ދުނިޔޭގެ އެކި ހިސާބުތަކުން 450 އަށް ވުރެ ގިނަ ކައްކާއިންނާ އެކު ބައިނަލްއަގުވާމީ "ކަލިނަރީ ޖެލެންޖު"އެއް މިއަދު މާލޭގައި ފަށައިފި އެވެ.
ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2016 "ގެ ނަމުގައި މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެ ޗެލްންޖުގައި ދުނިޔޭގެ އެކި ހިސާބުތަކުން 450 އަށް ވުރެ ގިނަ ކައްކާ އިން ބައިވެރިވެފައިވާ އިރު އެއީ ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރާ ދުނިޔޭގެ އެކި ހިސާބުތަކުގެ ކައްކާ އިން ނެވެ.
އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެ އެވެ. އެ ޖެލެންޖްގައި ޖަޖްކަން ކުރައް ވާނީ ދުނިޔޭގެ އެކި ހިސާބުތަކުން ހޮވާލާފައިވާ ޖަޖުންގެ ޕެނަލް އަކުންނެވެ.
މުޅި މުބާރާތުގައި 20 ކެޓަގަރީއަކުން ކައްކާއިން ކާނާ ތައްޔާރުކުރާނެ ކަމަށް ދިވެހި އެކްސްޕޯ ސާވިސަސްގެ މެނޭޖަރު ފާތިމަތު ޒާލީ ވިދާޅުވި އެވެ. އޭގެ ތެރޭގައި "ހޮޓް ކުކިން" އަދި ކޭކު ހެދުން ފަދަ ކަންކަން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
"ކައްކާއިން ބައިވެރިވެގެން އެބޭފުޅުންނަށް މި ލިބޭ ސެޓްފިކެޓަކީ ވެކްސްގަ އެންޑޯސްވެގެން އަންނަ ސެޓްފިކެޓެއް. ޗެފް ބިލްޑް އޮފް މޯލްޑީވްސް އަކީ އަޅުގަނޑުމެންނާ އެކީ ބައިވެރިވެގެން އުޅޭ ބައެއް. އެބޭފުޅުން އިންނާނެ ވެކްސްގަ ރަޖިސްޓާވެފައި. އެހެންވީމާ އެއީ ހުރިހާ ކައްކާއިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ޒާލީ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާ އަށް ސަޕްލައި ކުރުމުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 120 ސްޓޯލްއެއް އެ އެގްޒިބިޝަންގައި ވަނީ ހިމަނައިފަ އެވެ. އެ ސްޓޯލްތަކުން ފަތުރުވެރިކަމަށް ބޭނުންވާ ތަފާތު ތަކެތި ލިބެން ހުރެ އެވެ. އެގްޒިބިޝަން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ކަލިނަރީ ޗެލެންޖު މިއަދު ފަށާފައިވާ އިރު އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖް ވެސް މިމަހު 24 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގައި ކުރިއަށް ދާނެ އެވެ.