ބޯކޯ ހަރާމްއިން ނައިޖީރިއާގެ ސްކޫލަކުން ވަގަށް ނެގި ކުދިން ވީޑިއޯއަކުން ދައްކާލައިފި

ބޯކޯ ހަރާމްއިން އާއްމު ކުރި ވީޑިއޯގެ މަންޒަރެއް -- ފޮޓޯ: ރޮއިޓާސް

ޗިބޮކް (އޮގަސްޓް 15): ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އިން ނައިޖީރިއާގެ ޗިބޮކްގެ ސްކޫލަކުން މީގެ ދެއަހަރު ކުރިން ވަގަށް ނެގި އަންހެން ކުދިން ފެންނަ ވީޑިއޯއެއް އެޖަމާއަތުން އާއްމުކޮށްފި އެވެ.

ބޯކޯ ހަރާމް އިން އިއްޔެ ޔޫޓިއުބުގައި އާއްމު ކުރި ވީޑިއޯއިން ގާތްގަނޑަކަށް 50 ވަރަކަށް ކުދިން ފެނިގެންދެ އެވެ. އަދި ވީޑިއޯއިން ފެންނަ ހަތިޔާރު އެޅި މީހަކު ވަނީ އެކުދިންގެ ބަދަލުގައި ސަރުކާރުން ހައްޔަރުކޮށްފައި ތިބި ބޯކޯ ހަރާމްގެ ހަނގުރާމަވެރިން މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

އަދި ބައެއް އަންހެން ކުދިންނަށް އަނިޔާވެފައިވާ ކަމަށާއި 40 ކުއްޖަކު ވަނީ ކައިވެނިކޮށްފައި ކަމަށް ވީޑިއޯ އިން ފެންނަ މީހާ ބުނެފައިވެ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެ ޖަމާއަތުން 2014 ވަނަ އަހަރު ވަގަށް ނެގި 276 ކުދިންގެ ތެރެއިން 200 އަށް ވުރެ ގިނަ ކުދިން މިހާރު ވެސް އެ ޖަމާއަތުގެ ބާރުގެ ދަށުގައި އެބަތިބި އެވެ. އަދި 57 ކުދިން ސަލާމަތްވެފައިވާ ކަމަށް ބެލެވޭ އިރު ބައެއް ކުދިން ބޯކޯ ހަރާމްއާ ދެކޮޅަށް ދިން ހަމަލާތަކުގައި މަރުވެފައިވާ ކަމަށް އެޖަމާއަތުން ބުނެ އެވެ.

ނައިޖީރިއާގެ އިންފޮމޭޝަން މިނިސްޓަރު އަލްހާޖީ މުހައްމަދު ވަނީ އެގައުމުގެ ސަރުކާރުން ދަނީ އެކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް