ގްރޫޕް އޭގެ ސެމީގެ ޖާގަތައް ވެލޯރަސް އާއި ކްލަބު ކޭކޭ އަށް

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ 'ގްރޫޕް އޭ'ގެ ސެމީ ފައިނަލުގެ ޖާގަތައް ތަކަންދޫގެ ސްޕޯޓްސް ކްލަބު ވެލޯރަސް އާއި އެ ރަށުގެ ކްލަބު ކޭކޭ ހޯދައިފި އެވެ.

އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ އެންމެ ކުރީގައި އޮތް ވެލޯރަސް އާއި ކްލަބު ކޭކޭ އިން ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދިއްދޫގެ އައްސޭރި އެފްސީން ތިން މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އިރު، ބާރަށުގެ ކެޕިޓަލް ސިޓީ އާއި އުތީމުގެ ޓީމް އުތީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އޭގެ ތެރެއިން ޓީމް އުތީމު މުބާރާތުގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފަ އެވެ.

އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އައްސޭރި އާއި ވެލޯރަސް އެވެ. އެ މެޗު 8-2 ލަނޑުން ކާމިޔާބުކޮށްފައިވަނީ ވެލޯރަސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެލޯރަސްގެ މުހައްމަދު އަޔާޒެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް

'ގްރޫޕް އޭ'ގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކެޕިޓަލް ސިޓީ އާއި ޓީމް އުތީމެވެ. އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީމް އުތީމުގެ އަހްމަދު މުޖްތަބާ އެވެ.

އެ މުބާރާތުގެ 'ގްރޫޕް ބީ'ގެ މެޗެއް ވެސް ރޭ ކުރިއަށްދިޔަ އެވެ. އެ މެޗުގައި ތަކަންދޫގެ ފޭކް ފައިވް އަތުން އެ ރަށުގެ ފެލްކޮން ޔުނައިޓެޑް އެސްސީ ވަނީ 8-2 ލަނޑުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފެލްކޮން އެސްސީގެ ހުޒައިފަތު ރަޝީދެވެ.

ޔުނިޓީ ކަޕްގެ 'ގްރޫޕް ބީ' އިން ސެމީ އަށް ދަތުރުކުރާ ޓީމުތައް ކަށަވަރުވާނީ މިރޭ ކުޅޭ ގްރޫޕްގެ ފަހު މެޗުތަކަށް ފަހު އެވެ. ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެ ގްރޫޕުގެ އެއް ވަނައިގައި ތަކަންދޫގެ ފެލްކޮން އޮތް އިރު، ވަށަފަރުގެ ޗެލެންޖާސް އެސްސީ އާއި ތަކަންދޫގެ ފޭކް ފައިވް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ތަކަންދޫގެ އެސްސީ ވެލޯރަސް ވެޓެރަންސް އަށް ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

އެ މުބާރާތުގެ 'ގްރޫޕް ބީ'ގެ އެންމެ ފަހު މެޗުތަކުގެ އިތުރުން 'ގްރޫޕް އޭ'ގެ ފަހު މެޗުތައް ވެސް މިރޭ ކުރިއަށްދާނެ އެވެ. އެ މުބާރާތުގެ ކުޅުން މިރޭ 8:00ގައި ފެށޭނެ އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ އަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމާއި، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަދި ޑްރީމް ޓީމު ހޮވުމަށް ހަމަޖެހިފައިވެ އެވެ.

ޔުނިޓީ ކަޕްގެ ކޯ ސްޕޮންސަރުންނަކީ ރަވިންސް ކިޗަން އެންޑް ކެފޭ އާއި ތިލަފުށި ކޯޕަރޭޝަން އަދި 2އޭ ކޮމްޕެނީ އެވެ. އެސޯސިއޭޓް ޕާޓްނަރަކީ ބްލެކް ފައުޑޭޝަނެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާ ކޯލާ އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.

comment ކޮމެންޓް