ދިވެހިންނަށް ހާއްސަ މިލިއަން ރުފިޔާގެ ވިޔަފާރީގައި އަދިވެސް ބިދޭސީން!

ފޮޓޯ ނެގުމަށް މަރު ދޭ އެ ޒުވާނާއަށް އެ ދާއިރާ އިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ ކަމަށްވާ ރިސޯޓް ފޮޓޯ ދާއިރާއިންނެވެ. ނަމަވެސް ގަވައިދާ ހިލާފު ގޮތަކަށް ހިނގި ވިޔަފާރިއެއްގެ ތެރެއިންނެވެ. ފޮޓޯ ގުރަފީގެ އެއްވެސް ވިޔަފާރިއެއް ބޭރު މީހުން ކުރުން މަނާ ނަމަވެސް އޭނާ އަށް ފުރުސަތު ލިބުނު ކުންފުއްޏަކީ ބޭރު މީހުން ކުންފުއްޏެވެ. ހިއްސާ ވަނީ އެންމެ ދިވެއްސެކެވެ. އެވެސް ނަމެއްގަ އެވެ. މީގައި ކަންބޮޑުވާން ޖެހޭ ކަމަކީ ބޭރު މީހުން ކުރުން މަނާ ވިޔަފާރިކޮށްގެން އެތައް ހާސް ޑޮލަރެއް ރާއްޖެ އިން ބޭރު ކުރަމުން ދާ ކަމެވެ.

ދުނިޔޭގެ ނުވަ ގައުމެއްގައި ހިންގާ އެ ކުންފުނިން ރާއްޖޭގެ 13 ރިސޯޓެއްގައި ފޮޓޯ ނަގައި 15000 ޑޮލަރު އާންމުކޮށް ދުވާލަކު ހޯދަ އެވެ. ފޮޓޯ ނަގަން ގެންގުޅޭ ދިވެހި ކުއްޖަކަށް ދެނީ މަހަކު 500 ޑޮލަރުގެ މުސާރައެކެވެ. އިތުރު އެލަވަންސްތައް ދޭން އެއްބަސްވި ނަމަވެސް ނުދެ އެވެ. އެ ވިޔަފާރިން ވާ ފައިދާ ބޮޑު ބައި ގެންދަނީ ރާއްޖެއިން ބޭރަށެވެ.

ރާއްޖޭގައި ފޮޓޯ ނެގުމުގެ ދާއިރާގައި ބިދޭސީން އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ހެދީ މިފާހަގަކުރާ ކުންފުނި ރާއްޖޭގައި މަސައްކަތް ކުރަނިކޮށެވެ. އެއާ އެކު އެހެން ކުންފުންޏެއް އުފައްދައި އެ ވިޔަފާރި ކުރަނީ ހަމަ އެ ބިދޭސީންނެވެ.

"ހަމަ ކުރީގެ ބޭރު މީހުން އަދިވެސް މެނޭޖް ކުރަނީ، އެމީހުން ކުރިން ބޭނުންކުރި ހުރިހާ މެއިލެއް ބޭނުން ކުރަނީ، ކުންފުނި ނަން އެކަނި ބަދަލުވީ،" އެ ކުންފުނީގައި ފޮޓޯނެގި ދިވެހި ޒުވާން ފޮޓޯ ގުރާފަރު ބުންޏެވެ.

ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ފޮޓޯ ގުރާފަރުން މިފަހަރު ހިޔާރު ކުރިމަގަކީ ދިވެހިން ބޭރަށް ނެރެ އޭގެ ނަފާ އެ މީހުންގެ ޖީބަށް ލެވޭނެ ގޮތެވެ. ލިބޭ ފައިސާ އިން ކުޑަ އެއްޗެއް ދިވެހި މީހާއަށް ލިބޭ ގޮތަށް ދިވެހިންގެ ނަމުގައި ކުންފުނި ހަދައި އެ ވިޔަފާރި ކުރުމެވެ.

ޒުވާނުން ލޮލުގައި އަނދުން އަޅުވައި ގެންދާ ބޮޑު އާމްދަނީ!

