ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޔުނިޓީ ކަޕްގެ ފައިނަލަށް، ސަބަބުތަކަކާ ހުރެ ތަކަންދޫގެ ފެލްކޮންސް ޔުނައިޓެޑް ހާޒިރުނުވުމުން އެ މުބާރާތުގެ ޗެމްޕިއަންކަން ވަށަފަރުގެ ޗެލެންޖާސް އެފްސީ އަށް ލިބިއްޖެއެވެ.
ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުމަށް ހަމަޖެހުނު އިރު، އެ މެޗަށް ހާޒިވެފައިވަނީ ހަމައެކަނި ޗެލެންޖާސް އެފްސީ އެވެ.
ޔުނިޓީ ކަޕްގެ ފައިނަލް މެޗު ކުރިން ތާވަލުކޮށްފައި އޮތީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުމަށެވެ. ނަމަވެސް އެ ދުވަހު ވިއްސާރަވުމުގެ ސަބަބުން ކަމަށް ބުނެ، މުބާރާތް އިންތިޒާމްކުރާ އަރުތަ ސްޕޯޓްސް އިން ވަނީ ފައިނަލް މެޗު ފަސްކޮށްފައެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެންމެ ފަހުގެ ޗެމްޕިއަން ފެލްކޮންސް އިން ފައިނަލް މެޗަށް ހާޒިރުނުވުމުން ޗެމްޕިއަންކަން ލިބުނީ ޗެލެންޖާސް އެފްސީ އަށް --- ފޮޓޯ: އަރުތަ ސްޕޯޓްސް
އަރުތަ ސްޕޯޓްސް އިން ބުނީ، އާދީއްތަ ދުވަހު ކުޅެން އޮތް ފައިނަލް މެޗު ކެންސަލް ކުރުމުން ފެލްކޮންސް އިން ހިތްހަމަނުޖެހުނީ ކަމަށާއި އިއްޔެ ހެނދުނު 11:00ގެ ކުރިން އިއްޔެގެ ފައިނަލް މެޗަށް ހާޒިރުވާނެތޯ ނުވަތަ ނޫންތޯ އަންގައިދިނުމަށް އެދުނު ކަމަށެވެ. އަދި ހެނދުނު 11:00ގެ ކުރިން ފެލްކޮންސްގެ ހަބަރެއް ނުވުމުން މެޗު ކުޅޭ ގަޑި ނިންމައި ޗެލެންޖާސް އަށް އަންގާފައި ވަނިކޮށް، އަންނަ މަހުގެ އެއް ވަނަ ދުވަހަށް ފައިނަލް މެޗު ފަސްކޮށްދިނުމަށް ފެލްކޮންސް އިން އެދުނު ކަމަށެވެ.
"މުބާރާތަކީ ބޮޑު ހަރަދުތަކެއް ހިނގާ ކަމަކަށް ވެފަ. ލަސްވާ ކޮންމެ ދުވަހަކީ މިފަދަ ހަރަދުތައް އަރާނެ ދުވަހަކަށް ވުމާއި މުބާރާތުގެ ފޯރި ކެނޑޭނެ ކަމަކަށް ވާތީ އެ ދުވަހަށް ފަސްކުރެވެން ނެތް ވާހަކަ ފެލްކޮންސް އަށް އަންގާފަ އަޅުގަނޑުމެން މެޗު ބޭއްވީ. އަސްލު އެ ޓީމުގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ކުޅުންތެރިން ނެތުން. ކުރިން ފައިނަލް ކުރަން އޮތް ދުވަހު މެޗު ކެންސަލް ކުރި ހިސާބުން ފެށިގެން އިއްޔެ ހަވީރު 5:00އާ ހަމައަށް ފެލްކޮންސް އިން ދިޔައީ މެޗު ނުކުޅޭނެ ކަމަށް އަންގަމުން،" އަރުތަ ސްޕޯޓްސް އިން ބުންޏެވެ.
