އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތްދޭން ފަށަނީ

ހުސްނުވާ އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދިނުމުގެ މަޝްރޫއު ފެށުމަށް އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމު އެ މަޝްރޫއު އިފްތިތާހްކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ކޮންމެ ރައްޔިތަކީ ދުޅަހެޔޮ، ބައްޔެއް ޖެހުމުގެ ކުރިން އެ ބައްޔަކުން ރައްކާތެރިވެފައިވާ ރައްޔިތަކަށް ހެދުމަށް "ހުސްނުވާ އާސަންދަ" ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދިނުމަށް ހާއްސަ މަޝްރޫއެއް ސަރުކާރުން އިފްތިތާހް ކޮށްފިއެވެ.

އާސަންދައިން ބުނީ، އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ތައާރަފް ކުރުމުން ބޮޑެތި ބަލިތަކުގައި ހިތްދަތި ދިރިއުޅުންތައް ވޭތުކުރަމުންދާ މީހުންގެ އަދަދު މަދުކުރެވި، ވީހާ ވެސް ކުރީކޮޅު އެފަދަ ބަލިތަކުގެ ފަރުވާ ފެށުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި ސަރުކާރުން ބޮޑެތި ބަލިތަކަށް ކުރަމުންދާ ހަރަދު ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައިޖީއެމްއެޗްގެ އޯކިޑް މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރިޔާސީ ދެ ދައުރު ނިމިގެންދާއިރު ރައްޔިތުންނަށް އެންމެ ފިނިކަމެއް ލިބިގެންދާނީ އެމަނިކުފާނުގެ ސިއްހީ ހިދުމަތުގެ އަމާޒުން ކަމަށެވެ. މިއަދު އިފްތިތާހުކުރި މަޝްރޫއު ވެގެންދާނީ ގައުމުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ރައްޔިތުންނަށް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ގެނެސްދޭނެ ކަމަކަށް ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ހުސްނުވާ އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދިނުމުގެ މަޝްރޫއު ފެށުމަށް އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ސިއްހީ ހިދުމަތްތަކުގެ ވިޝަން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާއިރު، އެ ޕްރޮޖެކްޓް ވެގެންދާނީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިމަ ނާރުތަކުގައި ޓަކި ޖަހާލާނެ ހިދުމަތްތަކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ، އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕްގެ ހިދުމަތުގެ ފުރުސަތު ލިބިގެންދާނީ ދެ އަހަރުން އެއް އަހަރު ކަމަށެވެ. އަދި އެ ހިދުމަތުގެ ތެރެއިން ފަސް އުމުރު ފުރާއަކަށް ބަހާލައިގެން ކޮންމެ އުމުރުފުރާއަކަށް ވެސް ތަފާތު ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތްދޭން ނިންމާފައިވާ ފަސް އުމުރުފުރާ ތަކަކީ ހަ އަހަރުން ދަށުގެ ކުޑަކުދިންނަށާއި ހަ އަހަރާއި 18 އަހަރާ ދެމެދާއި 19 އަހަރާއި 35 އަހަރުގެ މީހުންގެ އިތުރުން 35 އަހަރާއި 65 އަހަރާއި 65 އަހަރުން މަތީގެ މީހުންނެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި، އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދޭން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް އެ ހިދުމަތް ފަށައިގަތުމަށް އެންމެ ދަތިވާ އެއްކަމަކީ އަތޮޅު ހޮސްޕިޓަލު ތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތުން ކަމަށާއި އެ ވަސީލަތްތައް ހޯދުމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އާސަންދަ އީ-ޕޯޓަލްގެ ތެރެއިން ގުޅާލުމުގެ މަސައްކަތް އަމަލީ ގޮތުން މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

އެ މަސައްކަތް އިފްތިތާހްކޮށްދެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ޓެކްނޮލޮޖީގެ ސަބަބުން ދުވަހުން ދުވަހަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ހެލްތު ސެންޓަރު ތަކުން ދޫކުރާ ބޭހާއި ބޭސްކުރަނީ ކޮންކަހަލަ ބައްޔަކަށްކަމާއި އަދި އެތައް މައުލޫމާތެއް އާސަންދައިގެ މައި އޮފީހަށް ލިބި، ބެލިގެންދާނެ ކަމަށެވެ.

އެ ސޮފްޓްވެއާގެ ސަބަބުން ކަރުދާހުގެ ހަރަދުކުޑަވެ، އެކަމަށްދާ ހަރަދު ބޭނުންތެރި އެހެން ކަންތައްތައްކަށް ހަރަދުވެގެންދާއިރު، މަސައްކަތަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުނގަޑުމެންގެ ތެރޭގައި ހުރީ ކޮންކަހަލަ ބަލިތަކެއް ކަމާއި އެންމެ ގިނައިން ބޭނުންކުރެވެނީ ކޮންކަހަލަ ބޭސްތަކެއް ކަމާއި އަޅުނގަޑުމެންގެ ކުރިއަށް ހުރި ޕްލޭންތައް ރާވައި ތަންފީޒު ކުރުމަށްޓަކައި މި އީޕޯޓަލްގެ ޒަރީއާއިން ފުރާނާލައިގެން ހޯދޭ މައުލޫމާތުތައް ވެގެންދާނީ އަޅުނގަޑުމެންގެ ސިޔާސަތުތައް ވަރަށް މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ކަމަކަށް،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ވިދާޅުވީ، އީ ޕޯޓަލްގެ ހިދުމަތް މިހާރުވެސް ރާއްޖޭގެ ދެ އަތޮޅެއްގައި ދެމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނަކަށް ވެސް ޑިސެމްބަރު މަހުގެ ކުރިން އާސަންދައިގެ މައި އިދާރާއާ ގުޅާލާނެ ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް