ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ތަކަންދޫގެ ކްލަބު ކޭކޭ ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި ރޭ ކުޅުނު އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ މެޗުގައި އުތީމުގެ ޓީމް އުތީމު އަތުން ކްލަބު ކޭކޭ ވަނީ މޮޅުވެފަ އެވެ. އެ މެޗުން ކްލަބު ކޭކޭ މޮޅުވެފައި ވަނީ 5-2 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކްލަބު ކޭކޭގެ އަލީ ޝިފާއު އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް
އެ ނަތީޖާއާ އެކު 'ގްރޫޕް އޭ'ގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގައި ކްލަބު ކޭކޭ އޮތް އިރު، ދެ ވަނައިގައި އޮތް ތަކަންދޫގެ އެސްސީ ވެލޯރަސް އަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ދިއްދޫގެ އައްސޭރި އެފްސީ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ބާރަށުގެ ކެޕިޓަލް ސިޓީ އާއި ޓީމް އުތީމަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ބާރަށުގެ ކެޕިޓަލް ސިޓީ އާއި ތަކަންދޫގެ އެސްސީ ވެލޯރަސް އެވެ. އެ މެޗު ފަސޭހަކަމާ އެކު 11-0 ލަނޑުން ކާމިޔާބުކުރީ އެސްސީ ވެލޯރަސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްސީ ވެލޯރަސް އަޔާޒް އަހްމަދެވެ.
މުބާރާތުގެ 'ގްރޫޕް ބީ'ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ވަށަފަރުގެ ޗެލެންޖާސް އެފްސީ އާއި ތަކަންދޫގެ އެސްސީ ވެލޯރަސް ވެޓެރަންސް އެވެ. އެ މެޗު ފަސޭހަކަމާ އެކު 5-0 ލަނޑުން ކާމިޔާބުކުރީ ޗެލެންޖާސް އެފްސީ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗެލެންޖާސް އެފްސީގެ އަހްމަދު މަޚްތޫމެވެ.
'ގްރޫޕް ބީ'އަށް ބަލައިލާ އިރު، ދެ މެޗުން ވަށަވަރުގެ ޗެލެންޖާސް އެފްސީ އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އެއް މެޗު ކުޅުނު ތަކަންދޫގެ ފޭކް ފައިވް އާއި އެ ރަށުގެ ފެލްކޮން އެސްސީ އިން ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. އަދި ތަކަންދޫގެ އެސްސީ ވެލޯރަސް ވެޓެރަންސް އަށް ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ އަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމާއި، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަދި ޑްރީމް ޓީމު ހޮވުމަށް ހަމަޖެހިފައިވެ އެވެ.
ޔުނިޓީ ކަޕްގެ ކޯ ސްޕޮންސަރުންނަކީ ރަވިންސް ކިޗަން އެންޑް ކެފޭ އާއި ތިލަފުށި ކޯޕަރޭޝަން އަދި 2އޭ ކޮމްޕެނީ އެވެ. އެސޯސިއޭޓް ޕާޓްނަރަކީ ބްލެކް ފައުޑޭޝަނެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާ ކޯލާ އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.