ކޭޓަރިންގައި ނިއުޕޯޓު އުދުހެން ތައްޔާރަށް!

ނިއުޕޯޓު ރެސްޓޯރަންޓް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިނިވަން 50ގެ ރަސްމީ ޖާފަތެއްގެ ވާހަކަ އަޑު އެހީމު އެވެ. އެ ޖާފަތުގައި ހިނގި ކަންކަން ނުދަންނަ ދިވެހި ރައްޔިތެއް ނުހުންނާނެކަން ޔަގީނެވެ. އިވޭނީ މީހުން ދައްކާ ވާހަކައިގެ އަޑުތަކެކެވެ. އެހެން ނަމަވެސް ފަރުދާގެ ފުރަގަހުގައި ހިނގި ކަންކަން އެނގޭނީ އެކަންކަން ލޮލުން ދެކި، އަތުން ހިފި ބަޔަކަށް އެކަންޏެވެ. އަދި އެބަޔަކު އެވާހަކަތައް ހިއްސާކުރި އެހެން ބަޔަކަށެވެ.

ނިއުޕޯޓަކީ 2014 ވަނަ އަހަރު، އެސްޓީއޯ އައިފާން ބިލްޑިންގގެ ތިރިން ފެންނަން ފެށި، ހިތްގައިމު އަދި ފެންވަރު ރަނގަޅު ރެސްޓޯރަންޓެކެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ވެސް އޮތެވެ. ޒުވާން ފުރައިގެ ކުދިންގެ މެދުގައި މަގުބޫލު، މާލޭގައި "އަލަށް ހުޅުވުނު، ހިތްގައިމު" ނިއުޕޯޓަކީ އެއްގޮތަކަށް ވެސް އާ ރެސްޓޯރަންޓެއް ނޫނެވެ. މި ރެސްޓޯރަންޓަކީ ހީކުރާ ވަރަށް ވުރެ ދޮށި ތަނެކެވެ.

ނިއުޕޯޓު ރެސްޓޯރަންޓްގެ އެތެރެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނިއުޕޯޓު އެންމެ ފުރަތަމަ ހުޅުވުނީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު، މިހާރު ބޭންކް އޮފް ސިލޯން ހުންނަ އިމާރާތުގެ ތިރީގަ އެވެ. އަދި އެ ރެސްޓޯރަންޓު، 1996 ވަނަ އަހަރާ ހަމައަށް އެތަނުގައި ހިންގަމުން ދިޔަ ނަމަވެސް، މާލީ ދަތިތަކަކާ ހުރެ، އެތަން ބަންދު ކުރީ އެވެ. އެއަށް ފަހު އެ ރެސްޓޯރަންޓް އަލުން ހުޅުވުމުގެ މަސައްކަތް 2010 ގެ އަހަރުތަކުގެ ކުރީކޮޅު ކުރިޔަށް ގޮސް، 2014 ވަނަ އަހަރު އައިފާން ބިލްޑިންގްގެ ތިރީގައި ހުޅުވީ އެވެ.

މިނިވަން 50އާ އެކު ކޭޓަރިންގް ފެށުން – ބޮޑު ފިލާވަޅެއް

ނިއުޕޯޓު ހިންގާތާ ދޮޅު އަހަރު ވެސް ނުވަނީސް އެ ރެސްޓޯރަންޓުން އެޅީ ވަރަށް ބޮޑު ފިޔަވަޅެކެވެ. ދައުލަތުގެ މި ގަރުނުގައި ދިވެހި ދައުލަތުގައި މިހާތަނަށް ފާހަގަކުރި އެންމެ މުހިންމު މުނާސަބާ ކަމުގައިވާ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖާފަތަށް ކާބޯތަކެތި ކޭޓަރުކޮށް، ޖާފަތް ހިންގައިދިނުމެވެ. އެހެން ނަމަވެސް މިކަމުގައި ވެސް ގިނަ ބަޔަކަށް ބޮޑެތި އޮޅުންތަކެއް އަރައި، އެކި ކަހަލަ ވާހަކަތަކެއް ދެކެވިގެން ދިޔައެވެ.

ނިއުޕޯޓު ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރު ޒާހިދު ރަމީޒް "ސަން" އަށް ވިދާޅުވި ގޮތުގައި، ނިއުޕޯޓަށް މިނިވަން 50 ގެ ރަސްމީ ޖާފަތުގެ ކޭޓަރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރު ހަވާލު ކުރީ، އެނޫން އެހެން ގޮތެއް ނެތިގެންނެވެ. ވަގުތުގެ ގޮތުން އެހެން ހައްލެއް ރައީސް އޮފީހަށް ނުލިބުނީ އެވެ.