ރިސޯޓުތަކުގައި ފޮޓޯ ނަގަން އުޅޭ ގިނަ ކުދިންނަށް ބަލާއިރު އެއީ ވަރަށް ޒުވާން ކުދިންނެވެ. މަޝްހޫރު ޒުވާން ފޮޓޯ ނެގުންތެރިޔާ ޝިފާޒް ޝަމްއޫން (ސޮއްޓި) ބުނި ގޮތުގައި ބޭރުގެ މެނޭޖުމަންޓުތަކުން ދަނީ ގަވައިދާ ހިލާފަށް ވިޔަފާރިކޮށް ދިވެހި ފޮޓޯ ގުރާފަރުންނަށް އެކަށޭނަ އާމްދަނީއެއް ނުދީ އޭގެ ފައިދާ އެ މީހުން ރާއްޖެއިން ބޭރު ކުރަމުންނެވެ.

"ދިވެހި ކުއްޖަކަށް 300 އެއްހާ ޑޮލަރު މަހަކު ދީގެން އެ ކުދިން ޔޫސް ކުރަނީ، ހަމައެކަނި ދިވެހިންނަށް ހުއްދަ އޮތް މި ދާއިރާއިން ލިބޭ އާމްދަނީ އެ ގެންދަނީ ބޭރު މީހުން،" ސޮއްޓި ބުންޏެވެ.

ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ނަގާ ފޮޓޯ ޝޫޓިންތައް 300 ޑޮލަރުން ފެށިގެން 1000 ޑޮލަރަށް ވުރެ މަތިން ނަގާއިރު އެއީ މީގެ ކުރިން އެތައް ދިވެހިންނެއް ބޮޑު އާމްދަނީއެއް ހޯދި ދާއިރާ އެވެ. ނަމަވެސް މިއަދު ދިވެހިންނަށް ޖާގައެއް ނުލިބެ އެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ފޮޓޯގުރާފަރެއް ކަމަށްވާ ޔާމީން މާހިރު ވަނީ ހަތަރު އަހަރު ފޮޓޯ ނެގުމުގެ ދާއިރާގައި ހަރަކާތްތެރިވެ އެދާއިރާ އިން ތައުލީމް ހާސިލްކޮށްފަ އެވެ. ފޮޓޯ ނެގުމަށް އޭނާ ގެންގުޅޭ ސާމާނުގެ އަދަދު 60000 ރުފިޔާއަށް ވުރެ ބޮޑެވެ. ނަމަވެސް އޭނާ އަށް މިއަދު ފުރުސަތެއް ނުލިބެ އެވެ. އައްޑޫގައި އޭނާ ދިރިއުޅޭއިރު އެ އަތޮޅު ރިސޯޓަށް ހުށަޙަޅައިގެން ވެސް އޭނާއަށް އެ ފުރުސަތު ނުދީ ފުރުސަތު ދިނީ ބޭރު މީހުންނަށް ކަމަށް އޭނާ ބުނެ އެވެ.

"އަހަރެން އަމިއްލައަށް ޕުރޮޕޯސަލްލިޔެ ހުށަހެޅީ، އެކަމަކު ބޭރު މީހުންނަށް ދިނީ، މަށަށް މިހާރު ފޮޓޯ ނަގަން ނުލިބޭ،" ޔާމީން ބުންޏެވެ.

ބޭރު އެކުރަނީ އެތައް ލައްކަ ޑޮލަރެއް!

ރާއްޖޭގައި ފޮޓޯ ނަގައިގެން އާމްދަނީ ހޯދުމަކީ ދިވެހިންނަށް ހާއްސަ ދާއިރާއެއް ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތަކުން ރާއްޖޭގައި ފޮޓޯ ނަގައިގެން މި އަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 11 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. އަހަރެއްގެ މައްޗަށް ބިދޭސީން 36 މިލިއަނެއްހާ ރުފިޔާ ފޮޓޯ ނަގައިގެން ހޯދާކަަމަށް ބެލެވެ އެވެ. މިއީ ދިވެހިންގެ ހައްގެވެ. ޒުވާނުންނަށް ފުރުސަތު ނުލިބި އެ ދަނީ އެ މީހުން އެ ފައިސާތައް ފޭރެމުންނެވެ.

ގަވައިދުން މަނާކުރި ނަމަވެސް އަމަލެއް ނުކުރޭ!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިދޭސީ ފޮޓޯގުރާފަރުންނާއި ބޭރު މީހުން ހިނގާ ފޮޓޯ ކުންފުނިތައް އެބައުޅެ އެވެ. މާލެ ސަރަހައްދުގައި އެތައް ސުޓޫޑިއޯއެއް ހިންގަ އެވެ. ރިސޯޓްތަކުގައި ފޮޓޯ ނަގަންވެސް އުޅެ އެވެ. ނަމަވެސް މިއީ ގަވައިދުން ކަނޑައެޅިގެން މަނާކަންކަމެވެ. އުފެދޭ ސުވާލަކީ އަމަލު ކުރެވޭތޯ އެވެ؟

ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި ބިދޭސީ ފޮޓޯ ގުރާފަރުންގެ މައްސަލައަށް ހައްލެއް ނާދެ އެވެ. ކުރިން ހިންގި ބޭރު މީހުން އެހެން ނަން ނަމުގައި ހަމަ ހަރަކާތްތެރިވާ ކަމަށާއި އެ ކުންފުނިތައް ސަރުކާރުން އުވާނުލާ ކަމަށް ޝާފީ ވިދާޅުވި އެވެ.

ޝާފީ ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ

"ނަމަކަށް މި ބުނަނީ ވިސާ ނުދޭ ވާހަކަ، އެކަމަކު ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އެމުއްދަތެއްގެ ތެރޭގައި އެ ވިޔަފާރި އެބަކުރޭ، އަދި އެހެނިހެން ވިސާތަކުގައި އައިސް ފޮޓޯ ނެގުމުގެ ވިޔަފާރި އެބަކުރޭ،" ޝަފީ ވިދާޅުވި އެވެ.

ޝާފީ ވިދާޅުވި ގޮތުގައި ދިވެހި ފޮޓޯ ގުރާފަރުންނާއި ދިވެހި ފޮޓޯ ސުޓޫޑިއޯތަކަށް ކޮށްފައިވާ ހަރަދާއި ދިވެހިން ގެންގުޅޭ އެންމެ ފަހުގެ ތަކެއްޗަށް ބަލާއިިރު އެވިޔަފާރި ކުރާ ބިދޭސީ ފޮޓޯ ގުރާފަރުން ގެންގުޅެނީ ވަރަށް އާދައިގެ އިކުއިޕްމެންޓް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ރީތިކަން ދައްކުވައި ނުދެވޭ ކަމަށް އޭނާ ބުންޏެވެ.

މިނިސްޓަރު ވިދާޅުވީ ބޭރު މީހުންނަށް ފުރުސަތު ނެތް ކަމަށް!

ފޮޓޯގުރަފީ ދާއިރާ ދިވެހިންނަށް ހާއްސަ ކުރި އެންމެ ބޮޑު ސަބަބަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދީ ޒުވާނުންނަށް ބޮޑު އާމްދަނީއެއް ހޯދޭނެ މަގެއް އޮތުމެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބޭރު އެއްވެސް ފަރާތަކަށް ފޮޓޯގްރަފީ ދާއިރާގައި އުޅުމަށް ހުއްދަ ނުދޭ ކަމަށާއި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

"ރާއްޖޭގައި މިހާރު ފޮޓޯގްރަފީ ދާއިރާގެ އެއްވެސް ވިޔަފާރިއެއް ނޫޅޭނެ ފޮރިންއިންވެސްޓް ވިޔަފާރިއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މަދުން ނަމަވެސް ބިދޭސީ ފޮޓޯގްރާފަރުން ވަނީ ރާއްޖެ އިން ފޮނުވާލައިފަ އެވެ. ނަމަވެސް ފޮޓޯ ކައުންސިލުން ބުނާ ގޮތުގައި އެތައް ބޭރު ފޮޓޯގުރާފަރުންގެ މައުލޫމާތު ދީގެން ވެސް އެކަން ނުހުއްޓުވެ އެވެ.

ބިދޭސީން އެވަނީ ބާގަނޑެއްހޯދައިފަ އެވެ. އެއާއެކު ނަހަމަ ގޮތުގައި އެވިޔަފާރިކޮށް ނަފާ ހޯދަން ވެސް މިވަނީ ފަށައިފަ އެވެ. އެތައް ސަތޭކަ ދިވެހިންގެ ހިތާއި ގުޅިފައިވާ ދާއިރާއިން ގަވާއިދާ ހިލާފަށް އެ ފައިސާތައް ރާއްޖެ އިން ބޭރަށް އެ ވަނީ ގެންދަން ފަށައިފަ އެވެ. ދިވެހިންނަށް ކުޑަ އެއްޗެއް ދީ ބޮޑު ފައިދާ އެ ގެންދަނީ ގަވައިދާ ހިލާފަށެވެ. ދިވެހި ފޮޓޯގުރާފަރުންގެ އެދުމަކީ އެކަމަށް ހައްލެއް ހޯދައިދިނުމެވެ.

comment ކޮމެންޓް