީން ގެނެސްދިނުމެވެ. ގެންނަ ކޮންމެ ބިދޭސީއެއްގެ ބޮލަށް އެތައް ހާސް ޑޮލަރެއް އަތުލަ އެވެ. އެމީހުން މުއްސަދިވަނީ އެފައިސާއިންނެވެ. އެމީހުން ގެންނަ މީހުންގެ ތެރޭގައި އުޅޭނީ ފެންވަރު ދަށް މީހުންނެވެ. ފައިސާ ދޭން އެއްބަސްވާ ކޮންމެ މީހަކު ބޮޑު މުސާރަ ދޭން ކަަމަށް ބުނެ މިގައުމަށް ގެންނަނީ އެވެ. އެއާއެކު ފެންވަރު ނެތް، މަސައްކަތް ތެރިން އެވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އިމިގްރޭޝަނަށް އެތައް ތުހުމަތެއް!

ދުވަހުން ދުވަހަށް ބިދޭސީން އެދަނީ އިތުރުވަމުންނެވެ. އެއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ބިރަކަށްވާ އިރު ބިދޭސީން އެތެރެވާ އަދަދު ކޮންޓްރޯލް ކުރުމަށް ވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ކޮންމެ ވިޔަފާރިއަކަށް ވެސް ބިދޭސީން އެތެރެކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅައި ކޯޓާ ވަނީ ލިމިޓްކޮށްފަ އެވެ. ނަމަވެސް ކޮރަޕްޝަންގެ ތެރެއިން އޭގެ ނާޖާއިޒު ފައިދާ އެދަނީ ނަގަމުންނެވެ.

ރާއްޖެ އަށް ބިދޭސީން އެތެރެކުރަން މަސައްކަތް ކުރާ އެކި ފަރާތްތަކުން ލިބުނު މައުލޫމާތައް ބަލާއިރު އިމިގްރޭޝަންގެ މުވައްޒަފަކަށް ފައިސާ ދީގެން ކޯޓާ އިތުރު ކުރުމަކީ ފަސޭހަކަމެކެވެ. އެގޮތުން ކޮންމެ ކޯޓާއަކަށް 3000 ނުވަތަ 4000 ރުފިޔާ ދީގެން ކޯޓާ އިތުރުކުރެވޭ ކަމަށް އެޖެންސީތައް ހިންގާ ފަރާތްތަކުން ބުނެ އެވެ.

"ލާރި ދިނީމަ ކޯޓާ ލިބޭނެ. އަދި އަވަސް ކުރަން ބޭނުން ނަމަ އިތުރަށް ލާރި ދީގެން އެކަން ވެސް ވާނެ އިމިގްރޭޝަން ތެރެއިން،" އެޖެންސީއެއް ހިންގާ ފަރާތަކުން ބުންޏެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނަށް ފައިސާ ދީގެން ކޯޓާ އިތުރުކުރާކަމަށް އެޖެންސީތަކުން ބުނާ ވާހަކަ އިމިގްރޭޝަނުން ދޮގުކުރެ އެވެ. އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިޝަލު ހަސަން ހަލީލް ވިދާޅުވި ގޮތުގައި ފައިސާ ދީގެން ކަންކަން ނުކުރުވައޭ ވިދާޅުނުވާނެ ކަމަށާއި ނަމަވެސް ކޯޓާ ދިނުމުގައި މުވައްޒަފަކަށް ފައިސާ ދީގެން އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓާ އިތުރުކޮށްދެނީ އެކަމަށް އެދި ހުށަހެޅުމުން ފަސް މީހުންގެ ކޮމެޓީއަކުން ބެލުމަށް ފަހު ކަމަށާއި އެހެންކަމުން ވަކިވަކި މުވައްޒަފުންނަށް ފައިސާދީގެން އެކަން ކުރެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، އިމިގްރޭޝަނަށް ފައިސާ ދޭން ކަމަށް ބުނެ އެޖެންޓުން އޮޅުވާލައިގެން އެޖެންސީތަކުން ފައިސާ އަތުލާ ކަމަށާއި އެއީ އެ އެޖެންޓުންގެ ބޭނުމަށް އެމީހުން ކުރާކަމެއް ކަމަށެވެ.

ހަލީލް ވިދާޅުވީ، ބިދޭސީން ރާއްޖެ އަންނަ އިރު އެމީހުންނަށް ލިބޭނެ މުސާރައާއި އެހެނިހެން މައުލޫމާތު ލިބޭނެ އުސޫލްތައް ފަދަ ކަންކަން އެގައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން ހަމަޖައްސައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާ އެކު އެކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ހަހީލް ވިދާޅުވި އެވެ.

ކޮންމެ އަކަސް ބިދޭސީންގެ މައްސަލަ ބޮޑުވެ އަތްނުފޯރާ ފަށަށް ކަންކަން ދާއިރު މިވާހަކަ ވަރަށް ފުޅާކޮށް ދައްކަންޖެހެ އެވެ. ހާއްސަކޮށް ފައިސާގެ ބޭނުމަށް ބަޔަކު "ފެލަމުން" އެދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހެ އެވެ. ވަކިވަކި ބިދޭސީން ކުށްވެރިކޮށް އެމީހުންނަށް ފާޑު ކިޔުމުގެ ކުރިން އެހާލަތަށް އެމީހުން ދާން މަޖުބޫރު ކުރުވާ މީހުންނަށް ހައްގު އަދަބު ދޭންޖެހެ އެވެ.

comment ކޮމެންޓް