ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ޔުނިޓީ ކަޕް ފަށައިފި

އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތުގައި މި އަހަރު ނުވަ ޓީމަކުން ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕް ފަށައިފި އެވެ.

ހއ. އަތޮޅުގެ ރަށްތަަކަށް ހުޅުވާލައިގެން މާލޭގެ ކުޅިވަރު އެކުވެނި ވެލިދަނޑުގައި ކުރިއަށްދާ ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އެވެ.

އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެ މުބާރާތުގައި މި އަހަރު ނުވަ ޓީމަކުން ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބައްސާމްގެ އިތުރުން ރައްޔިތުންގެ މަޖިލީގުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުﷲ ވެސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ މުބާރާތުގެ ތިން މެޗެއް ރޭ ކުރިއަށްދިޔަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހއ. ދިއްދޫގެ އައްސޭރި އެފްސީ އަތުން 5-11 ލަނޑުން ހއ. ތަކަންދޫގެ ކްލަބު ކޭކޭ ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކްލަބު ކޭކޭގެ އަލީ ޝިފާއު އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކުރީ ހއ. ވަށަފަރުގެ ޗެލެންޖާސް އެފްސީ އާއި ހއ. ތަކަންދޫގެ ފެލްކޮންސް ޔޫއެސްސީ އެވެ. އެ މެޗު 4-2 ލަނޑުން ކާމިޔާބުކުރީ ފެލްކޮންސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފެލްކޮންސްގެ ހުޒައިފަތު ރަޝީދު އެވެ.

އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެ މުބާރާތުގައި މި އަހަރު ނުވަ ޓީމަކުން ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ހއ. ތަކަންދޫގެ އެސްސީ ވެލޯރަސް އާއި ހއ. އުތީމުގެ ޓީމް އުތީމު އެވެ. އެ މެޗު ފަސޭހަކަމާއެކު 7-0 ލަނޑުން ކާމިޔާބުކުރީ ވެލޯރަސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެލޯރަސްގެ އަޔާޒް އަހްމަދު އެވެ.

ޔުނިޓީ ކަޕްގައި މި ފަހަރު ނުވަ ޓީމު ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ދިއްދޫގެ އައްސޭރި އެފްސީ އާއި އުތީމުގެ ޓީމް އުތީމާއި، ތަކަންދޫގެ ކްލަބު ކޭކޭ އާއި، ތަކަންދޫގެ ސްޕޯޓްސް ކްލަބު ވެލޯރަސް އަދި ބާރަށުގެ ކެޕިޓަލް ސިޓީ އެވެ. މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ ވަށަފަރުގެ ޗެލެންޖާސް އެފްސީ އާއި، ތަކަންދޫގެ އެސްސީ ވެލޯރަސް ވެޓެރަންސް އާއި، ތަކަންދޫގެ ފޭކް ލައިވް އަދި ތަކަންދޫގެ ފެލްކަން ޔުނައިޓެޑް އެސްސީ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ އަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ ޔުނިޓީ ކަޕްގެ ތެރެއިން: އެ މުބާރާތުގައި މި އަހަރު ނުވަ ޓީމަކުން ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމާއި، ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމާއި، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަދި ޑްރީމް ޓީމު ހޮވުމަށް ހަމަޖެހިފައިވެ އެވެ.

ޔުނިޓީ ކަޕްގެ ކޯ ސްޕޮންސަރުންނަކީ ރަވިންސް ކިޗަން އެންޑް ކެފޭ އާއި ތިލަފުށި ކޯޕަރޭޝަން އަދި 2އޭ ކޮމްޕެނީ އެވެ. އެސޯސިއޭޓް ޕާޓްނަރަކީ ބްލެކް ފައުޑޭޝަނެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާ ކޯލާ އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

comment ކޮމެންޓް