އޮލިމްޕިކް ގޭމްސްގެ ޓެނިސް ސިންގަލްސް އިވެންޓުގައި ދެ ފަހަރު ރަން މެޑެލް ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށް އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވެއްޖެ އެވެ.
އުމުރުން 29 އަހަރުގެ މަރޭ ދެ ވަނަ ފަހަރަށް އޮލިމްޕިކްސްގައި ރަން މެޑެއްޔެއް ހޯދާފައި ވަނީ ފައިނަލުގައި އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޯޓޯ އަތުން މޮޅުވެގެންނެވެ. އެންމެ ފަހުން އިނގިރޭސިވިލާތުގެ ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ އެ އިވެންޓުގެ ރަން މެޑެލް ވެސް ހޯދާފައި ވަނީ މަރޭ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު އުނދަގޫކަމާއެކު މަރޭ ކާމިޔާބުކޮށްފައި ވަނީ 7-5، 7-6، 4-2 އަދި 7-5 އިންނެވެ. އެ މެޗުން މަރޭ މޮޅުވެފައި ވަނީ އާޖެންޓީނާގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށް ދާ އޮލިމްޕިކް ގޭމްސްގެ ޓެނިސް އިވެންޓުން މަރޭ ރަން މެޑެއްޔެއް ހޯދާފައި ވަނީ އޭނާ ކާމިޔާބު ކުރި ދެ ވަނަ ވިމްބަލްޑަން މުބާރާތް ހޯދިތާ ފަސް ހަފްތާ ފަހުންނެވެ.
އެ ކާމިޔާބަށްފަހު މަރޭ ބުނީ، 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގައި އޭނާ ނުފެނިދާނެ ކަމަށާއި އެ އަހަރަށް ދާއިރު އޭނާ އަށް އެއް ފެންވަރެއްގައި ވާދަ ކުނުކުރެވިދާނެ ކަމަށެވެ.