ގުއަންޓަނާމޯ ބޭ އިން ޔޫއޭއީ އަށް 15 ގައިދީން ބަދަލުކޮށްފި

ގުއަންޓަނާމޯ ބޭގެ ބައެއް ގައިދީން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮގަސްޓް 16): ގުއަންޓަނާމޯ ބޭ ޖަލުގެ 15 ގައިދީއަކު ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޕެންޓަގަން އިން ބުނި ގޮތުގައި އިއްޔެ ޔޫއޭއީ އަށް ފޮނުވާލާފައި ވަނީ ޔަމަނުގެ 12 ގައިދީންނާއި އަފްގާނިސްތާނުގެ ތިން ގައިދީންނެވެ. އެހެންކަމުން މިހާރު ގުއަންޓަނާމޯ ބޭގައި ތިބި ގައިދީންގެ އަދަދަކީ 61 ކެވެ.

"ގުއަންޓަނާމޯ ބޭ ބަންދު ކުރުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ސަރުކާރުން ވެދޭ އެހީއަށް އެމެރިކާއިން ޝުކުރުވެރިވަން،" ޕެންޓަގަން އިން ނެރުނު ބަޔާނެއްގައިވެ އެވެ.

އެއީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ގުއަންޓަނާމޯ އިން ބަދަލު ކުރި އެންމެ ގިނަ ގައިދީންނެވެ. ރައީސް އޮބާމާ ބޭނުންފުޅު ވަނީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ގުއަންޓަނާމޯ ބޭ ހުސްކޮށް، އެތަން ބަންދު ކުރުމަށެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހު ވެސް ގުއަންޓަނާމޯ ބޭގައި ތިބި ޔަމަނުގެ ނުވަ ގައިދީއަކު ސައުދީ އަރަބިއާއަށް ބަދަލުކޮށްފައިވެ އެވެ.

އަދި މިދިޔަ ފެބްރުއަރީ މަހު ވައިޓް ހައުސް އިން ވަނީ ގުއަންޓަނާމޯ ބޭ ބަންދު ކުރާނެ ގޮތުގެ ރޭވުމެއް ކޮންގްރެސްއަށް ހުށަހަޅާފަ އެވެ. އަދި އެޖަލުގައި ތިބި ބައެއް ގައިދީން އެމެރިކާގެ ޖަލުތަކަށް ބަދަލު ކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ކޮންގުރެސް އިން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

ކިއުބާގެ އިރުދެކުނުގައި ހުންނަ އެމެރިކާގެ ނޭވީ ބޭސްއެއްގައި ގުއަންޓަނާމޯ ހުޅުވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގަ އެވެ. އެޖަލު ހުޅުވީ 11 ސެޕްޓެމްބަރު 2001ގައި އެމެރިކާ އަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ބޭތިއްބުމަށެވެ.

އަދި ޖަލުގެ ގިނަ ގައިދީން ހައްޔަރުކޮށްފައި ވަނީ އެއްވެސް ދައުވާ އެއް ނުވަތަ ޝަރީއަތަކާ ނުލަ އެވެ.

ގުއަންޓަނާމޯ ބޭ ހިންގުމަށް ކޮންމެ އަހަރަކު 445 މިލިއަން ޑޮލަރު ހޭދަވާ އިރު އެއް ފަހަރަކު ގުއަންޓަނާމޯ ބޭގައި ތިބި ގައިދީންގެ އަދަދު 700 އަށް ވުރެ އިތުރުވި އެވެ. (ބީބީސީ)

comment ކޮމެންޓް