މިދިޔަ އަހަރުގެ ޔުނިޓީ ކަޕްގެ ޗެމްޕިއަން ފެލްކޮންސް ޔުނައިޓެޑަށް މެޗަށް ހާޒިރުވެވިފައި ނުވަނީ އެ ޓީމަށް ކުޅޭ ރަށުން ބޭރު ތިން ކުޅުންތެރިންނަށް މެޗުގައި ބައިވެރިނުވެވޭތީ ޓީމުގައި ދެން ތިބި ކުޅުންތެރިން ފައިނަލް މެޗު ކުޅުމަށް ބޭނުން ނުވެގެންނެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެންމެ ފަހުގެ ޗެމްޕިއަން ފެލްކޮންސް އިން ފައިނަލް މެޗަށް ހާޒިރުނުވުމުން ޗެމްޕިއަންކަން ލިބުނީ ޗެލެންޖާސް އެފްސީ އަށް --- ފޮޓޯ: އަރުތަ ސްޕޯޓްސް
ފެލްކޮންސްގެ މެނޭޖަރު 'ސަން'އާ ވާހަކަދައްކަމުން ބުނީ، ރަށުން ބޭރު ތިން ކުޅުންތެރިންނާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އެ ކުޅުންތެރީން ޓީމަށް ކުޅެން އެއްބަސްވެފައިވަނީ ފުރަތަމަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހުނު ތާރީހާ ހަމައަށް ކަމަށާއި އެ ކުޅުންތެރިންނަކީ ބޮޑު ހަރަދެއްކޮށްގެން ގެނެސްފައި ތިބި ކުޅުންތެރިން ކަމަށެވެ. އަދި އެއްވަނަ ދުވަހު މެޗު ކުޅޭގޮތަށް ފަސްކޮށްދިނުމަށް އެދުނީ ފެލްކޮންސް އިން ފައިނަލް މެޗު ކުޅެން ބޭނުންވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބޭރު ތިން ކުޅުންތެރިންނަށް ނުކުޅެވޭތީ އެހެން ކުޅުންތެރީން ބޭނުންނުވީ މެޗު ކުޅެން. އަޅުގަނޑުމެން ފައިނަލް މެޗު ފަސްކުރެވޭތޯ މަސައްކަތް ކުރިން. އިއްޔެ ހެނދުނު 11:00ގެ ކުރިން ފެލްކޮންސް އިން މެޗު ކުޅޭނެތޯ ނުވަތަ ނޫންތޯ އެންގުމަށް އަރުތަ ސްޕޯޓްސް އިން އެދުނީ. އެކަން އަޅުގަނޑުމެންނަށް އަންގާފައިވަނީ ދަންވަރުގެ ވަގުތެއްގައި. އަޅުގަނޑުމެންގެ ޓީމަށް ކުޅޭ ކުޅުންތެރިންނަކީ ވަޒީފާތަކަށް ދާ މީހުން. އެހެންކަމުން އެ ކުޅުންތެރިންނާ އެކު ބައްދަލުވުމެއް ބޭއްވުނީ ވަޒީފާތަކަށް ދާ މީހުންގެ ވަޒީފާ ނިމުމުން އިއްޔެ ހަވީރުގެ ވަގުތެއްގައި،" ފެލްކޮންސްގެ މެނޭޖަރު ބުންޏެވެ.
މެނޭޖަރު ބުނީ، މިދިޔަ އާދީއްތަ ދުވަހު ކުޅުން ކުރިން ތާވަލުކޮށްފައި އޮތް ފައިނަލް މެޗު ނުކުޅެވޭހާ މޫސުން ގޯސް ނުވާ ކަމަށާއި އެ ދުވަހު މެޗު ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށެވެ. އެ ދުވަހުގެ ފައިނަލް މެޗު ކެންސަލްވި ވާހަކަ ވެސް އަންގާފައިވަނީ އެއްވެސް ޓީމަކާ މަޝްވަރާ ނުކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެންމެ ފަހުގެ ޗެމްޕިއަން ފެލްކޮންސް އިން ފައިނަލް މެޗަށް ހާޒިރުނުވުމުން ޗެމްޕިއަންކަން ލިބުނީ ޗެލެންޖާސް އެފްސީ އަށް --- ފޮޓޯ: އަރުތަ ސްޕޯޓްސް
"އަޅުގަނޑުމެން އެ ދުވަހު ވެސް ކޮންމެ ދަނޑެއްގައި ވިޔަސް މެޗު ކުޅެން ތައްޔާރަށް ހުރީ. އެއީ އަޅުގަނޑުމެން ރަށުން ބޭރު ކުޅުންތެރިން ގެނައުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާތީ. އެގޮތުން އާދީއްތަ ދުވަހު އެ މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަން އަރުތަ ސްޕޯޓްސް އިން ދިނުމުން އައްޑޫގައި ހުރި ރަށުން ބޭރު ކުޅުންތެރިޔާ ވެސް ހަރަދުތަކެއް ކޮށްގެން ގެނެސްފައިވާނެ. އެ ދުވަހުގެ ހަވީރު ވެސް އަޅުގަނޑުމެންނަށް ޔަގީންކަން ދިން މެޗު ކުރިއަށްދާނެ ކަމަށް. މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ ޓާފް ދަނޑުގައި ކަމަށް. އެކަމަކު ފަހުން ގާތްގަނޑަކަށް އެ ދުވަހުގެ އިރުއޮއްސި 6:30ގައި އަޅުގަނޑުމެންނަށް އެންގީ މެޗު ކެންސަލްކުރި ކަން،" އޭނާ ބުންޏެވެ.
