200 މީޓަރު ފައިނަލަށް ބޯލްޓް، އެމެރިކާގެ ގެޓްލިން ކަޓައިފި

ރިއޯ އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލްގައި ބޯލްޓް(ކ) ދެވަނަ ހީޓްގެ އެއްވަނާގައި ރޭސް ނިންމަނީ --- ފޮޓޯ: އޭޕީ

އޮލިމްޕިކްސް ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލަށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސައިން ބޯލްޓް ދަތުރުކުރި އިރު ވާދަވެރި އެމެރިކާގެ ޖަސްޓިން ކެޓްލިން ސެމީފައިނަލުން ކަޓައިފި އެވެ.

މީގެ ތިން ދުވަސް ކުރިން އޮލިމްޕިކްސްގެ 100 މީޓަރު ދުވުން ރަން މެޑަލް ބޯލްޓް ހޯދި އިރު ކެޓްލިން ވަނީ އޭނާ އަށް ވުރެން 0.08 ސިކުންތުން ރޭސް ނިންމައިގެން ރިހި މެޑަލް ހޯދާފައެވެ. ނަމަވެސް ރޭ ނިމުނު 200 މީޓަރު ދުވުމުގެ ސެމީފައިނަލުން ކެޓްލިން ކެޓީ 24 ބައިވެރިންގެ ތެރެއިން ނުވަވަނަ އަށް ގޮސްގެންނެވެ.

ރޭ އޮތް ސެމީ ފައިނަލްގެ ތިން ހީޓުން 10 ދުވުންތެރިން ފައިނަލަށް ދިޔަ އިރު ހީޓްގެ އެއް ވަނަ ހޯދީ 19.94 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ބާރު ދުވުންތެރިއާ ލަޝޯން މެރިޓެ އެވެ. ދެވަނަ އަށް ދިޔަ ބޯލްޓް އަށް ރޭސް ނިންމުނީ 0.16 ސިކުންތުންނެވެ.

ރިއޯ އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލްގައި ބޯލްޓް(ކ) ދުވަނީ --- ފޮޓޯ: އޭޕީ

އެހްނެ ނަމަވެސް މީގެ ހަތް އަހަރު ކުރިން 19.19 ސިކުންތުން 200 މީޓަރު ރޭސް ނިންމައިގެން ދުނިޔޭގެ ރިކޯޑް ހަދަފާއިވާ ބޯލްޓް ބުނީ ފައިނަލްގައި އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައި ރަން މެޑަލް ހޯދޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

"ފައިނަލްގައި އަހަރެން މަސަތްކަތް ކުރާނަން ދުނިޔޭގެ ރިކޯޑް މުގުރާލައި 19 ސިކުންތުން ރޭސް ނިންމޭތޯ. އަހަރެންނަށް އިހްސާސް އެބަ ކުރެވޭ އެކަން ހާސިލް ކުރެވޭނެ ކަމުގެ،" ސެމީފައިނަލަށް ފަހު ބޯލްޓް ބުންޏެވެ.

އަންނަ އަހަރު ލަންޑަންގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު އެތުލެޓިކްސްއިން ރިޓަޔާ ކުރުމަށް ތައްޔާރު ވަމުން އަންނަ ބޯލްޓް ބުނީ އެ މުބާރާތުގައި އޭނާ ދުވަނީ 100 މީޓަރު ދުވުމުގައި އެކަނި ކަމަށާއި މިއީ 200 މީޓަރު ދުވުމުގައި ދުވާނެ ފަހު ރޭސް ކަމަށެވެ.

މީގެ ކުރިން އޮތް ދެ އޮލިމްޕިކްސްގައި ވެސް ބޯލްޓް ވަނީ އޭނާ ބައިވެރިވި ހުރިހާ ފައިނަލެއް ކާމިޔާބުކޮށް ރަން މެޑަލް ހޯދައިފަ އެވެ. އެއީ 2008 ބެއިޖިން އާއި 2012 ލަންޑަން އޮލިމްޕިކްސްގެ 100 މީޓަރު، 200 މީޓަރު އަދި ހަތަރެއް ގުނަ 400 މީޓަރު ރިލޭ އެވެ.

comment ކޮމެންޓް