އިންޑިއާއަށް ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ މެގަ މޯލްޑިވްސްއަށް ލިބިއްޖެ

މެގަ މޯލްޑިވްސް އެއާލައިންގެ ކުރޫއެއް --- ފޮޓޯ/ މެގަ މޯލްޑިވްސް ފޭސްބުކް ޕޭޖް

ރާއްޖެއާއި އިންޑިއާއާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ އިންޑިއާގެ ސިވިލް އޭވިއޭޝަނުން ރާއްޖޭގެ މެގަ މޯލްޑިވްސް އަށް ދީފިއެވެ.

މިއީ ރާއްޖެއާއި އިންޑިއާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ ދިން ރާއްޖޭގެ ދެވަނަ އެއާ ލައިނެވެ. މިހާތަނަށް ދެ ގައުމުގެ ދެމެދު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އަންނަ، މެގަ މޯލްޑިވްސް އިން އިއްޔެ ބުނީ، ރާއްޖެއާއި އިންޑިއާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ އިންޑިއާގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އެ އެއާލައިނަށް ދީފައިވާ ކަމަށެވެ.

މެގަ މޯލްޑިވްސްގެ ފުރަތަމަ ދަތުރުތައް ފެށުމަށް ވިސްނާފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށެވެ.

އެ އެއާލައިނުން ބުނީ، ކުރިއަރަމުން އަންނަ އިންޑިއާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އެގޮތުން މެގަ މޯލްޑިވްސްގެ ދަތުރުތައް ސީދާ މާލެ އިން ނިއު ދިއްލީއަށް ކުރަން ފެށުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރީން އިތުރުވެގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

ރާއްޖެއާ އިންޑިއާއި ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ މެގަ މޯލްޑިވްސް އަށް ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި މިހާރު ކުރެވެމުންދަނީ ފްލައިޓު ބާއްވާނެ ދުވަސްތަކާއި އަގުތަށް ކަނޑައެޅުމުގެ މަސައްކަތް ކަމަށް މެގަ މޯލްޑިވްސް އިން ބުނެއެވެ.

އަދި ބުނީ، ކުރިއަށް އޮތް ތަނުގައި ދަތުރުތައް ފަށާނެ ދުވަހަކާއި އަގުތައް ހާމަކުރާނެ ކަމަށެވެ.

comment ކޮމެންޓް