ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބާރަށުގެ ކެޕިޓަލް ސިޓީ ބަލިކޮށް، ތަކަންދޫގެ ކްލަބު ކޭކޭ އިން ދެވަނަ މޮޅު ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި ރޭ ކުޅުނު މެޗުގައި ކެޕިޓަލް ސިޓީގެ މައްޗަށް ކްލަބު ކޭކޭ އިން ކުރި ހޯދާފައި ވަނީ 8-7 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކްލަބު ކޭކޭގެ އަލީ ޝިފާއު އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކްލަބު ކޭކޭ ކުޅުނު ފުރަތަމަ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ދިއްދޫގެ އައްސޭރިއާ ދެކޮޅަށް ކުޅުނު އެ މެޗުން ކްލަބު ކޭކޭ މޮޅުވެފައިވަނީ 11-5 ލަނޑުންނެވެ.
ރޭ ކުޅުނު މެޗުގައި ތަކަންދޫގެ ސްޕޯޓްސް ކްލަބު ވެލޯރަސް ވެޓަރަންސް އަތުން ތަކަންދޫގެ ފޭކް ފައިވް މޮޅުވެފައި ވަނީ 5-2 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ފޭކް ފައިވްގެ ހުސައިން ގައްސާނެވެ.
ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ދިއްދޫގެ އައްސޭރި އެފްސީ އާއި އުތީމުގެ ޓީމު އުތީމެވެ. އެ މެޗު އައްސޭރި އެފްސީން ކާމިޔާބުކުރީ 4-3 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައްސޭރި އެފްސީގެ އަލީ ޝުޖާއު އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސް އިން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: ރޭގެ މެޗުތައް ކާމިޔާބުކުރީ ކްލަބު ކޭކޭ އާއި ފޭކް ފައިވް އަދި އައްސޭރި އެފްސީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޔުނިޓީ ކަޕްގައި މި ފަހަރު ނުވަ ޓީމު ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ދިއްދޫގެ އައްސޭރި އެފްސީ އާއި އުތީމުގެ ޓީމް އުތީމާއި، ތަކަންދޫގެ ކްލަބު ކޭކޭ އާއި، ތަކަންދޫގެ ސްޕޯޓްސް ކްލަބު ވެލޯރަސް އަދި ބާރަށުގެ ކެޕިޓަލް ސިޓީ އެވެ. މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ ވަށަފަރުގެ ޗެލެންޖާސް އެފްސީ އާއި، ތަކަންދޫގެ އެސްސީ ވެލޯރަސް ވެޓެރަންސް އާއި، ތަކަންދޫގެ ފޭކް ފައިވް އަދި ތަކަންދޫގެ ފެލްކަން ޔުނައިޓެޑް އެސްސީ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ އަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމާއި، ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމާއި، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަދި ޑްރީމް ޓީމު ހޮވުމަށް ހަމަޖެހިފައިވެ އެވެ.
ޔުނިޓީ ކަޕްގެ ކޯ ސްޕޮންސަރުންނަކީ ރަވިންސް ކިޗަން އެންޑް ކެފޭ އާއި ތިލަފުށި ކޯޕަރޭޝަން އަދި 2އޭ ކޮމްޕެނީ އެވެ. އެސޯސިއޭޓް ޕާޓްނަރަކީ ބްލެކް ފައުޑޭޝަނެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާ ކޯލާ އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.