މެނޭޖަރު ބުނިގޮތުގައި އެ މެޗު ކެންސަލް ކުރުމާ އެކު މަޝްވަރާ ކުރުމަށް އެދިފައިވީ ނަމަވެސް، ފެލްކޮންސް އިން މެޗު ކުޅެން ބޭނުންވާތީ އަރުތަ ސްޕޯޓްސް އިން މަޝްވަރާ ކުރުމަށް އެއްބަސްވެ، ބައްދަލުކުރަން ހަމަޖެހުނު ގަޑިއަކީ އެ ދުވަހުގެ މެޗު ފެށެން 15 މިނެޓު ކުރިންނެވެ.
"އެގޮތަށް އަރުތަ ސްޕޯޓްސް އިން ބުނުމުން އަޅުގަނޑުމެން އެއަށްވުރެ އަވަސް ގަޑިއަކަށް އެދުނީ. ދެން ދިނީ މެޗު ފެށެން އޮތް ގަޑިއަށްވުރެ 30 މިނެޓު އަވަސް ވަގުތެއް. ބައްދަލުވުމުގައި އަޅުގަނޑުމެން ހުރިހާ ވާހަކަތަކެއް ހިއްސާކުރިން. އަޅުގަނޑުމެންގެ އަތުން ދިޔަ ހަރަދުތައް ވެސް ވަރަށް ރަނގަޅަށް ސާފުކޮށްދިނިން. އަޅުގަނޑުމެން ބޭނުންވީ މަޝްވަރާކޮށްގެން ކުރިއަށްގެންދަން. އެގޮތުން އަޅުގަނޑުމެން މަޝްވަރާކުރީ. ނަމަވެސް އެ ދުވަހުގެ މެޗު ކުޅޭ ގޮތަކަށް އަރުތަ ސްޕޯޓްސް އިން އެއްބަހެއް ނުވި. އެ ހިސާބުން ފެށިގެން އަޅުގަނޑުމެން ބުނިން އަޅުގަނޑުމެންގެ ރަށުން ބޭރު ކުޅުންތެރިންނަށް ނުކުޅެވޭތީ ޓީމުން ކުޅެން ބޭނުންނުވާކަން،" އޭނާ ބުންޏެވެ.
ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެންމެ ފަހުގެ ޗެމްޕިއަން ފެލްކޮންސް އިން ފައިނަލް މެޗަށް ހާޒިރުނުވުމުން ޗެމްޕިއަންކަން ލިބުނީ ޗެލެންޖާސް އެފްސީ އަށް --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ފެލްކޮންސް އަކީ މުބާރާތް ފެށުނީއްސުރެ، މުބާރާތް އިންތިޒާމުކުރާ އަރުތަ ސްޕޯޓްސް އަށް އެއްބާރުލުން ދެމުން އައި ޓީމެކެވެ. އެގޮތުން މުބާރާތުގައި އެ ޓީމުން ބައިވެރިވީ ވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާ 10،000 ރުފިޔާގެ ފައިސާގެ އިނާމަކަށް ނޫން ކަމަށާއި މުބާރާތުގައި ބައިވެރިވީ އެކުވެރިކަން އާލާކުރުމުގެ ގޮތުން ކަމަށް ފެލްކޮންސް އިން ބުނެއެވެ.
ޔުނިޓީ ކަޕް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ފަހުގެ ތާރީހެއްގައެވެ. އެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އަރުތަ ސްޕޯޓްސް އިން މައުލޫމާތުދެއެވެ.