ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސައިން ބޯލްޓަށް އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގެ އެންމެ ބާރު ދުވުންތެރިޔާ އަކަށް ނުވެވުނެވެ.
ފުރަތަމަ ބުރުގެ ހީޓް ހަތެއްގައި ވާދަކޮށް އެއް ވަނައިގައި ރޭސް ނިންމައި، ބޯލްޓް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އޭނާ އެ ރޭސް ނިންމާފައި ވަނީ 10.07 ސިކުންތުންނެވެ.
ފުރަތަމަ ބުރުގެ އެންމެ ބާރު ދުވުންތެރިޔަކީ ހީޓް ދޭއްގެ އެއް ވަނައިގެ ގޮތުގައި ނިންމާލި އެމެރިކާގެ ޖަސްޓިން ގެޓްލިން އެވެ. ގެޓްލިން ރޭސް ނިންމާފައި ވަނީ 10.01 ސިކުންތުންނެވެ.

އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރު އެންމެ އަވަހަށް ނިންމާލި އެމެރިކާގެ ޖަސްޓިން ގެޓްލިން: ހީޓް ދޭއްގައި ދުވެ އޭނާ ރޭސް ނިންމާލީ 10.01 ސިކުންތުން --- ފޮޓޯ: އޭޕީ
ބޯލްޓްގެ ކުރިން ގެޓްލިންއާ އެކު ތިން ދުވުންތެރިޔަކު ރޭސް ނިންމާފައިވެ އެވެ. އެއީ ފަސް ވަނަ ހީޓުގައި ދުވެ 10.03 ސިކުންތުން ރޭސް ނިންމި މެއިޓޭ ބިން ޔޫސުފް އާއި، ހަތަރު ވަނާގައި ދުވެ 10.04 އިން ރޭސް ނިންމި ޑެންމާކުގެ ޑި ގްރާސޭ އަންދުރޭ އެވެ.
ފުރަތަމަ ބުރުގެ އެންމެ ބާރު ދުވުންތެރިޔާ އެމެރިކާގެ ގެޓްލިން އަށް ވެސް ބޯލްޓްގެ ރެކޯޑު މުގުރާލެވިފައެއް ނުވެ އެވެ. ދުނިޔޭގެ ރެކޯޑު ހަދާފައިވާ ބޯލްޓް 2009 ވަނަ އަހަރު ބާލިންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ރޭސް ނިންމާފައި ވަނީ 9.58 ސިކުންތުންނެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ މާދަމާ އެވެ.