މިނިވަން 50 ގެ ރަސްމީ ޖާފަތަށް ކޭޓަރު ކުރީ ނިއުޕޯޓުން -- ފައިލް ފޮޓޯ

މިނިވަން 50ގެ ރަސްމީ ޖާފަތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ކޭޓަރިންގައި އެއްވެސް ތަޖުރިބާއެއް ނެތް ނިއުޕޯޓުން މިކަމާ ކުރިމަތިލީ ހުސް އަތާ އެވެ. ޖާފަތަކަށް ބޭނުންކުރާނެ ތައްޓާއި ސަމުސާ ފަދަ ތަކެތި ވެސް ނެތެވެ. ރާއްޖެއިން ވެސް އެތަކެތި ލިބެން ނެތުނީ އެވެ.

އެ ހުށަހެޅި އަގެއްގައި ޖާފަތުގެ ކަންކަން ހަމަޖެއްސި ނަމަވެސް، ދައުލަތުގެ ޖާފަތުގެ ސެކިއުރިޓީއާއި އެހެނިހެން ކަންކަން ކޯޑިނޭޓު ކުރުމުގައި ބޮޑު އޮޅުންތަކެއް އަރައި، ހުރިހާ ކަމެއް ދިޔައީ "ގޯހުން ގޯހަށެވެ". ރައީސް އޮފީހުން ނެގި މެނޫ ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. ދައުވަތު ދިން އަދަދަށް ވުރެ އިތުރަށް މީހުން ޖާފަތަށް ވަދެއްޖެ އެވެ. ޖާފަތުގެ ރަސްމީ ކޯޑިނޭޝަން ދޯހަޅިވުމުގެ ސަބަބުން އައި ރުޅީގައި، ނިއުޕޯޓުން ޖާފަތަށް ގެނައި ބައެއް ވޭޓަރުން ވެސް ނުކުމެގެން ދިޔައީ އެވެ. ކުރުކޮށް ބުނާ ނަމަ، ޖާފަތް ބޭއްވުމަށް ދައުލަތުން ފައިސާގެ އިތުރަށް، އެއަށް ވުރެ ގިނައިން އަމިއްލަ އަތުން ޚަރަދު ކޮށްގެން ވެސް އާންމުންގެ ލޯ ކުރިމަތީގައި ގޯސްވީ ނިއުޕޯޓެވެ.

ދެވަނަ ޖާފަތާ ހަމައަށް ކުރި ކާމިޔާބު ދަތުރު

ދެހާސް ފަނަރައިގެ ޖުލައި 26 އިން ފެށިގެން މި އަހަރުގެ ޖުލައި 26 އާ ހަމައަށް، ނިއުޕޯޓު އޮތީ އެ ރެސްޓޯރަންޓުން ވަންނަން އުޅުނު ކޭޓަރިންގެ ދާއިރާއިން ގޮތަކަށް "ބާކީ ކޮށްލައިފަ" އެވެ. ސަރުކާރާއި އަމިއްލަ ފަރާތެއްގެ ވެސް އިވެންޓަކަށް ނުވަތަ މުނާސަބަތަކަށް ކޭޓަރު ކުރުމުގެ ފުރުސަތު ނިއުޕޯޓަށް ނުލިބުނެވެ.

އެހެން ނަމަވެސް މި އަހަރުގެ މިނިވަން ދުވަހު ދައުލަތުން ބޭއްވި ފަރިއްކޮޅު ދިޔައީ ވަރަށް ކާމިޔާބު ކޮށެވެ. މިނިވަން 50 ގެ ކަންކަން ބިޑު ނުކޮށް، "މިނިވަން 50 އޮފީސް"އިން ނިންމާ ގޮތަކަށް މަސައްކަތްތައް ހަވާލު ކުރިޔަސް، މި އަހަރުގެ ފަރިއްކޮޅު ބާއްވާނެ ފަރާތެއް ކަނޑައެޅީ އަންދާސީ ހިސާބު ހުށަހަޅައިގެންނެވެ. ބައެއް ކުންފުނިތަކުން މިލިޔަނުން އަގު ހުށަހެޅި އިރު، ނިއުޕޯޓުން ހުށަހެޅީ 270000 ރުފިޔާ އެވެ. އެއީ އެންމެ ކުޑަ އަގެވެ.

2016 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ފަރީއްކޮޅުގައި ނިއުޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ/ ނިއުޕޯޓު

