ރަސްފަންނު މޫދުން ކިސަޑު ނަގައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ރަސްފަންނު

މާފަންނުކޮޅުގައި ހަދާފައިވާ ރަސްފަންނު މޫދު ހިމެނޭ ސަރަހައްދުން ކިސަޑު ނަގައިދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީ އިން ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން ހައުސިން މިނިސްޓްރީ އަށް ގޮސް އެކަމުގެ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

އަދި މައުލޫމާތު ސާފު ކުރުމަށް ފަހު ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އެ މިނިސްޓްރީއަށް މަސައްކަތް ކޮށްދޭނެ އަގު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ އިއުލާނުގައި ބުނީ ކިސަޑު ނެގުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމަށެވެ. އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު 3004345 އަށް ރަސްމީ ގަޑީގައި ގުޅުމުން ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ރަސްފަންނު ބީޗު ސަރަހައްދުން ކިސަޑު ނަގައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާ އިރު، އެ ސަރަހައްދު މޫދަށް ކަޅުތެޔޮ އެޅުންފަދަ މައްސަލަތަކެއް މީގެ ދުވަސްތަކެއް ކުރިން ވަނީ ކުރިމަތިވެފަ އެވެ.

comment ކޮމެންޓް