"ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.
އެ އެކްސްޕޯ ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ އެކްސްޕޯގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރިތަކާއި ދިވެހި ވިޔަފާރިތަކާއި ގުޅުވައިދޭ ކަމަށެވެ. އޭގެ ފައިދާތައް އޮތީ ދިވެހި ވިޔަފާރިތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 40 އަހަރުތެރޭގައި ޓޫރިޒަމް ދާއިރާއިން ހޯދި ކާމިޔާބީއާއެކު ރާއްޖެ ދާނީ އެދާއިރާއިން ކުރިއަށް ކަމަށެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ އެކްސްޕޯގައި ޓޫރިޒަމް ދާއިރާއަށް ހާއްސަ ތަކެތި ދައްކައިދޭ 120 ސްޓޯލް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިތައް ހިމެނެއެވެ.

ސްޓޯލްތަކުގެ އިތުރުން އެ އެކްސްޕޯގައި ކުރިއަށްގެންދާ ކަލިނަރީ ޖެލެންޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 450 ފަރާތްތަކުން ބައިވެރިވެއެވެ. އެފަރާތްތަކުން ދަނީ ކެއްކުމުގެ ހުނަރާއި ކާބޯތަކެތި ޑިޒައިން ކުރުމާއި ކޭކް އެޅުންފަދަ ހުނަރުތައް ދައްކާލަމުންނެވެ.
އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެވެ. އެ ޖެލެންޖްގައި ފަނޑިޔާރުކަން ކުރަށްވާނީ ދުނިޔޭގެ އެކި ހިސާބުތަކުން ހޮވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.