އިމިގްރޭޝަނާއި އެސްޓީއޯ ފައިނަލަށް

ޔޭޔޭ އައިޑިއާސް ކަޕްގެ ސެމީގައި އެސްޓީއޯ އާއި ކަސްޓަމްސް ބައްދަލުކުރި މެޗުގެ ތެރެއިން: އައިޑިއާސް ކަޕްގެ ސެމީގެ މެޗުތަކުން މޮޅުވެ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ އިމިގްރޭޝަނާއި އެސްޓީއޯ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔޭޔޭ އައިޑިއާސް ކަޕްގެ ފައިނަލަށް ކްލަބު އިމިގްރޭޝަނާއި އެސްޓީއޯ ދަތުރުކޮށްފި އެވެ.

އިމިގްރޭޝަނާއި އެސްޓީއޯ އިން ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުޅިވަރު އެކުވެނި ވެލިދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

މިރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ބީއެމްއެލް އަތުން އިމިގްރޭޝަން މޮޅުވީ ޕެނަލްޓީގައި 4-2 ލަނޑުން ކުރި ހޯދައިގެންނެވެ. ޕެނަލްޓީން ނަތީޖާ ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ލަނޑުން ދެ ޓީމު އެއްވަރުވުމުންނެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި އިމިގްރޭޝަންގެ ލަނޑު އަހްމަދު އަޝްފާން ކާމިޔާބުކޮށްދިން އިރު، ބީއެމްއެލްގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހު އެވެ.

ޔޭޔޭ އައިޑިއާސް ކަޕްގެ ސެމީގައި އެސްޓީއޯ އާއި ކަސްޓަމްސް ބައްދަލުކުރި މެޗުގެ ތެރެއިން: އައިޑިއާސް ކަޕްގެ ސެމީގެ މެޗުތަކުން މޮޅުވެ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ އިމިގްރޭޝަނާއި އެސްޓީއޯ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ކަސްޓަމްސް އަތުން އެސްޓީއޯ މޮޅުވީ ޕެނަލްޓީގައި 3-1 ލަނޑުން ކުރި ހޯދައިގެންނެވެ. އެ މެޗު ވެސް ޕެނަލްޓީ އަށް ދިޔައީ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ލަނޑުން ދެ ޓީމު އެއްވަރުވުމުންނެވެ. މެޗުގެ ފުރަތަމަ ވަގުތުގެ ތެރޭގައި އެސްޓީއޯގެ ލަނޑު އަރުޝަދު ކާމިޔާބުކޮށްދިން އިރު، ކަސްޓަމްސްގެ ލަނޑު ކާމިޔާބުކޮށްދިނީ މުމްތަރް އަބްދުލް ރަޝީދެވެ.

އިމިގްރޭޝަނާއި އެސްޓީއޯ ބައްދަލުކުރާ އައިޑިއާސް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ.

ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ 20 އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް