ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭ ގޮތަށް އެ މުބާރާތް އިންތިޒާމްކުރާ އަރުތަ ސްޕޯޓްސް އިން ނިންމައިފިއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ޔުނިޓީ ކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ތަކަންދޫގެ ފެލްކޮން ޔުނައިޓެޑް އެސްސީ އާއި ވަށަފަރުގެ ޗެލެންޖާސް އެފްސީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:45ގައި ކުޅިވަރު އެކުވެނި ވެލިދަނޑުގައެވެ.
ޔުނިޓީ ކަޕްގެ ފައިނަލް މެޗު، ކުރިން ތާވަލުކޮށްފައި އޮތީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުމަށެވެ. ނަމަވެސް އެ ދުވަހު ވިއްސާރައިގެ ސަބަބުން އެ މެޗު ވަނީ ފަސްކޮށްފައެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމާއި، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަދި ޑްރީމް ޓީމު ހޮވުމަށް ހަމަޖެހިފައިވެ އެވެ.
ޔުނިޓީ ކަޕްގެ ކޯ ސްޕޮންސަރުންނަކީ ރަވިންސް ކިޗަން އެންޑް ކެފޭ އާއި ތިލަފުށި ކޯޕަރޭޝަން އަދި 2އޭ ކޮމްޕެނީ އެވެ. އެސޯސިއޭޓް ޕާޓްނަރަކީ ބްލެކް ފައުޑޭޝަނެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.