ވައިބާގެ ދިވެހި ސްޓިކާ ޕެކަށް 12 ދުވަސްތެރޭ 100،000 ޑައުންލޯޑްސް!

މީހަކު ފޯނުން ދިވެހި ސްޓިކާތަކެއް ބޭނުންކުރަނީ: "ދިވެހި ވައިބްސް" ސްޓިކާ ޕެކަށް 100،000 ޑައުންލޯޑްސް ވަނީ ލިބިފައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އުރީދޫއިން މިނިވަން ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ "ދިވެހި ވައިބްސް" ސްޓިކާ ޕެކް 12 ދުވަސްތެރޭ 100،000 އަށްވުރެ ގިނަ މީހުން ޑައުންލޯޑް ކޮށްފިއެވެ.

އުރީދޫ އިން ބުނީ ދިވެހި ވައިބްސް ތައާރަފްކުރިތާ 12 ދުވަސް ތެރޭގައި، އެ ޕެކް ވަނީ 100،000 ފަހަރު ޑައުންލޯޑް ކޮށްފައި ކަމަށެވެ. އަދި ޕެކްގައި ހިމެނޭ ދިވެހިވަންތަ ސްޓިކާތައްވަނީ އެއް މިލިއަނަށްވުރެ ގިނަ ފަހަރު ބޭނުންކޮށްފައި ކަމަށެވެ.

އެކަމާ ގުޅިގެން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫގެ ގިނަ މަސައްކަތްތަކެއްގައި އަޙަމިއްޔަތުކަން ދީފައިވަނީ، ޑިޖިޓަލް ވަސީލަތްތަކާއި ޕްލެޓްފޯމްތަކުގެ ފައިދާ ހިފުމުގައި، ކަސްޓަމަރުންނަށް އެހީތެރިވެ އެއްބާރުލުންދިނުމަށް ކަމަށެވެ.

އެގޮތުން ދިވެހިންގެ އަމިއްލަވަންތަކަމާއި، ރިވެތި އާދަކާދަތައް ދައްކުވައިދޭ ދިވެހި ވައިބްސް އެ ކުންފުނިން ތައާރަފްކުރީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހާއްސަ ހަދިޔާ އެއް ގޮތުގައި ކަމަށް ވިކްރަމް ސިންހަ ވިދާޅުވި އެވެ.

"އެހެންކަމުން، މިހަދިޔާއަށް ރާއްޖޭގެ އެތައް ބައެއްގެ ތަރުޙީބު ލިބިފައިވުމީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންގެ ފަރާތުން އުރީދޫ އަށް ލިބިފައިވާ އެއްބާރުލުމާއި ހެޔޮއެދުންތަކާއި، ތަފާތު ހިޔާލުތަކަށް، އަޅުގަނޑުމެން ޝުކުރުއަދާކުރަން. ހަމައެއާއިއެކު، ކައިރި މުސްތަގްބަލެއްގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ. މިކަމުގައި ބައިވެރިވުމަށް، ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވަން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

އުރީދޫގެ ދިވެހި ވައިބްސް ސްޓިކާސް ޕެކް މެދުވެރިކޮށް، މިއަދުގެ ދިވެހި މުޖުތަމައުގައި ފެނިގެންދާ ހާއްސަ އާދަކާދަތަކައި، ދިވެހިންގެ އަމިއްލަވަންތަ ބަހުރުވަ ދައްކުވައިދެ އެވެ. ކުރިއަށް އޮތް ތަނުގައިވެސް، ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭނެ އަދި ރާއްޖެއަށް ހާއްސަ މުނާސަބަތުތަކާއި ގުޅޭ ސްޓިކާތައް އަދި ސްޓިކާ ޕެކްތަކެއް އުރީދޫ އިން ތައާރަފް ކުރަމުންގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އިން ބުނީ އެފަދަ ސްޓިކާތައް މެދުވެރިކޮށް، ވައިބާފަދަ މަގްބޫލް ޑިޖިޓަލް ޕްލެޓްފޯމް އެއްގައި، ދިވެހީންގެ އަމިއްލަވަންތަކަމާއި އެކު، އަމިއްލަ ބަހުން މުއާމަލާތުކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

ދިވެހި ވައިބްސް ސްޓިކާ ޕެކް، ކޮންމެ ބޭފުޅަކަށްވެސް ވައިބާ ސްޓިކާ މާކެޓް އިން ހިލޭ ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެއެވެ.

comment ކޮމެންޓް