ދުވަސްވީ މީހާ ވެއްޓުނީތަ؟ ނޫނީ ފުންމާލީތަ؟

ދުވަސްވީ މީހާ ވެއްޓި މަރުވެފައި--

ވެއްޓި ޖެހުމާ އެކު ކަނދުރާ އޮތީ ބިންދައިގެންގޮސްފަ އެވެ. ބުރަކަށިން ބޮޑު ދިމާލެއް ފަޅައިގެންގޮސްފައި އޮތް އިރު ހަށިގަނޑުގެ ގިނަ ތަންތަން އޮތީ ބިނދިފަ އެވެ. ދިހަ ވަނަ ބުރިން ވެއްޓި ޖެހިފައި އޮތީ ވައިގޮޅީގެ ތިރީގައި އޮތް ޓިނުގަނޑެއްގެ މައްޗަށެވެ. އެއީ އިއްޔެ ވައިގޮޅިން ވެއްޓި މަރުވި ޏ.ފުވައްމުލަށް ފުސްތަޅާގޭ 83 އަހަރުގެ މޫސާ ހަސަން މަރުވެފައި އޮތްގޮތެވެ. އޭނާ މަރުވި ސަބަބާ މެދު މިވަނީ ސުވާލު އުފެދިފަ އެވެ.

މޫސާ ހަސަން ދިރިއުޅެނީ ފުވައްމުލަކުގަ އެވެ. އޭނާ މާލެ އައީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ބޭސް ފަރުވާއަށެވެ. މުސްކުޅި ބައްޔަށް ފަރުވާ ހޯދަން އިއްޔެ ހެނދުނު ވެސް އޭނާ ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. އޭނާ ވެއްޓި މަރުވެފައި އޮއްވައި ފެނިފައި ވަނީ އިއްޔެ 14:50 ކަންހާއިރު އޭނާ ދިރިއުޅޭ ގެ ކަމަށްވާ މ. ރަންބުސްތާންގޭ ކައިރި ކޮންސްޓުރަކްޝަން މަސައްކަތް ކުރަމުންދިޔަ ބަޔަކަށެވެ.

ފުންމާލީތަ؟

ފަހުގެ އިމާރާތެއް ކަމަށްވާ ރަސްބުސްތާނުގެއިން މޫސާ ހަސަން ވެއްޓުނު ކުޑަދޮރަކީ ތަޅުންގަނޑާއި ހަތަރު ފޫޓެއްހާ މަތީގައި އިންނަ ކުޑަދޮރެކެވެ. މޫސާ ހަސަން އަކީ ކުރު މީހެއްނޫނެވެ. ވެއްޓެން ދިމާވީ ބޯ އަނބުރާ ގަނެގެން ކަމެއް ނޫނީ ފުންމާލައިގެން ކަމެއް އަދި ސީދާ ބުނާކަށް ނޭނގެ އެވެ. އޭނާ ވެއްޓުނު މަންޒަރު ދުށް މީހަކު އެގޭގައި ވެސް ނެތުމުން ހަގީގަތުގަިއވީ ކިހިނެއް ކަމެއް ނޭނގެ އެވެ.

ކާފަދަރިއެއް ބުނި ގޮތުގައި މޫސާ ހަސަން ވެއްޓުނު ކުޑަދޮރުކައިރީގައި މައްޗަށް އެރުމަށް ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ.

"ގޮނޑިއެއްހުރި ބަހައްޓާފައި، ދެން ވީގޮތެއް ނޭނގެ، އެކަކަށް ވެސް ނުފެނޭވިއްޔާ." ކާފަ ދަރިފުޅު ބުންޏެވެ.

އެމައްސަލަ ތަހުގީގު ކުރާ ފަރާތުން ވެސް ވަނީ އެފަދަ ހެކިތަކެއް ހުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތަހުގީގް ކުރަމުންދާތީ ވަކިއެއްޗެއް ހާމައެއް ނުކުރެ އެވެ.

އާއިލާއިން މައުލޫމާތުދޭ ގޮތުގައި މޫސާ ހަސަން ކަމަކާ ހިތްހަމަ ނުޖެހިގެން އުޅުނު ކަމުގެ މައުލޫމާތެއް ވެސް ކުރިން ލިބިފައެއް ނުވެ އެވެ. މޫސަ އަކީ ދުވަސްވީ މީހެއް ނަމަވެސް ސިނކުޑީގައި އުނިކަމެއްވެސް ހުންނަ މީހެއް ނޫން ކަމަށާއި އަދި ނަފްސާނީ މައްސަލައެއް ވެސް ހުންނަކަން އެނގިފައިނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ސިއްހީ މައްސަލައެއް؟

ދުވަސްވީ މީހަކަށް ވުމުން ސިއްހީ ގޮތުން ދިމާވާނެ މައްސަލަތައް ވެސް ހުރުން އެކަށީގެންވެ އެވެ. ސިއްހީ ގޮތުން ކުއްލިއަކަށް ދިމާވާ މައްސަލަތަކަށް ފަރުވާދެއްވާ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވި ގޮތުގައި އެހާމަތިން ބޭރު ބަލަނިކޮށް ބޯ އެނބުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ކަނދުރާގައި ނުވަތަ ބުރަކަށީ މައްސަލައެއް އުޅޭ މީހެއް ނުވަތަ ހަކުރު ބަލީގެ މައްސަލަ އުޅޭ މީހެއް ނަމަ އެ ފުރުސަތު ބޮޑު ކަމަށް އުސާމާ ވިދާޅުވި އެވެ.

އެހެންކަމަށް ވުމުން މަތިން ތިރި ބަލަނިކޮށް ބޯ އަނބުރައިގަނެގެން ވެއްޓުމުގެ ފުރުސަތުވެސް އެބައޮތެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމާ!

އިއްޔެ ހިނގި އެ ހިތާމަވެރި ހާދިސާގައި މަރުވެގެން އެދިޔައީ އެތައް ބައެއްގެ ބައްޕައެކެވެ. ލިބޭ ފުންހިތާމަ ސިފަކުރަން އުނދަގޫވާނެ އެވެ. އެހެންކަމުން އެފަދަ ކަންކަން ވިޔަ ނުދިނުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޖެހެ އެވެ. ހާއްސަކޮށް ދުވަސްވީ މީހުންނާއި ކުޑަކުދިން އުޅޭ ތަންތަނުގެ ދޮރުތައް ލައްޕާފައި ބަހައްޓަންޖެހެ އެވެ. ބެލްކަނި ފަދަ ތަންތަން މީހުން ނުވެއްޓޭނެހެން ރައްކާތެރިކޮށް ބަހައްޓަންޖެހެ އެވެ.

އިމާރާތްކޮށްފައި ހުންނަ ގޮތް ގޯސް ވުމުން ވެސް ތަފާތު ހިތާމަވެރި ހާދިސާތައް ވަނީ މިދިޔަ އަހަރު ތެރޭގައި ހިނގައިފަ އެވެ. މާމަ ދަރިގޮވައިގެން ސިޑިން ފައިބަނިކޮށް ކަހާލައި ލިފްޓްގޮޅިން ތިރިއަށްވެއްޓި މާމަ ދަރި ނިޔާވުން ފަދަ އެތައް ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެހެންކަމުން ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

comment ކޮމެންޓް