ނިއުޕޯޓުގެ ޑިރެކްޓަރު ޒާހިދު ވިދާޅުވީ، ނިއުޕޯޓުން ބޭނުންވީ މި އަހަރުގެ ޖާފަތް ހިލޭ ބާއްވައިދިނުމަށް ކަމަށެވެ. އަދި އެތަނުން ޖާފަތަށް މި އަހަރު ހުށަހެޅި އަގަކީ، "ކޮންމެހެން އަގެއް ޖަހާލަން ޖެހޭތީ" ޖެހި އަގެއް ކަމަށެވެ. މި ފަހަރު ޖާފަތް ނިއުޕޯޓަށް އެވޯޑު ކުރި އިރު، ޖާފަތް ބޭއްވުމަށް ސަރުކާރުން ދިން 270000 ރުފިޔާގެ އިތުރަށް، ނިއުޕޯޓުން އަމިއްލައަށް ހަތްލައްކަ ރުފިޔާ ހޭދަ ކުރި ކަމަށްވެ އެވެ. ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުނީގެ އިޖްތިމާއީ ޒިންމާއެއްގެ ގޮތުން، އަދި މިނިވަން 50ގެ ޖާފަތުން ފިލާވަޅުތަކެއް ލިބިގަނެގެން މި އަހަރު ބޭއްވި ޖާފަތުގައި އެއްވެސް މައްސަލައެއް ދިމަލެއް ނުވެ އެވެ.

މި އަހަރުގެ ޖާފަތަކީ މިހާތަނަށް ދައުލަތުން ބޭއްވި އެންމެ ވަރުގަދަ ފަރީއްކޮޅެވެ. ރައީސް އޮފީހުން ބުނާ ގޮތުގައި މި އަހަރުގެ ފަރީއްކޮޅަށް 4000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު އެރުވުނެވެ.

2016 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ފަރީއްކޮޅުގައި ހަރަކާތްތެރިވި ނިއުޕޯޓުގެ މުވައްޒަފުން -- ފޮޓޯ/ ނިއުޕޯޓު

2016 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ފަރީއްކޮޅުގެ ތެރެއިން == ފޮޓޯ/ ނިއުޕޯޓު

މި ޖާފަތަށް ނިއުޕޯޓުން މި އަހަރު 24 ބާވަތެއްގެ ކާނާ ތައްޔާރު ކުރި އެވެ. ޝޯޓް އީޓްސް އެވެ. ކުޅި ހެދިކާގެ 12 ބާވަތާއި ފޮނި ހެދިކާގެ 12 ބާވަތުން، ހަތަރުހާސް މީހުންނަށް ކާންދިނުމަށް ޖުމްލަ 96،000 ޝޯޓް އީޓްސް ނިއުޕޯޓުން ތައްޔާރު ކުރި އެވެ. މީގެ އިތުރުން ނިއުޕޯޓުގެ ސްޓާފުން ފަރީއްކޮޅު އޮންނަ ތަނަށް ވަނުމަށް ޓަކައި މި އަހަރުގެ ޖާފަތުގައި ޚާއްސަ އިންތިޒާމުތަކެއް ރޭވުނެވެ. އެހެންކަމުން ހުރިހާ ކަމެއް ވެސް ރަނގަޅަށް ދިޔަ އިރު، ގިނަ ބައެއްގެ ތައުރީފު ނިއުޕޯޓަށް ލިބުނެވެ.

އޭގެ ފަސް

މިނިވަން ދުވަހުގެ މި އަހަރުގެ ރަސްމީ ޖާފަތުގެ ކަންކަން ނިމިފައިވާ އިރު، ނިއުޕޯޓުގެ ކޭޓަރިންގް ޚިދުމަތް މިހާރު ވަނީ އުދުހެން ފަށައިފަ އެވެ. ޒާހިދު ރަމީޒް ވިދާޅުވި ގޮތުގައި، އެކިއެކި މުނާސަބާތަކަށް އެކި ފަރާތްތަކުން ދަނީ ނިއުޕޯޓުން ކޭޓަރ ކޮށްދިނުމަށް އެދެމުންނެވެ. އޭގެ ތެރޭގައި، މިނިވަން 50 ގެ ޖާފަތާ ހެދި ނިއުޕޯޓާ މެދު "އުންމީދު ގެއްލުވާލައި، ބާކީ ކޮށްލި" ސަރުކާރުގެ ހަރަކާތްތައް ވެސް ހިމެނެއެވެ. ނިއުޕޯޓު ކޭޓަރިންގއަށް ބޭނުންވި އިތުބާރު މިހާރު އުފެދިއްޖެ އެވެ.

ވަގުތު މާ ކުޑަތަން ވެފައި ވަނިކޮށް، ރައީސް އޮފީހުން މިނިވަން 50 ގެ ޖާފަތުގެ ކަންކަމާ އުޅުމުން ކަންކަން ހަމަނުޖެހުނީ އެވެ. އެފަދަ ޖާފަތްތަކަށް އާންމުކޮށް ކޭޓަރު ކުރާ ފަރާތްތަކުން ފަސް އެނބުރުނީ، އެހާ ކުރު މުއްދަތެއްގައި ޖާފަތުގެ ކަންތައް ހަމަނުޖެހޭނެތީ އެވެ. އެހެންކަމުން، އެ ހާލަތުގައި ޖާފަތް އޮއްވައި، ކޭޓަރު ކުރުމަށް ހުށަހެޅީ ނިއުޕޯޓެވެ.

comment ކޮމެންޓް